ވިޔަފާރި

"ގެސްޓްހައުސް ވިޔަފާރިން މުޅި ޓޫރިޒަމަށް ފައިދާކުރޭ"

  • ގެސްޓްހައުސް ދާއިރާ ރެގިއުލޭޓް ކުރަން ޖެހޭ
  • ރާއްޖޭގައި މި ވިޔަފާރިއަށް އޮތް ފުރުސަތު ބޮޑު
  • ބޮޑު އެއް މައްސަލައަކީ މުވައްޒަފުން ނުލިބުން

"ގެސްޓްހައުސް ވިޔަފާރި 2010 ގައި ފެށިގެން އައިރު، މިވަރުގެ މާކެޓަކަށް ވާނެ ކަމަށް މީހުން ގަބޫލެއް ނުކުރޭ،" މީހުން ދިރިއުޅޭ ރަށެއްގައި ގެސްޓްހައުސްއެއް ހުޅުވުމަށް ފުރަތަމަ ހުއްދަ ލިބިވަޑައި ގަތް އަހުމަދު ނަސީރުގެ އޭރުގެ ތަޖުރިބާ އެވެ.

އެއީ މާޒީއެވެ. މާޒީ ފުރަގަސްދީ މިއަދުގެ ހާލަތައް ބަލާއިރު މުޅި ރާއްޖޭގައި 300 އަށްވުރެ ގިނަ ލޯކަލް ގެސްޓް ހައުސް އެބަހުއްޓެވެ. މި ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކ. މާފުށީގައި އެކަނިވެސް 45 ގެސްޓްހައުސް ހިންގަ އެވެ. އެ ރަށުގައި އަބަދު ވެސް 700 ޓޫރިސްޓުން ހިދުމަތް ހޯދަ އެވެ. މިއީ ގާތްގަނޑަކަށް 700 އެނދެވެ. މި ވިޔަފާރިން މާފުށިން އެކަނިވެސް އަހަރަކު އެއް މިލިއަން ޑޮލަރު ސަރުކާރަށް ލިބެ އެވެ. މި ދާއިރާގައި ހުރި އިންވެސްޓްމަންޓްތަކަށް ބަލާއިރު މިއީ މިލިއަން، މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ތަކެވެ.

މާފުށީގައި "ވައިޓް ޝެލް" ގެ ނަމުގައި ގެސްޓްހައުސް ހިންގަމުން ގެންދާ ސީއެމްޑީއޭގެ ސީއީއޯ ނަސީރު ވިދާޅުވީ މިހާރު ގެސްޓް ހައުސް މާކެޓު ވެފައިވަނީ މުޅި ޓޫރިޒަމަށް ވެސް ފައިދާ ކުރުވަނިިވި ދާއިރާ އަކަށް ކަމަށެވެ.

"މާފުށީ ގެސްޓްހައުސްތަކަށް ރިޒަވޭޝަން ހަދައިގެން އާދެ ރިސޯޓުތަކުގައި ތިބޭ މީހުން. އެ މީހުންދޭ މާފުއްޓަށް ވެސް. މިއީ ޑައިރެކްޓް ކޮމްޕެޓިޝަންއަށްވުރެ ކޮމްޕިމެންޓްވާ އެއްޗެއް. މިސާލަކަށް މާފުށީގައި ތިބޭ މީހުންދޭ ބިޔާދޫ ރިސޯޓަށް ސްޕާއަށް. ވޯޓާ ސްޕޯޓްސްއަށް ވެސް. ބިޔާދޫ ބުނެވިދާނެ އެއީ ތްރީ ސްޓާ ޕްރޮޕަޓީއެކޭ. އަނަންތަރާއަށް ވެސް ދޭ. އެހެންވެ މި ދާއިރާގެ ސަަބަބުން މުޅި އިންޑަސްޓްރީއަށް ފައިދާކުރޭ،" ނަސީރު ވިދާޅުވި އެވެ.

މި އިންޑަސްޓްރީން މުޅި ޓޫރިޒަމަށް މިހާރު މަންފާކުރިނަމަވެސް، ފުރަތަމަ މި ވިޔަފާރީގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ނަސީރު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ވަރަށް ބޮޑު ޗެލެންޖެއް މިއީ. އޭރު ގިނަ މީހުންނެއް ގަބޫލެއް ނުކުރޭ ގެސްޓް ހައުސް އިންޑަސްޓްރީއަކީ މިހާ އަވަހަށް ސަކްސަސްފުލް އެއްޗަކަށް ވާނެ ކަމަށް. އެންމެ ފުރަތަމަ މާފުށީގައި މާކެޓު ކުރަމުން ދިޔައިރު ރިސޯޓުތައް ވިއްކާ ޓްރެވަލް އެޖެންޓުން ވެސް އެއްހާ ބޮޑަށް އެއްބާރުލުމެއް ނުލިބޭ. އެއީ އަލަށް އައިކަމަށްވެފައި ފެންނަން ނެތް އެއްޗަކަށްވާތީ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދުވަސްވަރު ރަށްރަށުގެ ގޭގައި ގެސްޓް ހައުސްތައް ހިންގާތީ، ރޫމްތައް ވިއްކަން އެޖެންޓުން ވެސް ބޭނުންނުވާ ކަމަށެވެ.

