ރިޕޯޓް

އޮގަރު ވަހީދުގެ ހިދުމަތުން "ސަބްސިޑީ" ކަނޑާލައިފި

Sep 4, 2016
34

އޮގަރު އިބްރާހިމް ވަހީދުގެ ފުން ހިތާމައެއް އަނެއްކާވެސް ސޯޝަލް މީޑިއާ އަށް ބަންޑުންކޮށްލެއްވީ އެވެ. މީގެ އަހަރެއްހާ ދުވަސްކުރިންވެސް ހަމަ މިގޮތަށް ނިކަން ބޮޑު މުނާސަބަތަކާ ގުޅުވައިގެން އަސަރުގަދަ އިހްސާސްތަކެއް ފޭސްބުކަށް ބަންޑުންކޮށްލެއްވި އެވެ.

އެއީ "މިނިވަން50 ގެ އެއްވެސް ކަމަކަށް އެއްވެސް ބާވަތެއްގެ ދައުވަތެއް ނުލިބުނީތީ، އެއްވެސް މީހަކަށް ނުވީތާއޭ ހިތަށް އެރި" ކަމަށް ބުނެ ޖެހިފައިވާ ޖަޒުބާތެކެވެ.

ނިކަން ހިތާމަވެރި ވާހަކައެކެވެ. -- އެކަމަކު އަދި މިފަހަރުގެ އިހްސާސްތަކުގައި ވަކިން އަސަރުގަދަ އެވެ. އޮގަރު ވަހީދުގެ މި ސްޓޭޓަސްއެއް އެންމެ ހާއްސަވަނީ ނުވަތަ އޭގައި ހުރި ވޭންވަރު އެންމެ އާދައިގެ މީހާ އަށް ވެސް ތަޖުރިބާކޮށްލަން އެނގެނީ ގައުމުގެ ހާލަތާއި ވަގުތާ ގުޅޭ ގޮތަށް ސްޓޭޓަސް ޖަހާލާފައި އޮތީމަ އެވެ.

ސަބްސިޑީގެ ދުއްޕާނެއް އާންމު ރައްޔިތުންނަށް ކުރިމަތިވެފައި ވަނިކޮށް އޮގަރު ވަހީދުގެ އަގުހުރި އަދި އަގުވަޒަންނުކުރެވޭ ހިދުމަތްތަކުން ވެސް "ސަބްސިޑީ" ކަނޑާލެއްވީ އެވެ.

ކޮންމެއަކަސް މިއީކީ، ދެ ތިން ޖުމްލައަކަން ނިންމާލެވޭ ވަރަށް ވުރެން ދިގު ވާހަކައެކެވެ. ވަހީދުގެ ޕާސަނަލް ފޭސްބުކް ޕޭޖުގައި މިދިޔަ ހުކުރު ދުވަހު "އާންމު އިއުލާނެއްގެ ސިފައިގައި" ޖަހާފައިވާ ސްޓޭޓަސް އަށް ލައިކްކުރި، ޝެއާކުރި ނުވަތަ އެހެން މީހަކު ޝެއާކޮށްގެން އެ ސްޓޭޓަސްއެއް ފެނުނު ކޮންމެ މީހަކަށް ވެސް މިކަން އެނގޭނެ އެވެ.

އޭގައި ލިޔުއްވާފައިވެ އެވެ.

"ވަރަށް ލަދުން ހުރެމެ، ދަންނަވާލަން ކަމަށް، އެންމެ ބޭފުޅުންނަށް. އަޅުގަނޑަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ އަދި ދައުލަތުގެ ވަރަށް ޒިންމާދާރު މަސައްކަތްތަކުގައި ވަރަށް އަދަވިނެތި، ވަރަށް އަމާނާތްތެރިކަމުގައި އުޅެފައި ހުރި މީހަކަށް ވާތީ، އަތުގައި ހޭކުނު އެއްޗެއް ދަތަކު ހޭކިފައެއް ނެތެވެ."

މިއީ ފެށުމެވެ. އޮގާރު ވިދާޅުވާ ވާހަކަ ވަރަށް ވެސް ސާފެވެ. އަދި މިއީ އެންމެނަށް ވެސް އެނގޭ އަދި ގިނަ ބަޔަކު އެ ބޭފުޅާ ބަލައިގެންފައިވާ ގޮތް ވެސްމެ އެވެ. ނަމަވެސް މި ސްޓޭޓަސްއެއް ކުރިއަށްދާ ވަރަކަށް ސަމާލުކަން އިތުރުނުކޮށްފި ނަމަ އޭގައި ވިދާޅުވާ ވާހަކައިގެ އަސްލު މާނަ ފަހަރުގައި ނަގައިނުގަނެވިދާނެ އެވެ.

