ވިޔަފާރި

ޔޫތު ޗެލެންޖު އަންނަ މަހު ބާއްވަނީ

Feb 28, 2015

މި އަހަރުގެ ޔޫތު ޗެލެންޖާއި ކިއްސަރު ފެއާ ބާއްވާނީ ޒުވާނުންނަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ޔޫތު ޗެލެންޖު ބާއްވަނީ އަންނަ މަހުގެ 13 އިން 14 އަށް ދަރުބާރުގޭގަ އެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އަހަރުގެ ޔޫތު ޗެލެންޖާއި ކިއްސަރު ފެއާ އޮންނާނީ އެހެން އަހަރުތަކާ ތަފާތު ގޮތަކަށް ކަމަށެވެ. މި އަހަރުގެ ފެއާ އަމާޒު ކުރެވޭނީ މިހާރު ޒުވާނުންނަށް ހުރި ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް އަލި އަޅުވާލުމަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރުގެ ޔޫތު ޗެލެންޖާއި ކިއްސަރު ފެއާގައި ޒުވާނުންނަށް ބޭނުންވާ ވިޔަފާރީގެ ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނެ ކަމަށެވެ.

މި އަހަރުގެ ފެއާގައި ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތައާރަފުކުރަން ބޭނުންވާ އާއުފެއްދުންތައް ޕްރޮމޯޓްކޮށް، ވިޔަފާރިތަކުން އުފެދިފައިވާ ވަޒީފާތައް އަދި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ބާޒާރުގައި ހުރި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް (ދަސްވާރު) ޕްރޮގްރާމްތަކާބެހޭ މައުލޫމާތު ދޭނެ އެވެ.

" ވިޔަފާރީގެ ދާއިރާގައި ބޭނުންވާ ތައުލީމާއި ތަމްރީނުތަކުގެ މައުލޫމާތުތައް ފޯރުކޮށްދީ އަދި އިޖުތިމާއީ މަސައްކަތުގައި ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އެކުވެރި މާހައުލަކުން ޒުވާނުންނަށް މަޢުލޫމާތުތައް ލިބޭނޭގޮތް ފަހިކޮށްދިނުމެވެ،" ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ މި މިފެއާގައި ސްޓޯލްތައް ބަހައްޓަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. މި ފޯމް ބަލައި ގަތުމުގެ ފުރުސަތު އަންނަ މަހުގެ އަށްވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ޔޫތު ޗެލެންޖާއި ކިއްސަރު ފެއާއަކީ 1999 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީން ބާއްވާ ވަޒީފާގެ ފެއާ އެކެވެ.