ވިޔަފާރި

150 ގެސްޓްހައުސްއާ އެކު ފުރަތަމަ ގެސްޓްހައުސް ކޮންފަރެންސް ފަށައިފި

Sep 24, 2016
1

ސަތޭކަ ފަންސާސް ގެސްޓްހައުސް އޯނަރުންނާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާ އެކު "ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް" ފަށައިފި އެވެ. މިއީ ރާއްޖޭގައި ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ބޭއްވޭ މިފަދަ ފުރަތަމަ ގެސްޓް ހައުސް ކޮންފަރެންސް އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ގެސްޓްހައުސް ކޮންފަރެންސުގައި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ގެސްޓްހައުސް ވިޔަފާރިތަކަށް އެކި ޕްރޮޑަކްޓްތައް ވިއްކާ ވިޔަފާރިތައް ބައިވެރިވެފައިވެ އެވެ. މި ކޮންފަރެންސް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު މުނައްވަރެވެ.

ގެސްޓްހައުސް ކޮންފަރެންސް ފައްޓަވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ މި ގެސްޓްހައުސް ކޮންފަރެންސްއަކީ ކުރިއަރަމުން އަންނަ ގެސްޓްހައުސް އިންޑަސްޓްރީއަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، މި ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޓޫރިޒަމް އިންޑަސްޓްރީގެ މިސާލެއް ކަމަށެވެ. އަދި ޒުވާނުން ތަރައްގީކޮށް ވިޔަފާރީގެ ތެރެއަށް ނެރުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް ވިދާޅުވި އެވެ.

އެއް ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގެސްޓްހައުސް ކޮންފަރެންސުގައި ބޭރުގައި މި ވިޔަފާރިއަށް ހާއްސަ ޕްރޮޑަކްޓްތައް ލޯންޗް ކުރުންވެސް އޮންނާނެ އެވެ.

މި ކޮންފަރެންސްގައި، އަގޯޑާ އާއި އެމެރިކަން އެކްސްޕްރެސް ފަދަ ދުނިޔޭގެ މަޝްހޫރު ވިޔަފާރި ބްރޭންޑްތަކުގެ މަންދޫބުން ބައިވެރިވެ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.