ވިޔަފާރި

"ފީލް ސްރީލަންކާ" ފެއާގެ އޮންލައިން ޕާޓްނަރަކަށް "އަވަސް"

"ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަން"ގެ ނަމުގައި ރާއްޖޭގައި ބާއްވާ ލަންކާގެ އެންމެ ބޮޑު އެގްޒަބިޝަންގެ މީޑިއާ ޕާޓްނަރަކަށް އަވަސް އޮންލައިން ހަމަޖައްސައިފި އެވެ. މި އެގްޒަބިޝަން އޮންނަނީ އަންނަ މަހުގެ 27، 28 އަދި 29 ގަ އެވެ.

ދަރުބާރުގޭގައި ބާއްވާ މި އެގްޒަބިޝަނުންގެ ޕާޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮންލައިން ޕާޓްނަރެއްގެ ގޮތުން އަވަސްގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރު އޮފް ސޭލްސް މުހައްމަދު އަހުމަދު (ހަނަފީ) އެވެ. އޭސް ޓްރެވެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ މުހައްމަދު ފިރާގެވެ. މި އެގްޒަބިޝަން އިންތިޒާމްކުރަނީ އޭސް ޓްރެވެލްސް އަދި އިނަ މޯލްޑިވްސް ގުޅިގެންނެވެ.

އެގްޒަބިޝަނުގެ ޕާޓްނަރެއްގެ ގޮތުގައި ސްރިލަންކަން އެއާލައިން އިން ވެސް ވަނީ މިއަދު ސޮއިކޮށްފަ އެވެ. ސްރިލަންކަން ބައިލެޓްރަލް ބިޒްނަސް ކައުންސިލް އަދި ސިލޯން ޗެންބަރު އޮފް ކޮމާސްއަކީ މި އެގްޒެބިޝަނުގެ ސްޕޮންސަރުންނެވެ.

ލަންކާގެ އެންމެ ބޮޑު އެގްޒެބިޝަނުގެ މީޑިއާ ޕާޓްނަރަކަށްވުމަށް "އަވަސް" ނިންމި ސަބަބާ ގުޅޭ ގޮތުން އަވަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ އައިމިނަތު މުހައްމަދު ވިދާޅުވީ، މި އެގްޒެބިޝަނަކީ ލަންކާގެ ގިނަ ކުންފުނިތަކެއް ބައިވެރިވެގެން ކުރިއަށް ގެންދާ އެގްޒެބިޝަނެއް ކަމަށްވެފައި މި އެގްޒެބިޝަން މެދުވެރިކޮށް ދިވެހިންނަށް ހުރި ވިޔަފާރި އާއި ލަންކާއިން ދިވެހިންނަށް ލިބެން ހުރި އެހެނިހެން ފުރުސަތުތައް ވެސް ފަހިވެގެންދާނެތީ ކަމަށެވެ.

ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވީ، މިއީ ރާއްޖޭގައި ބޭއްވޭ ލަންކާގެ އެންމެ ބޮޑު އިވެންޓް ކަމަށެވެ. މިއީ ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ވެސް ބާއްވާ އެގްޒެބިޝަނެއް ކަމަށް ވިދާޅުވި އެވެ.

މި އިވެންޓްގައި އިންތިޒާމްކުރުމުގައި އޭސް ޓްރެވެލްސްއިން މަސައްކަތްކުރާ ސަބަބާ ގުޅޭ ގޮތުން ފިރާގު ވިދާޅުވީ، އެ ކުންފުންޏަކީ ލަންކާގެ ވަރަަށް ގިނަ ދާއިރާތަކެއްގެ އިންޓްރެސްޓްތައް ރާއްޖޭގައި ޕްރޮމޯޓްކުރާ ކުންފުންޏެއް ކަމަށްވާތީ ކަމަށެވެ. އިވެންޓްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "އަވަސް" ހަމަޖެއްސީ، "އަވަސް"އަކީ އޮންލައިންކޮށް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ މީޑިއާއަކަށްވާތީ ކަމަށެވެ.

އިވެންޓުގައި ލަންކާގެ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަދި ޓޫރިޒަމް ދާއިރާގެ ކުންފުނިތަކުން ބައިވެރިވެ އެވެ. މީގެއިތުރުން ލަންކާގެ ސަގާފަތް ވެސް މި އިވެންޓްގައި ދައްކާލާނެ އެވެ. އެގޮތުން މި އެގްޒެބިޝަނުގައި ފުޑް ފެސްޓިވަލެއް ވެސް ކުރިއަށްދާނެ އެވެ. އަދި ލަންކާގެ މަޝްހޫރު ފަންނާނުން ބައިވެރިވާ މިޔުޒިކް ޝޯއެއް ވެސް އޮންނާނެ އެވެ. މިހާތަނަށް ވެސް ލަންކާގެ 40 އަށްވުރެ ގިނަ ކުންފުނިން މި އެގްޒެބިޝަނުގައި ވަނީ ބައިވެރިވެފަ އެވެ.

ލަންކާގެ ތަފާތު އުފެއްދުންތައް ދައްކާލުމަށް ހާއްސަ ބިޒްނަސް ފޯރަމެއް ވެސް މި އެގްޒެބިޝަނުގެ ތެރެއިން ކުރިއަށްދާނެ އެވެ.

މީގެއިތުރަށް އާޓް ފެސްޓިވަލެއް ވެސް އެގްޒެބިޝަނުގައި ކުރިއަށްދާނެ އެވެ. އާޓް ކޮންޕެޓިޝަނުގެ ޕާޓްނަރެއްގެ ގޮތުގައި އެންސީއޭއިން ވަނީ މިއަދު ސޮއިކޮށްފަ އެވެ. އެންސީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެންސީއޭގެ ޑިރެކްޓަރު އަހުމަދު ނާޒިމް މުހައްމަދެވެ. އަހުމަދު ނާޒިމް ވިދާޅުވީ، މި އާޓް ފެސްޓިވަލްގެ ސަބަބުން ރާއްޖޭގެ އާޓްގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.