ބޮލީވުޑް

ރޭޕް ކަލްޗާއާ ދެކޮޅަށް އުފެއްދި ބޮލީވުޑް ފިލްމަށް ބޮޑު ތަރުހީބެއް

Sep 27, 2016

އެ ފިލްމަކީ މި މަހުގެ 16 ވަނަ ދުވަހު ޕްރިމިއާކުރި ކޯޓްރޫމް ޑްރާމާ "ޕިންކް" އެވެ. މިއީ އަނީރުއްދާ ޗައުދްރީ ޑައިރެކްޓްކޮށް ބޮލީވުޑްގެ ސުޕަސްޓާ، އަމީތާބު ބައްޗަން ލީޑްރޯލު ކުޅެފައިވާ ފިލްމެކެވެ.

އަމީތާބަށް ފަހު ފިލްމުގައި ގިނައީ ތާޕްސީ ޕައްނޫ އާއި ކިރްޓީ ކުހާރީ ފަދަ ބޮލީވުޑްގެ އާ މޫނުތަކެވެ.

ނަމަވެސް މިއީ އާދައިގެ ފިލްމެއް ނޫންކަން އެ ފިލްމު މި ވަނީ ސާބިތުކޮށްދީފަ އެވެ. ގާތްގަނޑަކަށް 23 ކްރޯޑްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ވަނީ މިހާތަނަށް ބޮކްސް އޮފީހުގައި 84.78 ކްރޯޑް ރުޕީސް ލިބިފަ އެވެ. ފުރަތަމަ ހަފުތާ ބަންދުގައި އެކަނި ވެސް 21.51 ކްރޯޑް ރުޕީސް ނެގި އެވެ.

މި ފިލްމު ބެލި އިންޑިއާގެ މަޝްހޫރު ފިލްމު ކްރިޓިކުންގެ ތައުރީފު ވެސް ފިލްމަށް އޮހެމުން އަންނައިރު އެމީހުން ބުނަނީ މިއީ މި އަހަރު ބޮލީވުޑުން ނެރޭ އެންމެ މޮޅު ފިލްމަށް ވެދާނެ ކަމަށެވެ.

މި ފިލްމުގެ ވާހަކަ އިންޑިއާގެ އިޖުތިމާއީ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅެ އެވެ. ފިލްމުގައި ދައްކުވައި ދެނީ ޖިންސީ ފުރައްސާރަ އާއި އަނިޔާގެ ޝިކާރައަކަށްވާ ތިން އަންހެން ކުދިންގެ ވާހަކަ އެވެ.

ފިލްމުގައި ދެން ދައްކުވައި ދެނީ މި ތިން އަންހެން ކުދިން ކުށްވެރިވެ، އެ މީހުންގެ ދިފާއުގައި އަމީތާބު ބައްޗަން ވަކާލާތުކޮށް ކޯޓުގައި ކުރިއަށް ގެންދާ ހޫނު ބަހުސްތަކާއި އަސަރުގަދަ މަންޒަރުތަކެކެވެ. ރޭޕް ކަލްޗާ ދިފާއުވާގޮތަށް އިންޑިއާގައި އެކުލަވާލާފައިވާ ސިޔާސަތުތަކާއި ގަވާއިދުތަކުގެ މައްސަލަތައް މި ފިލްމުގައި ވަރަށް ބޮޑަށް ހައިލައިޓްކޮށްދެ އެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ޗައުދްރީ ބުނެފައި ވަނީ އޭނާގެ ފިލްމަކީ އިންޑިއާގައި ކޮންމެ ދުވަހަކު ހިނގާ ކަންކަމުގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށެވެ.

"އަންހެނަކަށް ބަލާފައި، އެމީހަކު ހުންނަ ގޮތަކުން އެމީހަކު ޖަޖުނުކުރުމަށް ގޮވާލާ ފިލްމެއް ޕިންކް އަކީ،" ޑައިރެކްޓަރު ބުނެފައިވެ އެވެ.