ހަބަރު

"މޭޑޭގައި ފުލުހުންގެ ސަފުތައް ޕިކަޕް ފޫއަޅާލީ ފުލުހުން އަންގައިގެން"

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލި ޕިކަޕް އެގޮތަށް ދުއްވީ، ފުލުހުންގެ އިރުޝާދަށް ކަމަށް އެ ޕިކަޕް ދުއްވި ސ. ހިތަދޫ އަލިމަސްގޭ ބާސިތު އިބްރާހީމްގެ އަނބިމީހާ މިއަދު ބުނެފި އެވެ. މި މައްސަލާގައި ބާސިތުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

މި މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ ބާސިތު ދިފާއުވުމަށް ހުށަހެޅި ހެކިވެރިޔާގެ ހެކި ބަސް ނެގުމެވެ. އެއީ، ޕިކަޕް ދުއްވާލި ވަގުތު އެ ދުވަހު ޕިކަޕްގެ ކުރީ ސީޓްގައި އޭނާއާ އެކު އިން، ގދ. ހޯޑެއްދޫ ކަރިޝްމާ ނަސީރެވެ.

އޯޑިއޯ މެެދުވެރިކޮށް ހެކި ބަސް ދެމުން ކަރިޝްމާ ބުނީ، އެ ދުވަހު އެމްއެމްއޭއާ ހިސާބުގައި ޕިކަޕް އޮށްވާ ބާސިތުއާ ފުލުހުން ވާހަކަ ދެއްކި ކަމަށެވެ. އަދި އޭރު އޭނާ އިނީ ޕިކަޕްގެ ތެރޭގައި ކަމަށާއި ފުލުސް މީހާ، ބާސިތާ ވާހަކަ ދެއްކީ ޕިކަޕް ބޭރުގައި ބަހައްޓައިގެން ކަމުން ދެކެވުނު ވާހަކައެއް ނޭނގޭ ކަމަށެވެ. އެ ފުލުސް މީހާއާ ވާހަކަ ދެއްކުމަށްފަހު ބާސިތު ޕިކަޕަށް އެރި ކަމަށެވެ. އަދި އެ ފުލުސް މީހާ އަތުން އިޝާރާތެއް ދެނިކޮށް ފެނުނު ކަމަށް އޭނާ ބުންޏެވެ.

ކަރިޝްމާ ބުނީ، ބާސިތު ޕިކަޕް ދުއްވާލީ އެ ފުލުސް މީހާގެ އިޝާރަތަށް ކަމަށެވެ. އަދި އޭރު ޕިކަޕް ދާން ފުލުހުން ތިބީ ޖާގަ ވެސް ދީގެން ކަމަށް އޭނާ ބުންޏެވެ. ޕިކަޕް ދުއްވުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި އެއްޗަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް އޭނާ ބުންޏެވެ. އެ ސަރަހައްދުގައި ފުލުހުން ބެރިކޭޑްތަކެއް ވެސް ޖަހާފައި ނެތް ކަމަށް ބުންޏެވެ.

އިތުރަށް އޭނާ ބުނީ، އިސްލާމީ މަރުކަޒު ކައިރިއަށް ޕިކަޕްގައި ގޮސް، ފުލުހުން މަޑުކުރަން އަންގެމުން އެތަނުގައި މަޑުކޮށް، ޕިކަޕުން ފޭބި ކަމަށެވެ. ދެން ބާސިތާއި އޭނާ ފުލުހުން ގެންދިޔައީ ފުލުހުންގެ އިދާރާއަށް ކަމަށް ކަރިޝްމާ ބުންޏެވެ.

މިއަދު މި މައްސަލަ ބެއްލެވި ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ކަރިޝްމާގެ ފެނުން ރަނގަޅުތޯ ވެސް ސުވާލުކުރައްވާފަ އެވެ. ލޮލުގެ ނަންބަރާއި ނަންބަރު އައިނެއް އަޅާތޯ ވެސް ވަނީ ސާފުކޮށްފަ އެވެ. ކަރިޝްމާ ބުނީ އޭނާއަށް އައިނު ނާޅާ ރީއްޗަށް ފެންނަ ކަމަށެވެ. ފެނުމުގައި މައްސަލައެއް ނެތް ކަމަށެވެ.

މައްސަލާގައި ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ކްރައިމް ސީން ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.