ޓެކްނޯލޮޖީ

ޑީޖޭއައި މެވިކް: ސައިޒުން ކުޑަޔަސް ގާބިލުކަން މާ ބޮޑު

އޭރިއަލް ފޮޓޯ އަދި ވީޑިއޯގްރަފީ ވެގެން ގޮސްފައި މި ޖީލުގެ މީހުންގެ ތެރޭގައި ވަރަށް ވެސް ތަރްހީބު ލިބިފައިވާ ކަމަކަށެވެ. ޅަކުދިން ތަކުން ފަށައިގެން ޒުވާނުއްނާއި އުމުރުން ދުވަސްވީ މީހުން ވެސް މިކަމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދެއެވެ. އެގޮތުން މިކަން ކުރަން ގެންގުޅޭ ޑްރޯންތަށް ވެގެންމިދަނީ ވަރުގަދަ އެކަމަކު މަދުކުންފުނިތަކަކުން އުފައްދާ އެއްޗެއްސަކަށް ވެފައެވެ. ޑްރޯން އެންމެ ފުޅާ ދާއިރާއެއްގައި ފަރުމާ ކުރަމުން އަންނަ ފަރާތަކީ ޑީޖޭއައިއެވެ. ތަފާތު ގިނަ އަދި މޮޅު ފީޗާތަކާއި އެކު ޑީޖޭއައި އިން މިވަނީ މުޅި ޑްރޯން ކޮމިއުނިޓީ ސިއްސުވާލައިފައެވެ. ޑީޖޭއައިގެ އެންމެ ފަހުގެ ޑްރޯން ކަމުގައިވާ މެވިކް ޕްރޯ މިވަނީ ދައްކާލައިފައެވެ.

ޑްރޯން ޑިވެލޮޕްކުރަމުން އަންނަ ކުންފުނިތަކަށް ގޮންޖަހާލުމަށް ނެރުނު މި ޕްރޮޑަކްޓް މިވަނީ ގިނަ ބަޔެއްގެ ޝައުގު ވެރިކަން ދަމައިގަނެފައެވެ. ތަފާތު މޮޅު ފީޗާތަކަކާއި އެއްކޮށް މި ޕްރޮޑަކްޓް ނެރެފައި ވުމަކީ މިކަމުގެ ސިއްރެވެ. އެގޮތުން މި ޑްރޯންގެ ފީޗާތަކާއި ބެހޭގޮތުން އަވަސް ކަޅިއަކުން ބަލާލަމާ ހިނގާށެވެ.

މުޅިން ތަފާތު ޑިޒައިނެއް!

ޑީޖޭއައިން މީގެ ކުރިން ޑްރޯންގެ ފްލޭގްޝިޕް ޑްރޯން އަކަށް ވެފައިވަނީ ފެންޓަމްއެވެ. ފެންޓަމް ވެގެން ގޮސްފައިވަނީ ގެންގުޅެލަން އެހާ ފަސޭހަ އެއްޗަކަށް ނޫނެވެ. އޭގެ ބައްޓަމުގެ ސަބަބުން ބެކްޕެކެއްގެ ސިފައިގައި ގެންގުޅުނަސް އިންނަނީ ވަރަށް ވެސް ބޮޑުކޮށެވެ. އެހެން ނަމަވެސް މިފަހަރު ބާޒާރަށް ނެރޭ މަވިކް ޕްރޯ އަކީ ގެންގުޅެލަން ވަރަށް ވެސް ފަސޭހަ ޑްރޯން އަކަށެވެ. މިޑްރޯންގެ ގެ ސައިޒަކީ ގޮތަކަށް ބުނާނަމަ އިންސާނެއްގެ އަތްތިލައެއްގެ ސައިޒެވެ. ބެކްޕެކް ނުވަތަ އެންމެ ކުޑަމިނުން ޕާހަކަށް ލައިގެން ވެސް މި ޑްރޯން ގެންގުޅެވޭނެއެވެ. ހަމައެއާއި އެކު މި ޑްރޯން އަކީ ފެންޓަމް ސީރީސްގެ ޑްރޯންތަކުގެ ހާފް ސައިޒުގެ ޑްރޯންއެކެވެ.

ފެންޓަމް ސީރީސްގެ ޑްރޯން ތަކާއި ހިލާފަށް މި ޑްރޯން ގައި ފިޔަގަނޑު ވަކިން އިންސްޓޯލް ކުރާކަށް ނުޖެހޭނެއެވެ. ފަރުމާ ކުރެވިފައިވާ ގޮތުން ފިޔަތަށް ހުންނާނީ ބޭނުންނުކުރާ ގަޑިތަކުގައި ފޯލްޑް ކުރެވިފައެވެ. ފޯލްޑްކޮށްލުމުން ހަތަރެސް ކަން ފޮށްޓެއްގެ ބައްޓަމަށް މި ޑްރޯން ބަދަލުވެއެވެ.

