ވިޔަފާރި

ކްރެޑިޓް ގެރެންޓީ ސްކީމްގެ ފުރަތަމަ ބޭރު ބޭންކްއަކަށް އެސްބީއައި

Sep 22, 2016
  • އެސްބީގައިއިން ގިނަ ލޯނުތަކެއް ދީފައިވާ
  • ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އެހީތަކެއްވި
  • އަބަދުވެސް އެހީވާން ކަމަށް ސީއީއޯ ވިދާޅުވި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން ތައާރަފުކޮށްފައިވާ، ކްރެޑިޓް ގެރެންޓީ ސްކީމުގައި ބައިވެރިވި ފުރަތަމަ ރާއްޖޭން ބޭރުގެ ބޭންކްއަކަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) ވެއްޖެ އެވެ.

އިންޑިޔާގައި މި އަހަރު ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ލޯންޗް ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްބީގައިގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝަންކަރު ނާރަޔަން ވިދާޅުވީ އެ ބޭންކުން ރާއްޖޭން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވަމުންދާ ކަމަށެވެ. މިގޮތުން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފުކޮށްފައިވާ ކްރެޑިޓް ގެރެންޓީ ސްކީމުގައި ވެސް ބައިވެރިވެފައިވާ ކަމަށާއި، މިއީ މި ސްކީމްގައި ބައިވެރިވި ފުރަތަމަ ރާއްޖޭން ބޭރުގެ ބޭންކް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްބީއައި އިން ރާއްޖޭގެ އިގްތިސާދަށް ގިނަ އެހީތަނެއް ވެދީފައިވާ ކަމަށާއި، މިގޮތުން ރާއްޖެއަށް ދިމާވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި އިންވެސްޓްމަންޓް ބޮންޑްގެ ގޮތުގައި 100 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި އެސްބީއައިގެ ހުރިހާ ވަސީލަތްތަކެއް ހުންނާނީ ރާއްޖޭގެ އިގްތިސާދާއި ވިޔަފާރިއަށް ހާއްސަކޮށްފައި ކަމަށެވެ.

"އިގްތިސާދީ ހީނަރުކަމުން އަރައި ގަތުމަށް ސަރުކާރުން އިންވެސްޓްމަންޓް ބޭނުންވި ވަގުތު ބޮންޑް އިންވެސްޓް ކޮށްފައިވާނެ. އިންޑިޔާ ސަރުކާރުން ވަނީ ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 50 މިލިއަން ދީފައި،" ޝަންކަރު ވިދާޅުވި އެވެ.

އެސްބީއައިއަކީ 1974 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދެމުން ގެންދާ ބޭންކެކެވެ. އެސްބީއައިއިން މިހާތަނަށް 341 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.