ވިޔަފާރި

ލަންކާގެ ގިނަ ކުންފުނިތަކަކުން ބައިވެރިވާ ބޮޑު ފެއާއެއް އަންނަ މަހު ރާއްޖޭގައި

  • 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެފައިވޭ
  • ފެއާ އިންތިޒާމް ކުރަނީ އޭސް ޓްރެވެލްސް އަދި އިނަ މޯލްޑިވްސް
  • އަންނަ މަހު 27-29 އަށް ދަރުބާރު ގޭގައި

ސްރީލަންކާގެ އެންމެ ބޮޑެތި ވިޔަފާރިތައް ބައިވެރިވެގެން، "ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަން"ގެ ނަމުގައި ރާއްޖޭގައި ބޮޑު ފެއާއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ލަންކާގެ އެންމެ ބޮޑު އެގްޒިބިޝަނަށް ވާނެ އެވެ.

ދަރުބާރުގޭގައި ބާއްވާ މި އެގްޒަބިޝަން އިންތިޒާމްކުރަނީ، އޭސް ޓްރެވެލްސް އަދި އިނަ މޯލްޑިވްސް އާ ގުޅިގެން، ލަންކާގެ އެއިތްކެން ސްޕެންސް އެވެ. އޭސް ޓްރެވެލްގެ އެމްޑީ މުހައްމަދު ފިރާގު މިއަދު ވިދާޅުވީ، މިއީ ރާއްޖޭގައި ބާއްވާ ލަންކާގެ އެންމެ ބޮޑު އިވެންޓް ކަމަށެވެ. މިއީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ އެގްޒެބިޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ވެސް ލަންކާގެ 40 އަށްވުރެ ގިނަ ކުންފުނިން މި އެގްޒެބިޝަނުގައި ވަނީ ބައިވެރިވެފަ އެވެ. މުޅި ދަރުބާރުގޭގައި ބާއްވާ މި އިވެންޓް އޮންނާނީ، އަންނަ މަހުގެ 27 އިން 29 އަށެވެ.

މި އިވެންޓްގައި އިންތިޒާމްކުރުމުގައި އިސްކޮށް އުޅޭ، ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އޭސް ޓްރެވެލްސްއިން އެ އިވެންޓް ބޭއްވުމުގައި އެހީތެރިވެދޭ، ސަބަބާ ގުޅޭ ގޮތުން ފިރާގު ވިދާޅުވީ، އެ ކުންފުންޏަކީ ލަންކާގެ ވަރަަށް ގިނަ ދާއިރާތަކެއްގެ ވިޔަފާރިތައް ރާއްޖޭގައި ޕްރޮމޯޓްކުރާ ކުންފުންޏެއް ކަމަށެވެ.

އިވެންޓުގައި ލަންކާގެ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަދި ޓޫރިޒަމް ދާއިރާގެ ކުންފުނިތަކުން ބައިވެރިވެ އެވެ. މީގެއިތުރުން ލަންކާގެ ސަގާފަތް ވެސް މި އިވެންޓްގައި ދައްކާލާނެ އެވެ. އެގޮތުން މި އެގްޒިބިޝަނުގައި ފުޑް ފެސްޓިވަލެއް ވެސް ކުރިއަށްދާނެ އެވެ. އަދި ލަންކާގެ މަޝްހޫރު ފަންނާނުން ބައިވެރިވާ މިޔުޒިކް ޝޯއަކާއި އާޓިސްޓުންގެ ހުނަރު ދައްކާލުން ވެސް އޮންނާނެ އެވެ. އާޓް އަށް ހާއްސަ ފެސްޓިވަލެއް ވެސް އެގްޒެބިޝަނުގައި ކުރިއަށްދާނެ އެވެ.

ލަންކާގެ ތަފާތު އުފެއްދުންތައް ދައްކާލުމަށް ހާއްސަ ބިޒްނަސް ފޯރަމެއް ވެސް މި އެގްޒެބިޝަނުގެ ތެރެއިން ކުރިއަށްދާނެ އެވެ.