ފެންޓަމް 4 ގެ ހުރިހާ ފީޗާތަށް!

މި ޑްރޯންގެ ފީޗާތަކަށް ބަލާއިރު ގިނަ ފީޗާތަކަކީ ފެންޓަމް ސީރީސްގެ އެންމެ ފަހުގެ ސީރީސް ކަމުގައިވާ ފެންޓަމް 4 ގެގައި ހިމެނޭ މުހިންމު ފީޗާތަކެވެ. އެގޮތުން އޮބްސްޓެކަލް އެވޮއިޑެންސް، ސަބްޖެކްޓް ޓްރެކިންގް އަދި އޮޓޯނޯމަސް ލޭންޑިންގް ވެސް ހިމެނެއެވެ.

އޮބްސްޓެކަލް އެވޮޑެންސް އަކީ އަލަށް ފެންޓަމް 4 އަކަށް ރިލީސްކުރި ފީޗާއަކަށް ވާއިރު މި ފީޗާގެ ސަބަބުން ވައިގެ ތެރޭގައި ދުއްވަމުން ދާއިރު ދިމާވާ ދޫނި އަދި ގަސް ފަދަ ތެކެތިން ޑްރޯން ނުޖެހި ސަލާމަތް ކޮށްދެއެވެ.

އޮޓޯނޯމަސް ލޭންޑިގް އަކީ ވައިގެ ތެރޭގައި ޑްރޯން އުދެހެމުން ދާ ވަގުތު ރިމޯޓް ކޮންޓްރޯލާގެ ކަނެކްޝަންކެޑި ނުވަތަ ބެޓަރީ ލޯރ ވުމާއި އެކު އެމަޖެންސީގައި ލޭންޑް ކުރެވޭ ޓެކްނޮލޮޖީއެކެވެ. އެގޮތުން ވަކި ލެވެލް އަކަށް ބެޓަރި ޑައުން ވުމާއި އެކު ޑްރޯން އެ ލޯންޗް ކުރި ހިސާބަށް އަބުރާ އޮޓޯކޮށް އައިސް ސަލާމަތާއި އެކު ލޭންޑުކުރާނެއެވެ.

އެޑްވާންސް ސްޓޭބަލައިޒްޑް ކެމެރާ ސިސްޓަމެއް!

މި ޑްރޯންގައި އެންމެ ފާގަހަ ކޮށްލެވެނީ ޑީޖޭއައިގެ މޮޅު އެޑްވާންސް ސްޓޭބަލައިޒޭޝަން ޓެކްނޮލޮޖީ ކެމެރާގައި ފަރުމާ ކުރެވިފައިވުމެވެ. މި އެޑްވާންސް ސިސްޓަމްގެ ސަބަބުން މި ޑްރޯން ބޭނުން ކޮށްލައިގެން ޝޭކް ފްރީ ނުވަތަ ގުޑުންތަކާއި ނުލާ ފޮޓޯއާއި ވީޑިޔޯ އެންމެ ރަނގަޅު ކޮލެޓީގައި ނަގާލެވެއެވެ. މިކަން ކުރުމަށް ކެމެރާގައި ހަރުކުރެވިފައިވަނީ 3 އެކްސްސިސްގެ ގިންބަލްއެކެވެ.

ވާޓިކަލް ސެލްފީ ނަގާލުމަށްޓަކައި މި ކެމެރާ 90 ޑިގްރީއަށް އަބުރާލެވޭނެއެވެ. އެގޮތުން މިކަން ކުރުމަށް ވަކި މޯޑެއްވަނީ އަލަށް ތައާރަފް ކުރެވިފައެވެ. އެ މޯޑަށް ކިޔަނީ ޕޯޓްރެއިޓް މޯޑެވެ.

ފެންޓަމް 4 ވެސް ފަރުމާކުރެވިފައިވާ ފަދައިން މި ޑްރޯންގެ ކެމެރާއަކީ ވެސް 4K ވީޑިއޯ 30 fps ގެ ސްޕީޑެއްގައި ނަގާލެވޭ ކެމެރާއެކެވެ. އަދި މި ފުލް އެޗްޑި ކޮށް 96 fps ސްޕީޑެއްގައި ނަމާލުމުގެ ކުޅަދާނަކަން ވެސް ވަނީ މިކެމެރާއަށް ލިބިފައެވެ. 12 މެގަޕިކްސެލްގެ މިކެމެރާއިން ރޯ ކޮށް ވެސް ފޮޓޯ ނަގާލެވެއެވެ. މި ޑްރޯންގައި ދެން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ 2 ސިކުންތުގެ އެކްސްޕޯޝާ ހަދާލެވުމެވެ. މިއީ ޑްރޯން އަށް މުޅިން އަލަށް ނެރުނު ޓެކްނޮލޮޖީއެއްކަން ފާހަގަކޮށްލެވެއެވެ.

