ރިޕޯޓް

ސަރުކާރު "ވައްޓާލަން" ބޭއްވުނީ ހަވީރުގެ ފިނީގެ ހިނގާލުމެއް!

Feb 28, 2015

ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު އެމްޑީޕީ މިފަހަރު އެންމެ ފުރަތަމަ ހަޅުތާލަށް ނުކުތީ "ގާނޫނު އަސާސީގެ ދިފާއުގަ" އެވެ. އެމީހުންގެ މި ހަޅުތާލުގައި ފޯރިގަނޑެއް ހިފައި ކަންމަތީ ސިލްސިލާއަކަށް ބަދަލުކޮށްލީ ސަރުކާރުން ބޭރުވި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމާއި ޖޭޕީގެ މެންބަރުން ބައިވެރިވި ހިސާބުންނެވެ. ދެން ފެށުނީ އެމްޑީޕީ އާއި ޖޭޕީގެ ސިލްސިލާ މުޒާހަރާތަކެވެ. "ގާނޫނު އަސާސީގެ ދިފާއުގައި" ކުރާ މުޒާހަރާތަކެއްގެ ގޮތުގައެވެ. ޖޭޕީ އާއި އެމްޑީޕީ ގުޅިގެން ބާއްވާ ބޮޑު ބިޔަ އެއްވުމެއް މިދަށް، ފެބުރުއަރީ 27 ގައި ބާއްވާން އިއުލާންކޮށް މަސައްކަތް ފެށި އެވެ.

ބޮޑު އެއްވުމުގެ ބޭނުމަކީ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނާބުނުމާއި އިއްތިހާދުގެ ސަރުކާރު އުވި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ވެސް ގެއްލިފައިވާ ކަމަށް ބުނާ ބުނުން ރައްޔިތުންނަށް ޔަގީންކޮށްދިނުން ކަމަށް ބުނަމުން އައެވެ.

ގާސިމް އިބްރާހީމާއި ޖޭޕީއަށް ސަރުކާރު ކަމުނުދިޔަ ހިސާބަކީ ކޯލިޝަން ރޫޅި، 65 އަހަރުން މަތީގެ ފަރާތްތަކަށް ރިއާސީ ރޭހުގައި ވާދަނުކުރެއްވޭނެ އިސްލާހެއް މަޖިލީހަށް ވެއްދުމުންނެވެ. މީގެ އިތުރުން ގާސިމްގެ ވިޔަފާރީގެ މަސްލަހަތަށް ވެސް ސަރުކާރުގެ ފިއްތުން ކުރިމަތި ކުރުވުމުންނެވެ.

އެމްޑީޕީ އާއި ޖޭޕީ އިން ފެށި ހަޅުތާލުގައި އިތުރު ފޯރިއެއް ހިފީ މިއަދު ހަވީރު ދެ ޕާޓީ އިން ކުރިއަށް ގެންދިޔަ މުޒާހަރާ އިއުލާނުކޮށް ސަރުކާރަށް އެންމެ ފަހުގެ އިންޒާރު ދިން ހިސާބުންނެވެ. "27 ފެބްރުއަރީ" ގެ މުޒާހަރާ އިއުލާނުކުރުމުން އެންމެން ވެސް ބުނަންފެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަގުތު ހަމަވީ ކަމަށެވެ. ދެވަނަ ފެބްރުއަރީ 7 ލައިގެނެ ސަރުކާރު ވެއްޓެނީ ކަމަށެވެ.

ޖޭޕީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި ކަންމަތީ އެއްވުންތަކުގައި އަޑުގަދަކުރަމުން އައި އިސް މެމްބަރުން ވެސް ބުނަމުން ދިޔައީ ރައީސް ޔާމީނުގެ ސަރުކާރު ވައްޓާލާނެ ކަމަށެވެ. އެހެންވެ، އެންމެން ވެސް މިއަދަށް އިންތިޒާރުކުރީ، މިއަދަކީ އެމްޑީޕީ އާއި ޖޭޕީ އިން ސަރުކާރު ވައްޓާލާ ދުވަސްކަމަށް ނިންމައިގެން ތިބެއެވެ.

ނަމަވެސް ފެނިގެން ދިޔައީ މި އޮތްހާ ރެއާއި ދުވާލު ދެއްކި ވާހަކައާ ދިމާނުވި "ހަވީރުގެ ފިނީގެ ހިނގާލުމެއް" ކަމަށް ބައެއް މީހުން މިއަދު ސިފަ ކުރި އެވެ. އާދައިގެ މަތިން އެމްޑީޕީން ބާއްވާ ބޮޑެތި އެއްވުންތަކަށް ވުރެ މީހުން ގިނަވުން ފިޔަވައި މާ ބޮޑު ކަމެއް ނުފެނުނެވެ. މިހުން ގިނަވި އިރު އާދަވެ ބާއްވާ ކަންމަތީ ބައްދަލުވުންތަކުގައި ދައްކާލާ ކަހަލަަ ވާހަކަ އާއި ސަޅީގެ އެއްވެސް އަސަރެއް ވެސް މި އެއްވުމަކުން ދައްކައެއް ނުލެވުނެވެ.

