ބޮލީވުޑް

ކަންގަނާގެ ހަގީގަތް ރިތިކް ހާމަކޮށްފިނަމަ ހައިރާންވާނެ: ރާކޭޝް

Sep 27, 2016
1

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ކަންގަނާ ރަނާވަތުގެ ހުރިހާ ސިއްރެއް ބޭޒާރުވެ، ދެމީހުންގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ވަނީ މިއަހަރުގެ ކުރީކޮޅު ފެށިފަ އެވެ.

ކަންގަނާ އާއި ރިތިކްގެ ކޯޅުން ފެށިފައިވަނީ މީޑިއާގައި ރިތިކަށް ނިސްބަތްވާ ގޮތަށް "ސިލީ އެކްސް" އޭ ކަންގަނާ ކިޔާފައިވާތީ އެވެ. ކަންގަނާ، ރިތިކްގެ އަބުރު ގެއްލޭ ފަދަ ގޮތަށް މީޑިއާގައި ވާހަކަދައްކާފައިވާތީ ރިތިކް ވަނީ އޭނާގެ ގާނޫނީ ވަކީލު މެދުވެރިކޮށް ކަންގަނާ އަށް މާފަށް އެދުމަށް ލީގަލް ނޯޓިސްއެއް ފޮނުވާފަ އެވެ. އަދި ރިތިކް އަށް ކަންގަނާ ފޮނުވި ޖަވާބުގައި ވަނީ އޭނާ މީޑިއާގައި ވާހަކަދައްކާފައިވަނީ އެއްވެސް މީހަކަށް ނިސްބަތްކޮށް ވަކި މީހެއްގެ ނަން ބޭނުންކޮށްފައި ނޫން ކަމަށާއި ރިތިކް ވަނީ އޭނާ އަށް އޭނާއަށް ބިރުދައްކަން މަސައްކޮށްފައި ކަމަށް ބުނެ، އޭނާގެ ވަކީލުން މެދުވެރިކޮށް 21 ސޮފްހާގެ ޖަވާބެއް ރިތިކަށް ފޮނުވާފަ އެވެ.

"ކްރިޝް 3" ކުޅެނު ދުވަސްވަރު ރިތިކް އާއި ކަންގަނާގެ ދެމެދުގައި ގާތްގުޅުމެއް އުފެދި މިދެތަރިން ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ކަންގަނާ ބުނެފައިވާއިރު، ރިތިކް ވަނީ މިކަމަށް އިންކާރުކޮށްފަ އެވެ.

ކަންގަނާ އާ ލޯބީގެ ގޮތުން ގުޅިފައިވަނީ ކުރީގެ އަންހެނުން ސުޒާންއާ އިނދެގެން އުޅެމުންނެވެ. ނަމަވެސް މިދެތަރިންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައިފަހުން ކަންގަނާ ރިތިކަށް ނިސްބަތްކޮށް ބުނެވުނު އެއްޗަކުން ދެމީހުންގެ ދެމެދު ވަރުގަދަ ހަނގުރާމަ އެއް އުފެދި އެކަކު އަނެކަކަށް ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުން އައި ދުވަސްވަރު ކަންގަނާގެ ކުރީގެ ލޯބިވެރިޔާ އެކްޓަރު އަދްޔަޔަން ސުމަން ވަނީ ކަންގަނާ އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، އޭނާ އަށް ކަންގަނާގެ ފަރާތުން އެތަކެއް ފުރައްސާރައެއް ކުރިމަތިިވި ކަމަށް ހާމަކޮށްފަ އެވެ. އަދި ކަންގަނާ އެތަކެއް ބައެއްގެ ކުރިމަތީގައި އޭނާގެ ކަންފަތްމަތީގައި ޖަހައި ހަޑިހުތުރު ބަހުން ވާހަކަދައްކާފައިވާ ކަމަށްވެސް އަދްޔަޔަން ވަނީ ބުނެފަ އެވެ.

ކޮންމެއަކަސް ކަންގަނާ އާއި ރިތިކް ކޯޅުމާއި ބަހުގެ ހަމަލާތައް ބަދަލުކުރުން ހުއްޓި އެވާހަކަތައް އޮބިފައިވާއިރު، ރިތިކްގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަން މިވަނީ ރިތިކް އާއި ކަންގަނާގެ ދެމެދުގައި ހިނގި ކަންތައްތަކާ ގުޅޭގޮތުން ކޮންމެވެސް ދުވަހަކުން ރިތިކް ވާހަކަދައްކާނެ ކަމަށާއި އަދި ވާހަކަދައްކައިފިނަމަ ބޭޒާރުވާނީ ކަންގަނާ ކަމަށް ބުނެފަ އެވެ. އަދި ކަންގަނާގެ ހުރިހާ ހަގީގަތެއް ރިތިކް ހާމަކުރާ ދުވަހަކުން އާންމުން ސިއްސައިގެން ދާވަރުގެ ކަންތައްތައް ހާމަވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ދަރިފުޅު ރިތިކާ ބެހޭގޮތުން ވާހަކަދައްކަމުން ރާކޭޝް ވަނީ ރިތިކް އަކީ މީހަކު އޭނާއާ ބެހޭގޮތުން ކިތަންމެ ދޮގު ވާހަކައެއް ދެއްކިޔަސް މަޑުން ހުންނަ މީހެއް ކަމަށާއި ނަމަވެސް މިކަމާ ގުޅޭގޮތުން އޭނާ ހަގީގަތް ހާމަކުރާނެ ކަމަށް ބުނެފަ އެވެ.

ރިތިކް ކަންގަނާ އާ ގުޅޭގޮތުން ހާމަކުރާނީ ކޮން ވާހަކަތަކެއް ކަން ރާކޭޝް ބުނެފައިނުވާއިރު، މިދެތަރިންގެ ދެމެދުގައި އޮތް ކޯޅުން އެހާފަސޭހައިން ނުނިމޭނެކަން މިވަނީ ހާމަވެފަ އެވެ. ރިތިކްގެ ބައްޕަ ކަންގަނާ ކުށްވެރިވާ ގޮތަށް ވާހަކަދައްކާފައިވާއިރު މިކަމާ ގުޅޭގޮތުން އަދި ކަންގަނާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިހާރު ރިތިކްގެ "ކާބިލް" ގެ މަންޒަރުތައް ނަގަމުން އަންނައިރު، ކަންގަނާ އަންނަނީ "ސިމްރަން" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.