ހަބަރު

މަގުތައް ހަދަން އަންނަ މަހު އެކެއްގައި ފަށަނީ، އެންމެ ފުރަތަމަ މަޖީދީ މަގު

Sep 27, 2016
3
  • މަޖީދީ މަގުގެ އެކި ބައިތައް ބަންދު ކުރާނެ
  • އާންމުންގެ އެއްބާރުލުމަށް މިނިސްޓްރީ އިން އެދޭ
  • 11 މަގެއް ހަދާނެ، މަޝްރޫއު ނިމެނީ 2018ގައި

މާލޭގެ 11 މަގެއް ހެދުމުގެ ބޮޑު މަޝްރޫއު އަންނަ މަހުގެ އެކެއްގައި ފަށާނެ ކަމަށާއި އެންމެ ފުރަަތަމަ ހަދަން ފަށަނީ މަޖީދީ މަގު ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު އާންމު ކުރި ޝެޑިއުލްއެއްގައި ބުނީ، އޮކްޓޯބަރު އެކަކުން ފެށިގެން އަންނަ އަހަރުގެ ފެބުރުއަރީ ހަތަރުވަނަ ދުވަހާ ހަމަޔަށް މަޖީދީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި އެ މުއްދަތުގައި މަޖީދީ މަގުގެ އެކި ސަރަހައްދުތައް ބަންދު ކުރަމުން ދާނެތީ އާންމުންގެ ފަރާތުން އެއްބާރުލުމަށް އެދޭ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

މަގު ހަދަމުން އަންނަ އިރު، ނުވަ ބަޔަކަށް ބަހާލައި ކޮންމެ ސަރަހައްދެއް ވަކިވަކިން ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި މީގެން ކޮންމެ ބައެއް ހެދުމަށް ދެ ހަފްތާ ހޭދަވާ އިރު، މި މަސައްކަތް ދުވާލަކު 20 ގަޑިއިރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފުރަތަމަ ޕޭވްމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު ދެން މައިމަގު ހަދަން ވަނީ ރާވައިފަ އެވެ. މި މަސައްކަތް ކުރާއިރު ބަންދުވާ ބައިގައި ޕާކް ކުރުން ވެސް އެހެން ތާކަށް ބަދަލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

"ބަންދު ކުރާ ސަރަހައްދުތައް ދުރާލާ އަންގަމުން ދާނެ. އެގޮތުން އަޅުގަނޑުމެންގެ ފަސޭހަ މަގު އެޕްއިން ވެސް އެ މައުލޫމާތު އަޕްޑޭޓް ކުރަމުން ދާނެ އަދި ނޮޓިފިކޭޝަން ވެސް ފޮނުވަމުން ދާނެ. އެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނަށް ބަންދު ކުރާ ތަންތަން އެނގޭނެހެން ލީފްލެޓް ބަހާނެ އަދި ބޯޑުތައް ވެސް ބަހައްޓާނެ،" ހައުސިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް އަލުން ރިސާފޭސް ކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ނިމޭނީ، 2018 ގެ ސެޕްޓެމްބަރު ނުވައެއްގައި ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގުތައް އަލުން ލެވަލްކޮށް މިހާރު އަތުރާފައި ހުރި ގާތައް އެކީ ބަދަލު ކުރުމާއި މަގުތަކުގައި ޒަމާނީ ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި ކޭބަލް އަޅަން މުޅި މަގުތައް ކޮންނަން ނުޖެހޭ ގޮތަށް ޒަމާނީ ކޭބަލް ޖަންގްޝަންތައް ގާއިމް ކުރުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ދުވާރު އަލުން ރިޑިޒައިން ކުރުން ހިމެނެ އެވެ.

އެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހައުސިން މިނިސްޓްރީ އިންނެވެ. އެއީ މިއަހަރުގެ ބަޖެޓްގައި ކުރުމަށް ހިމަނާފައި އޮތް މަސައްކަތެކެވެ.