ހަބަރު

އެއާޕޯޓް ތަރައްގީއަށް ސައުދީ އިން 100 މިލިއަން ޑޮލަރު ދޭން ސޮއިކޮށްފި

  • އެ ލޯނު ދެނީ ސައުދީ ޑިވަލޮޕްމަންޓް ފަންޑުން
  • ލޯނުން އިމާރާތް ކުރަނީ އާ ޓާމިނަލް އިމާރާތް
  • ލޯނު ދައްކަން 25 އަހަރުގެ މުއްދަތު ލިބޭ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އައިއެންއައިއޭ ތަރައްގީ ކުރުމަށް ހިންގާ 800 މިލިއަން ޑޮލަރު މަޝްރޫއަށް، ސައުދީ ފަންޑް ފޯ ޑިވަލޮޕްމަންޓުން ދޭ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމުގައި އެ ފަންޑާ އެކު މިރޭ ސޮއިކޮށްފި އެވެ.

މިރޭ ކުރުބާ މޯލްޑިވްސް ރިސޯޓްގައި ބޭއްވި ހަފްލާގައި އެ ލޯނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސައުދީ ފަންޑްގެ ފަރާތުން ސޮއި ކުރެއްވީ، އެ ފަންޑްގެ ވައިސް ޗެއާ އަދި އެމްޑީ ޔޫސުފް އަލް ބައްސާމް އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

އެ ލޯނަކީ އެއާޕޯޓް ޓާމިނަލް އަޅަން ދޭ ލޯނެކެވެ. އެ ލޯނަކީ ފަސް އަހަރު ދުވަހުގެ ގްރޭސް ޕީރިއަަޑަކާ އެކު 25 އަހަރު ދުވަސް ތެރޭ ދައްކާ ހަލާސް ކުރާ ގޮތަށް ދިން ލޯނެކެވެ. އެ ލޯނު ދެނީ ދެ ޕަސެންޓް އިންޓަރެސްޓްގައި ކަމަށް ފިނޭންސްއިން ބުންޏެވެ. އެއީ ވަރަށް ރަނގަޅު އިންޓަރެސްޓް ރޭޓެއްގައި ކަމަށް ސައުދީ ފަންޑުން ބުންޏެވެ.

އާ ޓާމިނަލް އިމާރާތް އެޅުމުގެ 300 މިލިއަން ޑޮލަރުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ބިންލާދިން ގްރޫޕާ އެވެ.

އެއާޕޯޓް ތަރައްގީ ކުރަން ރާއްޖެއިން ވަނީ ކުވައިތުފަންޑާއި އޯޕެކް ފަންޑުން ޖުމްލަ 150 މިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ.

ގާތްގަނޑަކަށް 7.2 މިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް ތަރައްގީ ކުރާ އެއާޕޯޓްގެ މަޝްރޫއު 2018 އަށް ނިމޭ އިރު، އާ ޓާމިނަލް އިމާރާތުގެ އިތުރުން، ފިއުލް ފާމަކާއި ގާކޯ ޓާމިނަލް އަދި މުޅިންއާ ރަންވޭއެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ގާތްގަނޑަކަށް 373 މިލިއަން ޑޮލަރުގެ އާ ރަންވޭ އެޅުމުގެ މަޝްރޫއަށް ބޭނުންވާ، 60 ހެކްޓަރުގެ ބިން ހިއްކައި ރަންވޭ އެޅުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީ އިން މިހާރު ވަނީ ފަށައިފަ އެވެ. އެ މަޝްރޫއަށް ދެން ލޯނުގެ އެހީ ދެނީ ޗައިނާގެ އެގްޒިމް ބޭންކުންނެވެ.