ހަބަރު

މިއަހަރުގެ ތެރޭގައި އިތުރު ނުވަ ރިސޯޓެއް ހުޅުވަނީ

Sep 27, 2016
2
  • ހަތަރު ރިސޯޓެއް މިހާތަނަށް ވަނީ ހުޅުވާފައި
  • ޓޫރިޒަމް ފައިދާ އެންމެންނަށް ލިބުމަކީ އަމާޒެއް
  • ޓޫރިޒަމް ކުރިއަރުވަން އެންމެން އެއްބާރުލުން މުހިންމު

މިއަހަރުގެ ތެރޭގައި ހަތަރު ރިސޯޓެއް ހުޅުވައި ހިދުމަތް ދޭން ފަށާއިވާ އިރު، އިތުރު ނުވަ ރިސޯޓެއް ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ނުހަނު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ޓޫރިޒަމްގެ ފައިދާ އެންމެންނަށް ލިބިދެވޭނެ ގޮތްތަކެއް ހެދުމަކީ ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ހުޅުވޭ ރިސޯޓްތަކުގެ އަދަދު ގިނަވަމުން އަންނަ އިރު، މައި އެއާޕޯޓް އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް އައިއެންއައި ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއު، މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ މަޝްރޫއު ނިމުމުން، 7.5 މިލިއަން ދަތުރުވެރިންނަށް އެއާޕޯޓުން ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

" މިގޮތުން މިކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަހަރު 4 ރިޒޯޓެއް ހުޅުވާފައިވާއިރު އިތުރު 9 ރިޒޯޓެއް މިއަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އެއްދުވަހުން އަނެއްދުވަހަށް ތަރައްގީވެ ކުރިއަރަމުން އަންނަ އިރު ރާއްޖެއަކީ، ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ދުނިޔެ ބަލައިގަންނަ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހައި ރައްޔިތުން އެކުގައި އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ގައުމު ކުރިއެރުވުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަން ޖެހެ އެވެ.