ހަބަރު

ރިސޯޓްތައް ޕްރޮމޯޓު ކުރަން "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" ފެއާ ބާއްވަނީ

ރާއްޖޭގެ ރިސޯޓުތައް ޕްރޮމޯޓު ކުރުމަށް "ޓްރެވަލް ޓްރޭޑް މޯލްޑިވްސް"ގެ ނަމުގައި ފެއާއެއް ބާއްވަން ނިންމައިފި އެވެ. މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން ބާއްވާ މި ފެއާ ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގެޓްއަވޭސްގެ ޑައިރެކްޓަރު ބިޒްނަސް ޑިވްލޮޕްމަންޓް ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ ޓްރެވަލް ޓްރޭޑް މޯލްޑިވްސްއަކީ ރާއްޖޭގެ ރިސޯޓުތަކާއި ރިސޯޓް ވިޔަފާރީގައި ހުރި އެކި ސެގްމަންޓްތަކާއި ޕްރޮޑަކްޓްތައް އަދި ޕްރޮޕަޓީތައް ޕްރޮމޯޓު ކުރުމަށްޓަކައި ގިނަ ރިސޯޓުތަކެއް ގުޅިގެން އަންނަ އަހަރު ޖުލައި މަހު ބާއްވާ އިވެންޓެއް ކަމަށެވެ.

އެގޮތުން މި އިވެންޓްގައި 100 ރިސޯޓާއި 150 ޓްރެވަލް އޭޖަންޓުން ބައިވެރިވާނެ ކަމަށާއި އިވެންޓު ކުރިޔަށް ދާނީ ދެ ދުވަހުގެ މުއްދަތަށް ކަމަށް ސަނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެކު ބާއްވާ އެންމެ ބޮޑު ފެއާއަށް ހެދުމަށް އަމާޒު ހިފައިވާ ކަމަށެވެ.

"ސަރުކާރުންވެސް ވަނީ 2020 ގައި ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ޓާގެޓްކޮށްފައި. މިހާރު ޓޫރިޒަމް ވާދަވެރިކަން ބޮޑު. އެގޮތުން މިވީ 40 އަހަރު ތެރޭގައި މިކަހަލަ ކަމެއް ނުކުރާއި އިރު މިއީ ވަރަށް ރަނގަޅު އެޑިޝަންއެއް ކަމަށް އަޅުގަނޑުމެން ދެކެން،" ސަނީ ވިދާޅުވި އެވެ.

ސަނީ އިތުރަށް ވިދާޅުވީ ގޮތުގައި މިހާރު މަޓާޓޯއިން ވަނީ މި ފެއާއަށް ފެހި ސިގްނަލް ދީފައި ކަމަށެވެ. އަދި ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓުގައި މި އިވެންޓު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ސަނީ ވިދާޅުވި އެވެ.