ވިޔަފާރި

ރާއްޖެ އެދޭ ގޮތަށް ވިޔަފާރީގައި ކުރިއަށްދާން އިންޑިޔާ ތައްޔާރު: ސަފީރު

Sep 22, 2016
  • ދެ ގައުމުގެ މެދުގައި އޮތީ ހިތާ ހިތުގެ ގުޅުމެއް
  • އިންޑިއާގެ ވިޔަފާރިތަކާ މެދު ގުޅުން ބަދަހި ކުރެވޭނެ
  • އިންވެސްޓްމަންޓް ފޯރަމަކީ އިންވެސްޓްމަންޓްތަކަށް ހުޅުވޭ މަގެއް

ރާއްޖެ އެދޭ ގޮތަށް ވިޔަފާރީގައި ކުރިއަށް ދާން އިންޑިޔާ އޮތީ ތައްޔާރަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

އިންޑިޔާގައި ނޮވެމްބަރު މަހު އޮންނަ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް 2016 ލޯންޗް ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސަފީރު މިޝްރާ ވިދާޅުވީ ރާއްޖެއާ-އިންޑިއާޔާ ދެމެދު އޮތީ އާދައިގެ ގުޅުމަކަށް ވުރެ ބޮޑަށް ހިތާ ހިތުގެ ގުޅުމެއް ކަމަށެވެ.
ސަފީރު ވިދާޅުވީ މި އާދަޔާ ހިލާފު ރަހުމަތްތެރި އަދި އެއްބަނޑުއެއްބަފާ ގުޅުމުގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ވަނީ އެކި ގޮތްގޮތަށް ތަނަވަސްވެފަ އެވެ.

ސަފީރު ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. މިގޮތުން ރާއްޖޭން އެދޭގޮތަށް، އިންވެސްޓްމަންޓްތައް ކުރުމަށް އިންޑިއާގެ ވިޔަފާރިތައް ކުރިއަށް ދިއުމަށް އޮންނާނީ ތައްޔާރަށް ކަމަށް ސަފީރު ވިދާޅުވި އެވެ. އެހެން ނަމަވެސް އިންޑިއާގެ ވިޔަފާރިވެރިންނާ މެދު ރާއްޖެއިން ވާހަކަ ދައްކާ ވަރު އިތުރު ކުރަން ޖެހޭ ކަން ސަފީރު ފާހަގަ ކުރެއްވި އެވެ. އެގޮތުން އިންވެސްޓްމަންޓް ފޯރަމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ އާދައިގެ ވިޔަފާރިއަށް ވުރެ ފުނަށް ދާން ޖެހޭ. ވިޔަފާރިއަކީ ރާއްޖެއަށް އެންމެ ފައިދާކުރާނެ ދާއިރާތަކަށް ވާން ޖެހޭ،" މިޝްރާ ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމަށް ގޮސްތިބި ވިޔަފާރިވެރިންނަށް އިޝާރާތް ކުރައްވައި، ސަފީރު ވިދާޅުވީ ދިވެހިން ކުރިއަށް ދާނެ ވިޔަފާރީގެ ދާއިރާތައް އެނގެނީ ދިވެހިންނަށް ކަމަށާއި، އެ ދާއިރާތައް އިންޑިއާގެ ވިޔަފާރިވެރިންނަށް އިތުރަށް ބުނެދޭން ޖެހޭ ކަމަށެވެ. ނަމަވެސް ވިޔަފާރީގެ ކޮންމެ މުއާމަލާތެއް ވެސް ދެފުން ފެންނަން ޖެހޭ ކަމަށާއި، އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ސަފީރު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭނުންވާ އިންވެސްޓަރުން ހޯދައި ދިނުމަށް އިންޑިއާގެ ސަރުކާރުގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ.

"މި ފޯރަމްގެ ކުރިން ރާއްޖޭގައި އިންޑިއާގެ ވިޔަފާރިވެރިންނަށް ބްރެއިން ސްޓޯމިން ސެޝަންތަކަށް ކުރިއަށް ގެންދަން އަޅުގަނޑު ބޭނުން. އަދި މި ފޯރަމަށް ބޭނުންވާ ފަދަ ތަރުހީބެއް ހޯދައިދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮސްދޭނަން،" މިޝްރާ ވިދާޅުވި އެވެ.

އިންޑިޔާގެ ނިއު ދިއްލީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ރާއްޖޭން ތައްޔާރުވަމުންދާއިރު، ފޯރަމް އޮތީ ނޮވެމްބަރު މަހު 21-22 އަށެވެ. އަދި އެ ފޯރަމް ރޭ އިއުލާންކޮށް ބައިވެރިވުމާއި ސްޕޮންސޝިޕްއަށް ވަނީ ހުޅުވާލައިފަ އެވެ.