ހަބަރު

ކޯޓު ތެރޭގައި ކުށްވެރިއަކަށް ސިނގިރޭޓް ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ކުރިމިނަލް ކޯޓަށް މިއަދު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ގެނައި މީހަކަށް ސިނގިރޭޓް ދޭން އުޅުނު މީހަކު ކޯޓު ތެރެއިން ހައްޔަރުކޮށްފި އެވެ.

މިއަދު ކުރިމިނަލް ކޯޓު ތެރޭގައި ކުށްވެރިއަކަށް ސިނގިރޭޓް ދިނުމަށް މަސައްކަތް ކޮށްފައިވަނީ، އަޑުއެހުމަށް ނަން ނޯޓު ކޮށްގެން ކޯޓު ތެރެއަށް ވަދެ އިން ޒުވާނެކެވެ. އެ ޒުވާނާ ވަނީ ކޯޓުގެ ކައުންޓަރު ކައިރީ ބަހައްޓާފައިވާ ގޮނޑިތަކުގައި އިށީނދެ އިނދެ، ކުށްވެރިން ފުލުހުން ކޯޓަށް ވައްދަމުންދިޔަ ވަގުތު ކޯޓު ތެރެއަށް ވެއްދި ކުށްވެރިއެއްގެ އަތަށް ސިނގިރޭޓް ދިނުމަށް މަސައްކަތްކޮށްފަ އެވެ.

ނަމަވެސް އެކަން ފުލުހުންނަށް އެނގިގެން ވަނީ ހުއްޓުވާފަ އެވެ.

އޭނާ ހުއްޓުވުމަށްފަހު ފުލުހުން ވަނީ އޭނާގެ މައުލޫމާތު ނަގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.