ވިޔަފާރި

އިމްޕޯޓް މައްޗަށް، އެކަމަކު އާމްދަނީ ހަތް ޕަސެންޓް ދަށަށް!

Sep 25, 2016
  • މި އަހަރު 209 މިލިއަން ރުފިޔާ
  • މިދިޔަ އަހަރު 224 މިލިއަން ރުފިޔާ
  • މި އަހަރު އެކްސްޕޯޓް ކުރީ 172 މިލިއަން ރުފިޔާ

މިދިޔަ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި މޯލްޑިވްސް ކަސްޓަމް ސާވިސަސް އަށް ބަލައިގަތް އާމްދަނީ ހަތް ޕަސެންޓް ދަށަށް ގޮސްފި އެވެ. އެހެން ނަމަވެސް މުދާ އެތެރެ ކުރި މިންވަރު ދަށްވެފައެއް ނުވެ އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާ އިރު މި އަހަރުގެ އޯގަސްޓް މަހު ބަލައިގަން އާމްދަނީ ވަނީ ހަތް ޕަސެންޓް ދަށްވެފަ އެވެ. ފާއިތުވި އޯގަސްޓް މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް ލިބުނީ 209.8 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ލިބިފައިވަނީ 224.4 މިލިއަން ރުފިޔާ އެވެ. އިމްޕޯޓް ކުރެވުނު މިންވަރު އިތުރުވެފައިވީ ނަމަވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވަނީ ޑިއުޓީ ނަގާ މުދާ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު ދަށްވެފައިވާތީ އެވެ.

ކަސްޓަމުން ބުނީ މިދިޔަ މަހު އެތެރެ ކުރެވުނު މުދަލުގެ ސީއައިއެފް އަގު މި ދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު ވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ދިވެހިރާއްޖެ އަށް އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި އަހަރުގެ އޯގަސްޓް މަހު މި އަދަދުވަނީ 2.9 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

" ފާއިތުވި އޯގަސްޓް މަހު ރާއްޖޭން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު 18 އިންސައްތަ ދަށަށް ގޮސްފަ އެވެ،" ކަސްޓަމުން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު 210 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ އިރު މި އަހަރުގެ އޯގަސްޓް މަހު މި އަދަދު ވަނީ 172 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

"މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު ދަށްވެފައިވީނަމަވެސް މިދިޔަ ޖޫން އަދި ޖުލައި މަހާ އަޅާބަލާއިރު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރެވުނު މިންވަރު މިދިޔަ އޯގަސްޓްމަހު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ ޖުލައިމަހާ އަޅާބަލާއިރު އޯގަސްޓްމަހު އެކްސްޕޯޓްކުރެވުނު މަހުގެ ބާވަތްތަކުގެ މިންވަރު ގާތްގަނޑަކަށް ދެގުނަ އަށް އިތުރުވެފައިވެ އެވެ،" ކަސްޓަމުން ބުނެފައިވެ އެވެ.