މޮޅު ވަޔާލަސް ޓެކްނޮލޮޖީއެއް!

މި ޑްރޯންތަށް އުދުހުމަށް އެންމެ އިސްރޯލެއް އަދާކުރަނީ މި ޑްރޯން ތަކުގެ ރިމޯޓް ކޮންޓްރޯލްތަކާއި ވަޔާލަސް ޓެކްނޮލުޖީއެވެ. މި ޑްރޯންގެ ރިމޯޓް ކޮންޓްރޯލާއަށް ބަލާލާއިރު މި ރިމޯޓަކީ ވަރަށް ވެސް ގެންގުޅެލަން ފަސޭހަ އަދި ހިތްގައިމު ގޮތަކަށް ފަރުމާކުރެވިފައިވާ އަދި ކުޑަޔަސް ބޮޑު ސަރަހަށްދަކަށް އޭގެ ރޭންޖް ފޯރުވާ ވަރުގެ މޮޅު ރިމޯޓެކެވެ. ފޯނުގެ ޑީޖޭއައި އެޕްލިކޭޝަނާ ސިންކް ކޮށްލައިގެން މި ރިމޯޓް އިން ޑްރޯން ކޮންޓްރޯލް ކޮށްލާއިރު މިފަހަރުގެ ރިމޯޓުގެ ވަޔާލަސް ފީޗާތަަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މި ޑްރޯން އިން 4.3 މޭލު ދުރުގައި އުދުހެމުން ލައިވް ސްޓްރީމް ކޮށްލެވޭނެވެ. މީގެ ކުރިން ލައިވް ކުރުމަށް ފެންޓަމް 4 ބޭނުންކުރަމުން އައީ އެންމެ ދުރަކަށް ވެސް 3.1 މޭލު ދުރުންނެވެ.

މުޅިން ތަފާތު ވަޔާލަސް ޓެކްނޮލޮޖީގެ ސަބަބުން މި ޑްރޯންއަކީ ރިމޯޓަކާއި ނުލާވެސް ދުއްވާލެވޭނެ ފުރަތަމަ ޑްރޯން އެވެ. އެގޮތުން މި ޑްރޯންގައި ހިމެނިފައިވާ ގެސްޗަރ ޓެކްނޮލޮޖީއަކީ މިކަމަށް މަގު ފަހިކޮށްދިން ޓެކްނޮލޮޖީއެވެ.

މޮޅެތި ފީޗާތަކާއި އެކު މި ޑްރޯން ދައްކާލުމާއި އެކު ޑްރޯން ކޮމިއުނިޓީވަނީ މި ޑްރޯން ބާޒާރަށް ނެރޭނެ ދުވަހަކަށް ކެއްމަދުވެފައެެވެ. ޑީޖޭއައިއިން ބުނި ގޮތުގައި މި ޑްރޯން ދުނިޔޭގެ ބާޒާރުތަކަށް ނެރޭނީ އައްނަ މަހު 15 ވަނަ ދުވަހުއެވެ. މި ޑްރޯން ގެ އަގަކީ 999 ޑޮލަރެވެ. މި ޑްރޯން އެޕަލް ސްޓޯރ އިން ވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޑީޖޭއައިއަކީ ޑްރޯން ވިޔަފާރީގެ އެންމެ ކުރީ ސަފުގައި އޮތް ކުންފުންޏެވެ. ޑިޖޭއައި އަށް ގިންޖަހާލުމަށް މީގެ ދުވަސް ތަކެއް ކުރިން މަޝްހޫރު ގޯޕްރޯއިންވެސް ވަނީ ކަރްމާގެ ނަމުން ޑްރޯން އެއްނެރެފައެވެ. ނަމަވެސް ޑިޖޭއައި އިން މި ޑްރޯން ދައްކާލުމާއި އެކު އެއްމެންގެ ކަޅި ހުއްޓިފައި މިއަދު މި އޮތީ މެވިކް އަށެވެ.

ޑީޖޭއައި މެވިކް އާއި ބެހޭ ހުރިހާ މައުލޫމާތެއް ތިރީގައި މިވާ ލިންކްއިން ލިބިވަޑައިގަންނަވާނެއެވެ.