ބޮލީވުޑް

ކްރިސް މާޓިން ކެޓްރީނާ އާ މުހާތަބު ކުރީ "ކަޕޫރް"ގެ ނަމުން

Sep 27, 2016

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހައަހަރުވީ ލޯބީގެ ގުޅުން މިއަހަރުގެ ކުރީކޮޅު ނިންމާލި ވާހަކައަކީ އަދިވެސް ހުއްޓުމެއްނެތި އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައެވެ.

ނިއުޔޯކްގެ ސެންޓްރަލް ޕާކްގައި ބޭއްވި ގްލޯބަލް ސިޓިޒަން ފެސްޓިވަލް 2016 ގައި ހޮލީވުޑްގެ އެކި ލަވަކިޔުންތެރިންގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވާއިރު، މިއިވެންޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވަނީ ނޮވެމްބަރު މަހުގައި އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފެސްޓިވަލްގައި އިންޑިއާއިން ޕާފޯމްކުރާނެ ތަރިންނާއި ލަވަކިޔުންތެރިންގެ ނަންތައް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ބްރިޓިޝް ޕޮޕް ބޭންޑް "ކޯލްޑްޕްލޭ" ގެ ލީޑްވޯކަލިސްޓް ކްރިސް މާޓިން، ބަތަލާ ކެޓްރީނާ ކައިފްގެ ނަން "ކެޓްރީނާ ކައިފް ކަޕޫރް" ގެ ގޮތުގައި ބުނެވުމުންނެވެ.

އިންޑިއާގައި ބާއްވާ މިފެސްޓިވަލްގައި އައިޓަމްތައް ހުށަހަޅާނެ ތަރިންގެ ނަންތައް ކިޔަމުން، މިއިވެންޓްގެ މާޓިން އަށް ކެޓްރީނާ އަށް ކަޕޫރުގެ ގޮތުގައި މުހާތުބު ކުރެވުމުން އޭނާ ކައިރީގައި އިން ޕްރިޔަންކާ އަށް ވަގުތުން "އޯ" އޭ ބުނެވުމުން މާޓިން ވަނީ އޭނާ އަށް ނަން ނުބައިކޮށް ކިޔުނޯތޯ އަހާފަ އެވެ. ޖަވާބުގައި ޕްރިޔަންކާ ވަނީ ނޫން ކަމަށާއި ތިޔަ ބުނެވުނު ނަމަކީ ވަރަށް ކައިރިކުރި ނަމެއް ކަމަށް ބުނެ ހިނިގަނޑެއް ޖަހާފަ އެވެ.

ނޮވެމްބަރު 19 ވަނަ ދުވަހު އިންޑިއާގެ މުމްބައިގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޝޯގައި ކޯލްޑްޕްލޭގެ ހާއްސަ ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެއިރު، އެބޭންޑްގެ އިތުރުން ލަވަކިޔުންތެރިޔާ ޖޭޒީ އާއި ބޮލީވުޑްގެ ތަރިންގެ ތެރެއިން އާމިރް ޚާން، ރަންވީރް ސިންގް، ކެޓްރީނާ، ފަރްހާން އަހްތަރު، ކަރީނާ ކަޕޫރް އާއި އަރްޖުން ކަޕޫރުގެ އިތުރުން ޝްރަދާ ކަޕޫރު މިޝޯގައި ފެނިގެންދާނެ އެވެ. އަދި މިއުޒިކް ކޮމްޕޯޒާ އޭއާރް ރަހްމާން އާއި ޝަންކަރް އެހްސާން ލޯއީގެ އިތުރުން ލަވަކިޔުންތެރިން ކަމަށްވާ އަރިޖިތް ސިންގް އާއި މޮނަލީ ޓާކުރާގެ ލަވަތައް ވެސް ފެނިގެންދާނެ އެވެ.

ކޯލްޑްޕްލޭގެ މިކޮންސަޓްގެ ޓިކެޓް ވިއްކަން ފެށުމާއެކު ޓިކެޓްގެ އަގު 25،000 ރުޕީޒްއިން މަތީގައި އުޅޭކަމުގެ އަޑުތަކެއްވެސް އަރާފައިވާއިރު، ޓިކެޓްތައް ވިއްކާފައިވަނީ 5،000 ރުޕީޒްއިން ފެށިގެންނެވެ. މިކޮންސަޓްގެ ޓިކެޓް ވިއްކަން ފެށިތާ ގަޑިއިރުތަކެއްގެ ތެރޭގައި ހުރިހާ ޓިކެޓެއް ހުސްވެފައިވާ ކަމަށްވެ އެވެ.