ހަބަރު

ބޭންކް ލޯނުތައް 16 ޕަސެންޓް އިތުރުވެ، 20 ބިލިއަނަށް އަރައިފި: ގަވަރުނަރު

Sep 26, 2016
  • މިއީ މާލީ ދާއިރާއަށް އިތުބާރު އުފައްދަން ޖެހޭ ވަގުތެއް
  • މާލީ ދާއިރާގެ ކުރިއެރުން ފެންނަނީ ވަރަށް ރަނގަޅަށް
  • ބޭންކްތަކުގެ ފައިދާވެސް 17 ޕަސެންޓަށް އިތުރުވެފައިވޭ

މިދިޔަ ދުވަސްތަކުގެ ތެރޭގައި ބޭންކްތަކުން، ދޫކުރި ލޯނުތައް 16 ޕަސެންޓް އިތުރުވެ، 20 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ. އެކަމަނާ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާގެ ކުރިއެރުން ހުރީ ހަލުވި ދުވެލީގައި ކަމަށެވެ.

ހަ އަހަރަށް ފަހު ރާއްޖޭގައި އަނެއްކާ ވެސް ހުޅުވި ފުރަތަމަ ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ސީބީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަޒީމާ ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވި މާލީ ކާރިސާއަށް ފަހު ރާއްޖޭގެ މާލީ ދާއިރާއަށް ކުރިމަތިވި ހާލަތުން އަރައިގަނެވި، ރާއްޖޭގެ މާލީ ދާއިރާގެ ކުރިއެރުން މިހާރު ހުރީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ. ތަފާސްހިސާބުތަކުން ހެކިދައްކަވަމުން ގަވަރުނަރު ވިދާޅުވީ ބޭންކްތަކުގެ އެސެޓްބޭސް 13 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި ބޭންކްތަކުގެ ޑިޕޮސިޓާއި ރައުސްމާލު ވެސް އިތުރުވެފައިވާ ކަމަށެވެ. ފައިދާ ނުވާ ލޯނުތައް އަނބުރާ ދެއްކުން އިތުރުވުމުގެ ސަބަބުން ބޭންކްތަކުގެ ފައިދާ ވެސް 17 ޕަސެންޓް އިތުރުވެފައިވާ ކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.

"މާލީ ކާރިސާއަކަށް ފަހު، ރާއްޖޭގެ މާލީ ދާއިރާގެ ކުރިއެރުން މިހާރު މި ހުރީ ރަނގަޅަށް. އަންދާޒާ ކުރެވެނީ ވަރަށް ޕޮޒިޓިވްކޮށް. ބޭންކްތަކުން ދޫކޮށްފައި ހުރި ލޯނުތައް 16 ޕަސެންޓް އިތުރުވެ، 20 ބިލިއަނަށް މި ވަނީ އަރާފައި،" ގަވަރުނަރު ވިދާޅުވި އެވެ. "މިއީ ރާއްޖެއަށް އަންނަމުންދާ އިގްތިސާދީ ކުރިއެރުން ދައްކުވައިދޭ ކަމެއް. މި ދާއިރާ ކުރިއެރުމުގެ އަސްލަކީ ވެސް މިއީ،"

ގަވަރުނަރު ވިދާޅުވީ އަލަށް މި ހުޅުވި ބޭންކަކީ ދިވެހިންގެ ބޮޑު ހިއްސާއެއް އޮންނަ ބޭންކަކަށް ވުމުން ރާއްޖޭގެ މާލީ ދާއިރާއަށް އިތުބާރު ބޮޑުވެގެން ގޮސް މި ދާއިރާއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި އެބޭންކްގެ އަނެއް ހިއްސާދާރަކީ ލަންކާ ކޮމާޝަން ބޭންކް ކަމަށްވާ އިރު އެ ބޭންކްގެ ގާބިލް ކަމާ މެދު ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ. ތަޖުރިބާކާރު ޓީމަކާ އެކު ސީބީއެމް އަކީ ރާއްޖޭގެ މުހިންމު ބޭންކަކަށް ވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ މާލީ ދާއިރާ ކިތަންމެ ރަނގަޅަށް ކުރިއެރި ނަމަވެސް ދާއިރާގެ ކުރިއެރުމަށް ޓަކައި އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަންޖެހެ އެވެ.

އެގޮތުން މިހާރަށް ވުރެ ބޮޑަށް މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކޮށް އެ ދާއިރާ މިހާރަށް ވުރެވެސް ބޮޑަށް ހުޅުވާލަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި މާލީ ދާއިރާއަށް އާ އިންސްޓްރޫމަންޓްތައް ތައާރަފް ކުރުމާއި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން، ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ވެސް މާލީ ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް ބޭންކިން ހިދުމަތްތަކާއި މާލީ އެހެނިހެން ވެސް ހިދުމަތްތައް ލިބޭނެ ގޮތްތައް މަގުފަހި ކުރުމަށް ގަވަރުނަރު ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއާ މެދު އާންމުންގެ ތެރޭގައި މިހާރަށް ވުރެ ބޮޑަށް އިތުބާރު އުފައްދަން ޖެހޭ ކަމަށެވެ. އަދި މިއީ މާލީ ދާއިރާގެ އިތުބާރު ނަގަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ވަގުތު ކަމަށް ވިދާޅުވި އެވެ. އެގޮތުން އެއީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ބަލައިގެން އެކަން ކޮށްދިނުމަށް އަޒީމާ އެދިވަޑައިގެންނެވި އެވެ.

"މާލީ މުއާމަލާތްތަކުގެ އިތުބާރު ދެމެހެއްޓުމަކީ ސަރުކާރަށް ޓަކައި ކޮށްދޭން ޖެހޭ ކަމެއް ނޫން. އެއީ މުޅި އެންމެހާ ރައްޔިތުންގެ ލާބަޔަށް މާލީ ދާއިރާގެ ކުރިއެރުމަށް ކޮންމެހެން މުހިންމު ކަމެއް، މިކަމުގައި މީޑިއާ އާއި އާންމު ފަރާތްތަކާއި ސިޔާސީ އެންމެހާ ފަރާތްތައް ވެސް އެ ޒިންމާ އަދާކޮށްދެއްވަން ޖެހޭ،" އަޒީމާ ވިދާޅުވި އެވެ.

އަދި މާލީ މުއާމަލާތްތައް ވީހާ ވެސް ހާމަކަންބޮޑުކޮށް އިތުބާރު ހުރި ގޮތެއްގައި ކުރުމާއި ބޭންކިން ސެކްޓާގެ ނަޒާހަތްތެރިކަން ކަށަވަރު ކުރަން އެމްއެމްއޭ އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ. މާލީ ދާއިރާ ހަރުދަނާކުރުމުގެ އިތުރަށް އެ ދާއިރާ ކުރިއަރުވަން ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަމުން ދާނެ ކަމުގެ ޔަގީންކަން ގަވަރުނަރު ދެއްވި އެވެ.