އިންޑިޔާ އިން މި އަހަރު ރާއްޖެއަށް 60،000 ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފައިފި އެވެ.
އިންޑިޔާ ޓޫރިސްޓުން އިތުރު ކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ އިންޑިޔާގައި ރޯޑްޝޯވްތަކެއް ބާއްވާފަ އެވެ. މި ރޯޑްޝޯވްތައް ކުރިއަށް ގެންގޮސްފައިވަނީ ނިއުދިއްލީ އާއި ބެންގަލޫރު އަދި ކަލްކަތާގަ އެވެ.
އިންޑިޔާގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު ވިދާޅުވީ އިންޑިޔާއަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ.
"މިދިޔަ އަހަރު 45000 ޓޫރިސްޓުން އިންޑިޔާއިން ޒިޔާރަތް ކުރި. އެހެންވެ އުންމީދު ކުރެވޭ އިތުރު ކުރެވޭނެ ކަމަށް. މި ދަތުރުގެ ބޭނުމަކީ މި ޓޫރިޒަމް ފަރާތްތައް މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތް ކުރެވެން ހުރި ފުރުސަތުތައް އަންގައި ދިނުން،" ލިރާރު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީން އިންޑިޔާގައި ބޭއްވި މި ރޯޑްޝޯވްގައި ސަރުކާރުން ކުރިއަށް ގެންދާ ގެސްޓް ހައުސް މަޝްރޫއުގެ މައުލޫމާތު ވެސް ދީފަ އެވެ.