ހަބަރު

ބީއެމްއެލްގެ އިސްލާމިކް ބޭންކިން ފުޅާކޮށް، ހާއްސަ ބްރާންޗެއް ހުޅުވަނީ

Sep 27, 2016
1
  • ބްރާންޗް ހުޅުވަނީ ސީޓްރެކްސް ބިލްޑިންގްގަައި
  • އިސްލާމިކް ފައިނޭންސްގެ ޕްރޮޑަކްޓްތައް ތައާރަފްކުރާނެ
  • އިސްލާމިކް ބޭންކިން ހިދުމަތް މިހާރު ދެނީ ވަރަށް ކުޑަކޮށް

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް އެކަމަށް ހާއްސަ ބްރާންޗެއް ހުޅުވަން އެ ބޭންކުން ނިންމައިފި އެވެ.

އިސްލާމިކް ބޭންކިންއަށް ހާއްސަ، ބީއެމްއެލްގެ ބްރާންޗް ހުޅުވަނީ މީގެ ކުރިން ބާޒާރު ބްރާންޗް ހިންގަމުން އައި މ. ސީޓްރެކްސް ބިލްޑިންގްގެ ގްރައުންްޑް ފްލޯގަ އެވެ. އެ ބްރާންޗް ހުޅުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ބީއެމްއެލް އިން ބުނީ އިސްލާމިކް ބޭންކިންއަށް ހާއްސަ ބްރާންޗެއް ހުޅުވަނީ އެ ބޭންކްގެ ކަސްޓަމަރުންނަށް ދެމުން ގެންދާ ހިދުމަތް ފުޅާކޮށް ޑައިވާސިފައިކުރުމަށް އެ ބޭންކުން ހިންގާ މަޝްރޫއުގެ ބައެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އިސްލާމިކް ފައިނޭންސިންގެ ޕްރޮޑަކްޓް ތަކުގެ ގޮތުގައި، އިސްލާމީ ޝަރީއާޔާ އުސޫލާ އެއްގޮތަށް ތަފާތު ފައިނޭންޝަލް ޕްރޮޑަކްޓްތައް ތައާރަފް ކުރުމަށް އެ ބޭންކުން ވަނީ ތައްޔާރުވެފަ އެވެ.

ބީއެމްއެލް އިން މިހާތަނަށް އިސްލާމިކް ބޭންކިންގެ ހިދުމަތް ދެމުން އައީ، ބައެއް ބްރާންޗްތަކުގައި ހަމައެކަނި ޑެސްކެއް ގާއިމްކޮށްގެންނެވެ. އެގޮތުން އިސްލާމިކް ބޭންކިންއަށް ހާއްސަ އެކައުންޓް ހުޅުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮވެ އެވެ. އިސްލާމިކް ބޭންކިން ވިންޑޯއެއް ހިންގުމުގެ ހުއްދަ އެމްއެމްއޭ އިން ބީއެމްއެލްއަށް ދިނީ މީގެ ދެތިން އަހަރު ކުރިންނެވެ.

ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ދެން ދެނީ، މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. އެ ބޭންކްގެ ހުރިހާ ފައިސާގެ މުއާމަލާތްތަކަކީ ވެސް އިސްލާމިކް ފައިނޭންސްގެ އުސޫލަށް ފެތޭ މުއާމަލާތްތަކެކެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭންކިން ބްރާންޗް ހުޅުވުމަށް، ސީޓްރެކްސް ބިލްޑިންގް މިހާރު ވަނީ މަރާމާތަށް ބަންދުކޮށްފަ އެވެ. އަދި އެތަނުގައި ހުރި ބާޒާރު ބްރާންޗްގެ ހިދުމަތްތައް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބީއެމްއެލް ލައިޓްއަށް ވަނީ ބަދަލުކޮށްފަ އެވެ.