ވިޔަފާރި

ބީއެމްއެލްގެ އިސްލާމިކް ބޭންކިންއަށް ހާއްސަ ބްރާންޗް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިންއަށް ހާއްސަ ބްރާންޗެއް މާލޭގައި ހުޅުވައިފި އެވެ. އެ ބޭންކުން މިރޭ ހުޅުވި އިސްލާމިކް ބޭންކިން ހެޑްކުއާޓާޒް ގާއިމްކޮށްފައި ވަނީ ބީއެމްއެލް ބާޒާރު ބްރާންޗް ކުރިން ހިންގި ސީޓްރެކްސް ބިލްޑިންގްގަ އެވެ.

ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އެންޑްރޫ ހީލީ ވިދާޅުވީ އެކުންފުނިން ބޭނުން ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ބޭންކިން ހިދުމަތް އިހްތިޔާރުކުރާނެ ގޮތްތަކެއް ތައާރަފްކޮށް، އިސްލާމިކް ބޭންކިން ހިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ހުޅުވާލުމަށް ކަމަށެވެ. އަދި އިސްލާމިކް ބޭންކިންގެ ޑިމާންޑު އިތުރުވަމުންދާ ވަރަށް އެ ހިދުމަތްތައް މާލެ އާއި އަތޮޅުތަކުގައި ފުޅާކުރާނެ ކަމަށް ހީލީ ވިދާޅުވި އެވެ.

"މިހާތަނަށް އެންމެ ފުރިހަމަ ގޮތެއްގައި އިސްލާމިކް ބޭންކިން ހިދުމަތް ދެމުން އައިސްފައިވަނީ އެންމެ ބޭންކްއަކުން. އަޅުގަނޑުމެން އެކަން ބަދަލު ކުރާނަން. އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ފުރިހަމަ ހިދުމަތްތައް ދެން ލިބޭނެ. ހެޑް ކުއާޓާޒް މެދުވެރިކޮށް އިސްލާމިކް ބޭންކިންގެ ހިދުމަތް ބޭނުންވާ އެތަށް ފަރާތަކަށް އެ ފަސޭހަކަމާ އެކު އެ ހިދުމަތް ލިބޭނެ،" ހީލީ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކްގެ ދަށުން ހިދުމަތް ހޯދާ ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކިން އެވެ. އަދި އެކަންތައް ބަލަމުންދަނީ ބައިނަލްއަގްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއިން އެވެ. ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވި ނަމަވެސް އަތޮޅުތަކުގަ އާއި މާލޭގައި ހުންނަ އެހެން ބްރާންޗްތަކުން ވެސް އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ބޭނުންވާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.