ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސު ބޭއްވުމަކީ ދެކެމުން އައި ހުވަފަނެއް: ނަސީރު

Sep 23, 2016
1
  • ގެސްޓްހައުސް ކޮންފަރެންސް އޮތީ ހޮނިހިރު ދުވަހު
  • ކޮންފަރެންސުގައި 150 ގެސްޓް އޯނަރު
  • ހާއްސަ ބޭފުޅުންގެ ވާހަކަ ދެއްކުން ވެސް އޮންނާނެ

ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސު ބޭއްވުމަކީ ދެކެމުން އައި ހުވަފަނެއް، ހަގީގަތަކަށްވުން ކަމަށާއި، މިފަދަ އިވެންޓެއް ގެސްޓްހައުސް އިންޑަސްޓްރީއަށް މުހިންމު ކަމަށް ސީއެމްޑީއޭގެ ސީއީއޯ އަދި މާފުށީގައި ފުރަތަމަ ގެސްޓްހައުސް ހިންގުމަށް ހުއްދަ ލިބުނު، އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ސީއެމްޑީއޭގެ ސީއީއޯ ނަސީރު ވިދާޅުވީ އެންމެ ފުރަތަމަ ގެސްޓް ހައުސް ވިޔަފާރި ފެށި މީހެއްގެ ހައިސިއްޔަތުން މިފަދަ ކޮންފަރެންސެއް ގެސްޓްހައުސްތަކަށް ރާއްޖޭގައި ބޭއްވުމަކީ ލިބިގެންދާ ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ވަރަށް މުހިންމު ކޮންފަރެންސެއް ނުވަތަ އިވެންޓެއް ސިދާ ގެސްޓްހައުސްތަކަށް ބާއްވާ. އަޅުގަނޑުމެން އުފާކުރާ ކަމެއް. ވަރަށް ބޮޑަށް ދެކެމުން އައި ހުވަފެނެއް އެސޯސިއޭޝަންގެ ލެވަލްގައި މަސައްކަތް ކުރުން. މިއެތި ޕްރޮމޯޓް ކުރުމަށްޓަކައި ބަޔަކު އެކުލަވައިގެން މަސައްކަތް ކުރުން،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކޮންފަރެންސުގައި ބޮޑެތި ޕާޓްނަރުން ބައިވެރިވާ ކަމަށާއި، މިއީ މުހިންމު އިވެންޓެއް ކަމަށެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުގައި ބައްދަލުވުމާ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. ގެސްޓް ހައުސް ކޮންފަރެންސް އޮތީ ހޮނިހިރު ދުވަހު ދަރުބާރުގޭގަ އެވެ.