ވިޔަފާރި

ކަނޑު ދަތުރުފަތުރުގެ ދާއިރާގެ އެންމެ ބޮޑު ފެއާ ހުޅުމާލޭގައި ފަށައިފި

Sep 27, 2016
  • ފެއާ އޮތީ ހުކުރު ދުވަހާ ހަމައަށް
  • ފެއާ ކުރިއަށްދަނީ ހުޅުމާލޭގައި
  • މި އަހަރު 30 އަށްވުރެ ގިނަ ސްޓޯލް

ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ފެއާ ކަމަށްވާ، މޯލްޑިވްސް މެރިން އެކްސްޕޯ (އެމްއެމްއެސް) ހުޅުވާލޭގައި މިއަދު ފަށައިފި އެވެ.

ހުޅުމާލޭގައި ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާ މިއަދު ހުޅުއްވައި ދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިހު އިބްރާހިމް އެވެ. މި ފެއާގައި ރާއްޖޭގެ ބޭރުގެ ފަސް ގައުމަކުން 32 އެގްޒިބިޓަރުން ބައިވެރިވާނެ އެވެ.

މި އެކްސްޕޯއަކީ ވޯޓާ ސްޕޯޓްސް އާއި ޑައިވިން ސްކޫލް އޮޕަރޭޓަރުންނާއި ގެސްޓް ހައުސް ޑިވޮލޮޕަރުންނާއި އޮޕަރޭޓަރުން، ރިސޯޓާއި ހޮޓާ ހިންގާ ފަރާތްތަކާއި ބޯޓާއި ސަފާރީ ހިންގާ އަދި ބަންނަ ފަރާތްތަކުން ބައްދަލުކޮށް ވިޔަފާރީގެ އައު ގުޅުންތައް އުފެއްދުމަށް ލިބޭނެ ފުރުސަތެކެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ރަސްމީ ފެއާ އެވެ.

ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލޭމްގެ ރައީސް ހަސަން ހަލީމް ވިދާޅުވީ މެރިން އެކްސްޕޯއަކީ މީހުންގެ ތަރުހީބު ލިބިފައިވާ ފެއާއަކަށް ވެފައިވާ ކަމަށެވެ.

"މި އެކްސްޕޯގެ އެހީގައި މުޅިން އައު ދިވެހި ވިޔަފާރިތައް އުފެދި. މި އެކްސްޕޯގައި ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރުވަނިވި ގިނަ ޕްރޮޑަކްޓްތަކާއެކު ބައިވެރިވުމުން އެކްސްޕޯގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލްވަމުންދޭ،" ހަލީމް ވިދާޅުވި އެވެ.

މި އަހަރުގެ އެކްސްޕޯގައި މެރިންޓޯކްސްގެ ނަމުގައި ހާއްސަ ފޯރަމެއް ވެސް ފެއާގެ ތެރޭގައި އޮންނާނެ އެވެ.