ވިޔަފާރި

ކާޑުގެ އަގު ހެޔޮކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށައިފި

Oct 3, 2016
6
  • އެސްޓީއޯގެ އޯވަހެޑް ކުޑަކުރަން މަސައްކަތްތަކެއް
  • ލޮޖިސްޓިކް އެކި ކަންކަމަށް ވެސް ބަދަލު ގެންނާނެ
  • ތަކެތި އަގުހެޔޮ ކުރުން އެސްޓީއޯގެ އަޒުމަކަށް

ރާއްޖޭގައި ވިއްކާ ކާޑުގެ ބާވަތްތައް އަގު ހެޔޮކުރުމުގެ މަސައްކަތް ތަކެއް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކާޑުގެ އަގު ހެޔޮ ކުރުމުގެ ގޮތުން ރާއްޖެއަށް އެތެރެކުރާ ކާޑު އަގުހެޔޮކޮށް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ސަރުކާރުން ސަބްސިޑީ ސްޓަކްރަކްޗާ އަށް ބަދަލު ގެނައުމާ ގުޅިގެން އެސްޓީއޯއަށް ކާޑު ގެންނަ އަގު ކުޑަ ކުރެވޭނެ ގޮތެއް މިދަނީ ބަދަލުން. ލޮޖިސްޓިކްސް ކުޑަ ކުރުން ތޯ؟ އޯވަހެޑްސް ކުޑަ ކުރުން ތޯ؟ ސްޓޯރޭޖް ރަނގަޅު ކުރުން ތޯ؟ އަޅުގަނޑުމެން މިހާރު ވާނީ މަސައްކަތް ފަށާފަ،" ޝަހީރު ވިދާޅުވި އެވެ.

"ކާޑު ގެނައުމަށްފަހު ކާޑު މި ވިއްކަނީ އަޅުގަނޑުމެންގެ ރެގިއުލޭޓަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގެ ކަނޑައަޅުއްވާފައިވާ އަގުތަކެއްގައި. އެސްޓީއޯއިން މި ގެންނަ ކާޑުގެ ކޮސްޓް ބެލުމަށްފަހު ސަރުކާރުން ނިންމާފައި އޮންނަ ރޭޓްގައި ވިއްކީމަ ސަބްސިޑީއެއްގެ ގޮތުގައި މި އަންނަ ބަދަލު ސަރުކާރުން މިދަނީ ދެމުން."

އޭނާ ވިދާޅުވީ އެސްޓީއޯ އިން ގެންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދެން ގެންނަ ކާޑުގެ ޝިޕްމަންޓުގެ އަގު ހެޔޮވާނެ ކަމަށާއި، އަގު ހެޔޮވުމުން އާއްމު ރައްޔިތުންނާ ހަމައަށް އޭގެ މަންފާ ފޯރާނެ ކަމަށާއި، އެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"އަޅުގަނޑުމެން މިހެން އަންނަ ބަދަލެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނަން. ކާޑަކީ އެއްވެސް އިރެއްގައި އެސްޓީއޯއަށް ފައިދާ ލާފައި ވިއްކާ އެއްޗެއް ނޫން ހަމަ ގެންނަ ގޮތަށް ކޮސްޓް ޕްރައިޒް ބަލާފަ، މިނިސްޓްރީގެ އަގު ތަކަށް ވިއްކަނީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯ އުފެދުމުގެ މައިގަނޑު މަގުސަދަކީ ޒަރޫނީ ތަކެތި ހެޔޮ އަގުގައި ފޯރުކޮށް ދިނުން ކަމަށާއި، އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"އޯވަހެޑް ކުޑަކޮށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނަން،" ޝަހީރު ވިދާޅުވި އެވެ.

ކާޑްގެ ސަބްސިޑީ ކޮންޓްރޯލް ކުރުމާ އެކު، 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ ހަތަރު ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.