ވިޔަފާރި

މާލީ ދަތިކަމާ އެކުވެސް މެގަ މޯލްޑިވްސްއިން އިތުރު ފްލައިޓެއް ގެނެސްފި

Sep 25, 2016

ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަށް އުދުހެމުން ގެންދާ "މެގަ މޯލްޑިވްސް" އިން މުޅިންއާ މަތިންދާ ބޯޓެއް ރޭ ގެނެސްފި އެވެ. އެ ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާ ކަމަށް ބުނެ، އެ ކުންފުނީގެ މުވައްޒަފުން ތަކެއް މި ފަހުން ވަނީ ވަޒީފާއިން ވަކިކުރަން ނޯޓިސް ވެސް ދީފަ އެވެ.

މެގަ މޯލްޑިވްސްގެ ސީއީއޯ ޖޯޖް ވަނީ މުޅިންއާ ބޯޓެއް ގެނެސްފައިވާކަން އޭނާގެ ފޭސްބުކްގައި އިއުލާން ކުރައްވައިފަ އެވެ. "އަވަސް" އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނިން ގެނެސްފައިވަނީ 176 މީހުންގެ ޖާގައިގެ ބޯޓެކެވެ. ނަމަވެސް އެ ކުންފުނިން އިތުރު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މެގަ މޯލްޑިވްސްއިން އާ ފްލައިޓެއް ގެނައިއިރު، ރާއްޖެއަށް އަންނަ ޗައިނާ މާކެޓު ދަށްވުމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށް ވަނީ ހީނަރުކަން ލިބިފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި އެ އެއާލައިނުގެ 65 މަގާމެއް އުވާލުމުގެ އިތުރުން ހުސްކޮށްހުރި 50 މަގާމަށް މުވައްޒަފުން ނެގުން މަޑުޖައްސާލުން ހިމެނެ އެވެ. މިއާއެކު އެ ކުންފުނީގައި ތިބި 400 މުވައްޒަފުންގެ އަދަދު 278 އަށް މަދުކުރުންވެސް ހިމެނެ އެވެ.

މެގަ މޯލްޑިވްސްއިން ދަނީ ޝަންހާއި، ބެއިޖިން އާއި މެލޭޝިޔާގެ ކުއަލަލަމްޕޫރުގެ އިތުރުން ހޮންގްކޮންގާއި ޖަޕާނުގެ ޓޯކްޔޯއަށް އުދުހެމުންނެވެ.