ލައިފްސްޓައިލް

ހެނދުނު ހޭލައިގެން ހުސްބަނޑާ ހުރެ ފެންބުއިމުގެ އާދަޔާހިލާފު ފައިދާތައް

Oct 3, 2016
1

ޖަޕާނުގެ އަންހެނުންނަކީ އެމީހުންގެ "ސްލިމް ފިގާތަކަށް" މަޝްހޫރު ބައެކެވެ. އަދި ދުޅަހެޔޮ ކަމަށް ވެސް ލާމަސީލު ބައެކެވެ. މިކަމުގެ އެއް ސިއްރަކީ އެމީހުންގެ ޖެނެޓިކްސް އެވެ. ނަމަވެސް ހެނދުނު ހޭލައިގެން ހުސްބަނޑާ ތިބެ ފެންބުއިމުގެ އާދައަކީ ވެސް ޖަޕާނު އަންހެނުންގެ މި ސިފައެއްގައި ފޮރުވިފައިވާ ސިއްރެކެވެ.

އެގައުމުގެ ހުރިހާ އަންހެނުންނަކީ ވެސް ހެނދުނު ހޭލައިގެން ހުސްބަނޑާ ތިބެ ފެންބޯ މީހުންނެވެ. މިއީ އެގައުމުގެ އަންހެނުންގެ މެދުގައި ބޮޑު ސަގާފަތެކެވެ.

ޖަޕާނުގެ އާބާދީއަށް ބެލިޔަސް، ފަލަވުމުގެ މައްސަލަ އާއި ހަކުރުބަލީގެ މައްސަލަތަކަކީ އެގައުމުގެ މީހުންގެ މެދުގައި އާންމު ބަލިތަކެއް ނޫނެވެ. ބުނެވޭ ގޮތުގައި އޭގެ އެންމެ ބޮޑު ސިއްރަކީ ވެސް އެމީހުންގެ މި އާދަޔާހިލާފު ލައިފްސްޓައިލެވެ.

ފެން ބުއިން އެހާ މުހިންމު ކަމަކަށް ވަނީ ކީއްވެ؟

ހަށިގަނޑުގެ 70 ޕަސެންޓް އުފެދިގެން ވަނީ ފެނުގެ މައްޗަށެވެ. އެހެންވީމަ އެ 70 ޕަސެންޓް ގަވާއިދުން "އަޕްޑޭޓްކޮށް" ތާޒާކަންމަތީގައި ބެހެއްޓުމަކީ ހަށިގަނޑުގެ ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގުމަށް ނިކަން މުހިންމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ފެނުގެ ފުރިހަމަ މިންވަރު ނުލިބުމަކީ ދިގު މުއްދަތަކަށް އަސަރުކުރާ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.

ފެން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފޯރުކޮށް ނުދެވޭ ނަމަ ރާއްޖެބަލި އާއި މައިގްރެއިން އަދި ފަލަވުމާއި އުރަމަތީ ކެންސަރުގެ އިތުރުން ކިޑްނީގައި ހިލައުފެދުން ޕަލްމޮނަރީ ޓީއުބާކްލޯސިސް އާއި ޔުޓެރިން ކެންސާ ފަދަ އެތައް އެތައް ބައްޔަކަށް ހަށިގަނޑުގެ ދޮރުތައް ހުޅުވިގެންދެ އެވެ.

ގަވާއިދުން ފެންބޮއެ ބޮޑީ ރަނގަޅަށް ހައިޑްރޭޓްކޮށްފައި ބަހައްޓާ ނަމަ މިފަދަ ބަލިތަކުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްލެވޭނެ އެވެ. ފެން ބޯން ޖެހޭ އެ ގަވާއިދަކީ ކޮބައި ހެއްޔެވެ؟

- ހެނދުނު ހޭލެވުމާ އެކު ވަގުތުން 160 މިލިލީޓަރުގެ ފެން ހަތަރު ފަހަރެއްގެ މަތިން ބޯށެވެ. މިއީ ދަތްވެސް ނުއުނގުޅައި ހުސްބަނޑާ ހުރެގެން ކުރަން ޖެހޭ ކަމެކެވެ.
- އެއަށް ފަހު 45 މިނެޓް ވަންދެން އެއްވެސް އެއްޗެއް ނުކައި ހުންނާށެވެ.
- ދެން، ކެއުމުގެ 30 މިނެޓް ކުރިން ފެން ބޯށެވެ. އެއަށް ފަހު ބްރޭކްފާސްޓްގެ ފަހުން އަދި ލަންޗާއި ޑިނާގެ ފަހުން އަންނަ ދެ ގަޑިއިރުގެ ތެރޭގައި ފެން ބޮއެގެން ނުވާނެ އެވެ.
- މި ތަރުތީބުން ފަށާއިރު، ހުސްބަނޑާ ހުރެ ހަތަރު ތަށީގެ ފެން ނުބޮވޭ ނަމަ އެއް ތަށިން ފުރަތަމަ ފަށާށެވެ.

މިގޮތަށް ގަވާއިދުން "ފެނުގެ މި ފަރުވާ" ނަގާ ނަމަ ހަކުރު ބައްޔާއި ހަކުރުބަލީގެ ނުރައްކާ ކުޑަކުރެވިދާނެ އެވެ. ކޮންސްޓިޕޭޝަން އާއި ގޭސްޓްރައިޓްސް ފަދަ މައްސަލަތައް ފަސޭހައިން ހައްލުކުރެވިދާނެ އެވެ. ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށް މެޓަބޮލިޒަމް އިތުރުކޮށްދެ އެވެ. ކިޑްނީގައި ހިލައުފެދުން އަދި ބްލެޑާ އިންފެކްޝަން ފަދަ ބަލިތަކަށް ވެސް ފަސޭހަކޮށްދެ އެވެ.