އެއަށް ފަހު ދެން މިއޮތީ އެ ސްޓޭޓަސްއެއްގެ އަނެއް ބައެވެ.

"ރިސޯޓެއް، ވިޔަފާރިއެއް ފަދަ ކަމެއް ވެސް ނެތެވެ. އަދި އެއަށް ފަހު ދެލޯ ހުޅުވައި ބަލައިލިއިރު ޕެންޝަންއަކަށް ވާހަކަލަ ޕެންޝަންއެއް ނުލިބެ އެވެ. އަނބިދަރިންނަށް ކާން ދޭން މިޖެހެނީ ދަމާކަނޑައިގެންނެވެ"

"ވަޒީފާއެއް ލިބޭތޯ ބަލާއިރު، ވަކި އުމުރަކަށްވުރެން މައްޗަށް ގޮސްފައި ހުރީތީ އެކަން ވާކަށް ނެތެވެ. އަދި 65 (އަހަރު) ނުފުރޭތީ އެ އުމުރުގެ މީހަކަށް އެލިބޭ އެތިކޮޅުވެސް ލިބޭކަށް ނެތެވެ. ހިނގައި އުޅެނީ ދަނޑިގަނޑެއް ޖަހައިގެންނެވެ."

މިއަށް ފަހު ދެން މި އަންނަނީ ސްޓޭޓަސްގެ އެންމެ އަސަރުގަދަ ހިސާބެވެ.

"އަޅުގަނޑަކީ އެއް ދުވަސްވަރެއްގައި އެތަން މިތަނުން އެކި މީހުން ލޯގޯ، މޮޓޯ، ޝިއާރު، ކެޗް-ފްރޭޒް، ލަވަ، ޅެން، ކުރުވާހަކަ، މަޒުމޫނު، ތަރުޖަމާ... މި ހުރިހާ އެއްޗެއް، އެދޭހާ ބަޔަކަށް ހިލޭ ހަދައިދެމުން ގެންދިޔަ މީހަކީމެވެ. އެފަދަ ގިނަ ފަރާތްތަކުން ހިދުމަތް ހޯއްދަވާފައި އެމްނީޒިއާ ކިޔާ ބައްޔަކަށް ފަރުވާ ނުހޯއްދަވާ ތިއްބެވުންވެސް އެއީ އާދައެކެވެ"

"ޒަމާން ބަދަލުވުމާ އެކު މިހާރު ދުނިޔެ މިގޮތަށް ބަދަލުވީމަ ދެން އެފަދަ ހިދުމަތްތައް ހިލޭ ދެވޭކަށް ނެތެވެ."

ވާނުވާ މިހާރު އެބަ ސާފުވޭ، އެހެންނޫންތޯ އެވެ! އެކަމަކު މި ސްޓޭޓަސްއެއް ދެން ވެސް ނިމުނީކީއެއް ނޫނެވެ. ވިދާޅުވަމުން ކުރިއަށް ގެންދަވާށެވެ.

"ވީމާ، ތައުލީމީ/އިޖުތިމާއީ ބޭނުމަކަށްޓަކައި ހިދުމަތުގެ ގޮތުން އެކަހަލަ ކަންކަން އަޅުގަނޑުލައްވައި ހިލޭ ކުރުވަން އަޅުގަނޑަށް ފޯނުކުރެއްވުމުގެ ކުރިން އަޅުގަނޑަށް އެކަށީގެންވާވަރުގެ ކުޑަ ހައިރާތެއް ކުރައްވާފައި ގުޅުއްވީމާ އެ ގުޅުއްވާ ފަރާތަކަށް އަޅުގަނޑުގެ ސަމާލުކަމާއި ވަގުތާއި ހިދުމަތް އުފަލާއެކު އަރުވަން ތައްޔާރަށް ހުންނެވީމެވެ."

މި ދެރަ ނިކަމެތި ސްޓޭޓަސްއަކަށް ފަހު އޮގަރު ވަހީދު ދެން ޖެއްސެވި ސްