ރާއްޖެ ކުޅިވަރު

ކުރިއަށްދާނީ ވޮލީގެ ކުރީގެ ހަރަކާތްތެރިންގެ ބައިވެރިވުން ހޯދައިގެން: ލަތީފް

ވޮލީ ތެރޭގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ފަރުދުން އުފެއްދި ސުވާލަކީ އާ އިންތިހާބާ އެކު ވޮލީގެ ކުރިގެ ގިނަ ހިދުމަތްތެރިން އަލުން ވޮލީއިން ފެނިގެންދާ ތޯ އުފެއްދި ސުވާލެވެ. ރޭ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުވި ކުރީގެ ވޮލީ ކުޅުންތެރިޔާ މުހައްމަދު ލަތީފު ވިދާޅުވީ ވޮލީ އާއި ދުރުގައި ތިއްބެވި ފަރާތްތަކާއި މިދިޔަ ދައުރުގައި ވީއޭއެމް ހިންގެވުމުގައި އުޅުއްވި ބޭފުޅުންގެ ބައިވެރިވުން ހޯއްދަވާނެ ވަހަކައެވެ.

"މިދިޔަ 19 އަހަރު ވީއޭއެމްގެ ކުރީގެ ރައިސް މުހައްމަދު ރިޔާޒު ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި. އެކަން ވަރަށް ބޮޑަށް ފާހަގަ ކުރަން. ކުރީގެ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވަނީ ވަގުތު ދެވޭ ވަރަކުން ވަޑައިގަންނަވާށޭ" ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ އޭނާ ކުރިއަށް ގެންދަވާނީ ކުރިން ދައުރުތަކުގައި ކޮށްފައި ހުރި ކަންކަމުގެ ތެރެއިން ކަމަށާއި އެކަންކަން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރެއްވުމާއެކު އެބޭފުޅުންނަށް ނުކުރެވި ދޫކޮށްލެވި ކަންފައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭނަ ފާހަގަ ކުރެއްވި އެއް ކަމަކީ ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމެވެ.

"ވަރަށް ގިނަ ކަންކަމެއް މިހަރުވެސް ކުރިއަށް އެބަދޭ. މީގެ އިތުރުން އާ ކަންތައްތައް ތާރަފު ކުރެއްވުމާއެކު އެބޭފުޅުންނަށް ނުކުރެވި ދޫކޮށްލެވި ހުރި ކަންކަން އަޅުގަނޑު އަލުން ފަށާނަން"

ވީއޭއެމްއާ ހަވަލުވަނީ މިހާރުންސުރެ ޕްލޭންތަކެއް ހަދައިގެން

އިންތިހަބު ވުމަށްފަހު ލަތީގެ އެންމެ ބޮޑު އިސްކަމެއް އޮތީ ވޮލީގެ މާސްޓަސް ޕްލޭނެއް ކަނޑައަޅުއްވައި ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމެވެ. ވޮލީގެ އިންފްރާސްޓަރަކްޗާ އާއި ޑިވްލަޕްމެންޓް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އޭނަ ވަނީ އަމާޒު ކަނޑައަޅާފައެވެ. ނަމަވެސް އާއެކްސްކޯ ހަވާލުވާއިރު މިހާރުވެސް ކުރިމަތީގައި ރާއްޖެއަށް ވަރަށް މުހިންމު މުބަރަތެއް އެބައޮތެވެ. އާ އެކްސްކޯ ހަވާލުވުމަށްފަހު ވޮލީއަށް އޮތް އެންމެ ފުރަތަމަ ބޮޑު މުބާރާތަކީ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތެވެ.

"އަޅުގަނޑުމެން ހަވަލުވެ އެ މުބާރާތައް ޕްލޭންތައް ހަދައިގެން ތައްޔާރުވަކަށް ވަގުތެއް ނޯންނާނެ އެހެންވެ އަޅުގަނޑުމެން މިހާރުވެސް ވަނީ ޕްލޭންތަކެއް ހަދާފަ" ލަތީ ވިދާޅުވިއެވެ.

ސެންޓްރަލް ޒޯން އަށް ތައްޔާރުވަ އަންހެން ޓީމަށާއި ފިރިހެން ޓީމަށް ޓްރެއިނިންގ ކޭމްޕެއް ހަމަޖެހިފައިވާކަން ލަތީ ފާހަގަ ކުރިއެވެ.