ހަބަރު

"މުސްހަފު މާލްދީފް"ގެ ބައިލައްކަ ޗާޕް ހަދައިފި، ފުރަތަމަ މުސްހަފު ރައީސްއަށް

Sep 27, 2016

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ހިންގާ ޕްރޮގްރާމް، "މުސްހަފު މާލްދީފް" ގެ ދަށުން ފުރަތަމަ ބުރުގައި 50،000 މުސްހަފު ޗާޕްކޮށްފި އެވެ. އަދި އޭގެ ތެރެއިން އެއް މުސްހަފު އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު މިއަދު ވަނީ ރައީސް އަބްދުﷲ ޔާމީންނަށް އަރުވައިފަ އެވެ.

މި މުސްހަފު ރައީސްއަށް އެރުވީ މިއަދު މެންދުރު ރައީސްގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

އިސްލާމިކް މިނިސްޓަރަކަށް މުހައްމަދު އަލީ ސައީދު ހުންނެވި ދުވަސްވަރު މީގެ ދެ އަހަރު ކުރިން ފެށި މި ޕްރޮގްރާމްގެ ދަށުން ޗާޕް ކުރާ މި މުސްހަފުތަކުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް ވަނީ ހިމަނައިފަ އެވެ. އެ ފަރުމާކޮށްފައިވަނީ އަބްދުﷲ ސަފީއު އެވެ.

ބަހުރެއިން އިން ޗާޕްކޮށްގެން ގެންނަ މި މުސްހަފުތައް ރާއްޖެ ގެންނާނީ ބައިބަޔަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން މިއީ ފުރަތަމަ ބުރު ޗާޕްކުރި މުސްހަފުތަކެވެ.

"ހުރިހާ ރައްޔިތުންނަށް ދެވޭ ވަރަށް މި ޕްރޮގްރާމްގެ ދަށުން މުސްހަފު ޗާޕް ކުރާނެ. މުޅި ޖުމްލަ އަދަދު ކުރާނީ އެކި ބުރުބުރަށް ޗާޕްކޮށްގެން،" އޮފިޝަލް ވިދާޅުވި އެވެ.

ބަހުރައިންގެ ޤުރުއާން ކެއާ ސޮސައިޓީ ގުޅިގެން މި ޕްރޮގްރާމް ހިންގުމަށް ސަރުކާރުގެ ކުންފުނިތަކުންނާއި، އަމިއްލަ ކުންފުނިތަކާއި އަދި ވަކިވަކި ދިވެހި ފަރުދުންގެ އިތުރުން، ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އިން ވަނީ ފައިސާގެ އެހީތައް ދީފަ އެވެ.