ފާހަގަކޮށްލަން ޖެހެނީ މިއަދުގެ "ހިނގާލުމުގައި" ގާނޫނު އަސާސީ ދިފާއުކުރުމަށް އަޑުގަދަކޮށްފައި ނުވާ ކަމެވެ. މި އޮތްހާ ދުވަހު އެމްޑީޕީ އާއި ޖޭޕީ އިން ހަޅުތާލުކުރީ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދުގެ މުޒާހަރާ ފެނިގެން ދިޔައީ ހައްޔަރުކޮށްފައިވާ، އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް ގޮވާލި ހިނގާލުމެއްގެ ގޮތުގަ އެވެ.

ދައުލަތުން ވަނީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެ ބޭފުޅާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ޓެރަރިޒަމްގެ ދައުވާކޮށް ނާޒިމް ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ފެނިގެން ދިޔައީ ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތާއި އެ ބޭފުޅާގެ މައްޗަށް ޖަހާފައިވާ ބަންދުގެ މުއްދަތެވެ. ގާނޫނު އަސާސީއާ ބަޔަކު ހިލާފުވެގެން އެކަން ކުށްވެރިކޮށް ގާނޫނު އަސާސީ ދިފާއުކުރުމަށް ކުރި ކަމެއް ފެނިގެނެއް ނުދިޔަ އެވެ.

މީގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދުގެ މުޒާހަރާ އިން ފެނިވަޑައިނުގަތުމަކީ ވެސް މި މުޒާހަރާ އަށް ލިބުނު ފަޅުކަމެކެވެ. ގާސިމަށް މުޒާހަރާގައި ބައިވެރިވެ ވަޑައިނުގެންނެވުނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ މިއަދު ހަވީރު ބައްދަލުކުރައްވަން ހަމަޖެހިފައި އޮތުމުން ކަމަށް ޖޭޕީ އިން ވަނީ ބުނެފަ އެވެ. ގާނޫނު އަސާސީ ހިމާޔަތް ކުރަން ނުކުންނެވި ގާސިމް އިބްރާހިމަށް އެ ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ބޮޑު ބިޔަ އެއްވުމަށްވުރެ ސްރީލަންކާގެ ރައީސާ ބައްދަލުވެލުން މުހިންވުން ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.

މި ހުރިހާ ސަބަބުތަކަކާ ގުޅިގެން މިއަދު ފެނިގެން ދިޔައީ "ސަރުކާރު ވައްޓާލާ" ފެންވަރުގެ މުޒާހަރާއެއް ނޫނެވެ. ފަހަރެއްގައި "ސަރުކާރު ވައްޓާލާ" މުޒާހަރާގެ ގޮތުގައި މިއަދުގެ ހިނގާލުން އެމްޑީޕީ އާއި ޖޭޕީ އިން މަޝްހޫރުކޮށް އިޝްތިހާރުކުރީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނާށެވެ. އެކަން ކުރެވުނެވެ. ބައި މިއަދު ވަރަށް ވެސް ގިނަ އެވެ. ކުޅި ބަލަން މީހުން ވެސް ނުކުތެވެ. ރަށްރަށުން ވެސް މީހުން އައެވެ. ސަރުކާރު ވައްޓާލާނެއޭ ބުނީމަ ސިފައިންނާއި ފުލުހުން ވެސް ތިބީ ގުޅިގެން ތައްޔާރުވެގެންނެވެ.

އެކަމަކު އުސްފަސްގަނޑުން ހިނގާލުމެއް ފަށައިގެން ގޮސް މަޖީދީ މަގު ކޮޅަށް ނިންމާލާފައި އެންމެފަހުން އާދައިގެ ކަންމަތީ މުޒާހަރާއަކަށް މި އެއްވުން ބަދަލުވީ އެވެ. އެއީ އިރުއޮއްސުމުން މުޒާހަރާގެ ޕާޓީ ލީޑަރުން ގެއަށް ވަޑައިގަތުމުން މުޒާހަރާގެ ބައިވެރިން ގޮސް ރައީސް ދިރިއުޅުއްވާ ގެއާ ދިމާލުން އަލިކިލެގެފާނު މަގާއި މަޖީދީ މަގު ބެދުނު ހިސާބުގައި މަޑުކޮށްލުމުންނެވެ.