"ޓޫރިސްޓު ބޮޑެތި ގްރޫޕްތަކަށް ބަލާއިރު، މިސާލަކަށް ޗައިނީސް މީހުން. މި އަންނަނީ ގްރޫޕް ހަދާފަ. އޭރު އަޅުގަނޑުމެންގެ ކޮޓަރިތައް 10 ކޮޓަރިވެސް ހަމަނުވޭ. އެހެންވެ އެމީހުންވެސް ނުބެހެއްޓޭ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދުވަސްވަރު މާފުއްޓާއި ކައިރި ރިސޯޓުތަކަށް ޓޫރިސްޓުން ގެންދިއުމުގައި ވެސް ދަތިތައް ކުރިމަތިވި ކަމަށެވެ.

"ޓޫރިސްޓުން ރިސޯޓު ސްޕާފަދަ ތަންތަނަށް ގެންދަން އުޅުނީމަވެސް އެކަން ނުކުރަން އުޅެނީ. ނަމަވެސް މިހާރު މި އޮތީ އެކަން އެކޮޅު ކޮޅުން ޖެހިފައި. މިހާރު އިންވައިޓްކޮށްގެން ވެސް ގެންދޭ. ބޮޑެތި ހާޑްވެއާ ކުންފުނިތައްވެސް ކޮންމެ ދުވަހަކު ގުޅާނެ ކޮންމެ ވެސް އެއްޗެއް ވިއްކަން. މިހާރު ކައިރީގައި ހުރި ރިސޯޓުތަކުން ޓުއާތަކަށް ވެސް ގެންދޭ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ގެސްޓް ހައުސް ވިޔަފާރިއަކީ ވިޔަފާރީގެ ފުރުސަތުތައް ހުރި ދާއިރާއެއް ކަމަށެވެ.

"މިހާރު ފައިދާ ފެންނަން ފެށީމަ ރިއަލައިޒް ވެއްޖެ މިއީ ބިޒްނަސް އޮޕަޖޫނިޓީ އެއް އޮތް ދާއިރާއެއް ކަން،" ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރީގެ ކާމިޔާބު ވާހަކަ ދައްކާއިރު މި ދާއިރާއަކީ ރަނގަޅަށް ބަލަހައްޓަން ހަރުދަނާ ޕޮލިސީސް ތަކެއް ހަދަން ޖެހޭ ކަމަށާއި، ތަރައްގީ ކުރަން މަސައްކަތްތަކެއް ވެސް ކުރަން ޖެހޭ ކަމަށެވެ.

"ގެސްޓް ވިޔަފާރީގެ ސަކްސަސް ސްޓޯރީގެ ވާހަކަ ދައްކާއިރު، މީހުން ދިރިއުޅޭ ރަށެއްގައި ޓޫރިސްޓުން އުޅޭއިރު ދިމާވާނެ މައްސަލަތަކެއް ވެސް ހުންނާނެ. ނަމަވެސް މިކަހަލަ އިޝޫތަކަށް ޓެކުލް ކުރާނެ ވާހަކަތަކެއް ނުދެކެވޭ. މީގެ އިތުރުން ސެކިއުރިޓީ ވައިސް އަދި ޑިޒާސްޓާ މެނޭޖުމަންޓުގެ ދާއިރާއިންވެސް އިޝޫ އެބަހުރި. އެބަޖެހޭ ހަރުދަނާ ސިޔާސަތު ވެސް ތަކެއް ހަދަން،" ނަސީރު ވިދާޅުވި އެވެ.

މި ދާއިރާގައި އަނެއް މައްސަލައަކީ ވަޒީފާއަށް މީހުން ނުލިބުމެވެ. މިއީ ގެސްޓްހައުސް އިންޑަސްޓްރީއަށްވެސް އޮތް ގޮންޖެހުމެއްގެ ގޮތުގައި ނަސީރު ފާހަގަ ކުރެއްވި އެވެ.

"ޓޫރިޒަމް އިންޑަސްޓްރީއަކީ ވަރަށް ގާބިލް މީހުން ބޭނުންވާ އިންޑަސްޓްރީއެއް. ކުދިކުދި ރައްރަށުގައި ގެސްޓްހައުސް މިހުރީ އެހެންވެ މާގިނަ މީހުނެއް ނޫޅޭނެ. އެހެންވެ އަނެއްކާ ވެސް ބޭރު މީހުން ގެންނަން ޖެހެނީ ވަޒީފާއަށް. ފުރަތަމަ މާފުށީގައިވެސް ގެންގުޅުނީ ރަށު ކުދިން. ނަމަވެސް ގިނަ ތަންތަން ހުޅުވުމުން ހުރިހާ ކުދިންވެސް ބެހިގެންދާނެތާ. އެ ވަރަކަށް މުވައްޒަފުންނެއް ނުލިބޭނެތާ. މިއީ މައްސަލައެއް."

ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އިންޑަސްޓްރީއަށް އެވެ. މި ވިޔަފާރީގެ މިހާރުގެ އަމާޒަކީ 2020 އަންނަންވާއިރަށް އަހަރު ފަސް ލައްކަ ޓޫރިސްޓުން ގެނައުމެވެ.