ޓެކްނޯލޮޖީ

ސެމްސަންގް ބްރޭންޑް އަނދައި އަޅިއަށްވީތަ؟

Oct 2, 2016
6

"ގޮވައި އަލިފާން ރޯވި" ހާދިސާއަށް ފަހު ސެމްސަންގުން އަނެއްކާވެސް އެމީހުންގެ ގެލެކްސީ ނޯޓް ސެވަން ބާޒާރަށް ނެރެން ފަށައިފި އެވެ. އެގޮތުން ދެކުނު ކޮރެއާގެ ބާޒާރަށް ނޯޓް ސެވަން ހޮނިހިރު ދުވަހު އަލުން ނެރެފައިވާއިރު ޔޫރަޕަށް މި ފޯނު އެނބުރި ދާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ވާދަވެރި އެޕަލް ކުންފުނީގެ އައިފޯން ސެވަން ތަޅައި ބުރުވައިލުމަށް ސެމްސަންގުން ކުރި މަސައްކަތް "އަތަށް ގޮވުމުން" ކުންފުންޏަށް ވަނީ އިތުބާރުގެ މައްސަލަ ކުރިމަތިވެ، ދުނިޔޭގެ ކުރިމަތީގައި އަގުވެއްޓިފަ އެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުން ނަމަ ސެމްސަންގްގެ މި ބަދުނަސީބަކީ އެ ކުންފުނީގެ މަޝްހޫރު ބްރޭންޑް ވެސް "އަނދައި އަޅިއަށް ހަދައިލަފާނެ" ވަރުގެ ދެރަ ކަމެކެވެ.

ވަކިން ހާއްސަކޮށް ވާދަވެރިންނަށް ގޮންޖެހުމަށް، އަމިއްލަ އަށް ފޯނުގެ ބައިތައް އުފައްދާ ސެމްސަންގުގެ އެންމެފަހުގެ ފޯނު ގޮވައި، ރޯވުމަކީ އެމީހުންގެ ގާބިލިއްޔަތުކަމާ މެދު ވެސް އެތައް ބަޔަކު ސުވާލު އުފައްދާފައިވާ ކަމެކެވެ. ނަމަވެސް ސެމްސަންގުން ބުނަނީ ދިމާވި "ކާރިސާ" އަށް ފަހުގައި ވެސް ކަސްޓަމަރުންގެ 95 ޕަސެންޓް އޮތީ އަދިވެސް ވަފާތެރިކަންމަތީގައި ކަމަށެވެ.

ސެމްސަންގަށް މި މުސީބާތެއް ކުރިމަތިވީ ގެލެކްސީ ނޯޓް ސެވަންގެ 2.5 މިލިއަން ފޯނު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކާފައި ވަނިކޮށެވެ. ދެކުނު ކޮރެއާ އަށް ވިއްކި ފޯނުތަކުގެ 80 ޕަސެންޓް އަނބުރާ ގެންގޮސްފައިވާއިރު ދުނިޔޭގެ އެހެން ހިސާބުތަކުގައި ވިކުނު ފޯނުގެ 50 ޕަސެންޓް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ބަދަލުދޭން މަޖުބޫރުވުމުގެ މި ސިލްސިލާގެ އަގު ލަފާކުރަން ވެސް ނޭނގޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ވަކިން ހާއްސަކޮށް، އަމިއްލަ އަށް ފޯނުގެ ހުރިހާ ބައިތަކެއް އުފެއްދުމަށް މަޝްހޫރުވެފައިވާ ސެމްސަންގުގެ ބްރޭންޑަށް ލިބުނު ހުތުރު މީގައި އަދި ވަކިން ބޮޑެވެ.

އެޕަލް ފަދަ ވާދަވެރިން އުފައްދާ އައިފޯނުގެ އެކި ބައިތަކުގެ ޕްރޮޑަކްޝަން އެ ކުންފުނިން އައުޓްސޯސްކުރުމަކީ އާންމުކޮށް ސެމްސަންގުގެ ފޭނުންގެ މެދުގައި ފާޑުކިޔުން އަމާޒުވާ މައްސަލައެކެވެ. އަދި ބުނެވޭ ގޮތުގައި އައިފޯނަށް ވުރެން ހުރިހާ ގޮތަކުން ވެސް މޮޅީ ސީދާ ސެމްސަންގުގެ ފުރާޅުގެ ދަށުގައި އުފައްދާ ގެލެކްސީ ނޯޓްގެ ސީރީޒްތަކެވެ.