ދުނިޔެ

ޗައިނާގެ ކުންފުނިތައް، ވާދަވެރި އިންޑިއާ އަށް

Sep 26, 2016

ޗައިނާގެ ކުންފުނިތަކުން ކާރުހާނަތައް އިންޑިއާއަށް ބަދަލު ކުރަން ފެށުމުން ޗައިނާގައި ވަޒިފާ ނެތް މީހުންގެ އާބަދީ އިތުރުވަމުން އަންނަ ކަމަށް ޗައިނާގެ ސަރުކާރުން ހިންގަމުން އަންނަ ގުލޯބަލް ޓައިމްސް މީޑިއާއިން ބުނެފިއެވެ.

ގްލޯބަލް ޓައިމްސްގެ އޮންލައިންގައި މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ "ޗައިނާގެ ކުންފުނިތަކުގެ ސިނާއީ ފެކްޓްރީތައް އިންޑިއާއަށް ބަދަލު ކުރުމަކީ ޗައިނާއިން އެކަމާ ކަންވޮޑުވާން ޖެހޭ ކަމެއް" ކަމަަށެވެ.

ޗައިނާގެ އުފެއްދުންތެރިކަމުގެ ދާއިރާގެ ކުންފުނިތަކުން އިންޑިއާގައި ކާރުހާނަތަކުގެ މަސައްކަތް ގާއިމު ކުރުމަކީ ޗައިނާ އާއި އިންޑިއާ ދެމެދު އުފެދިފައިވާ ވާދަވެރިކަމުގެ ތެރެއިން އިންޑިއާގެ ސިނާއަތް ފުޅާ ކުރުމުގެ ދާއިރާ އާ ހަރުފަތަކަށް ގެންދާނެ ކަމެއް" ގްލޯބަލް ޓައިމްސްގައި ލިޔެފައިވައެވެ.

ޗައިނާގެ މުއާސަލަތީ ކުންފުނި ހުއާވީ އިން ވެސް ވަނީ އިންޑިއާގައި އެކުންފުނީގެ މާކެޓް ފުޅާ ކުރުމުގެ ގޮތުން މޯބައިލް އުފައްދާ ފެކްޓްރީ އިންޑިއާއަށް ބަދަލުކޮށްފައެވެ. އެކަމުގެ ސަބަބުން ޗައިނާގެ އެތައް މަސައްކަތްތެރިންނެއްގެ ވަޒިފާ ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން އެ ގައުމުން ވަނީ ފާޅުކޮށްފައެވެ.

"ހަގީގަތަށް ބުނާނަމަ ޗައިނާއަށް މިކަން ނުއުފުލޭނެ. އިންޑިއާގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާ ވަމުން ޗައިނާއިން އުފެއްދުންތެރިކަމުގެ ދާއިރާ އިތުރު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމެއް. ޓެކްނޮލަޖީ ދާއިރާގައި ޗައިނާގެ ލޯކަލް ކުންފުނިތަކުގެ ޓެކްނޮލަޖީގެ އާ އީޖަދުތައް އިތުރުކުންވެސް ޖެހޭ" ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސްގައި ބުނެފައިވެއެވެ.

ޗައިނާ އާއި އިންޑިއާ އަކީ އޭޝިއާގެ އެންމެ ބާރުގަދަ ދެ ގައުމަށްވާއިރު، އިގްތިސޯދީ ދާއިރާއިން އެންމެ ވާދަވެރި ދެ ގައުމަކީވެސް މި ދެގައުމެވެ.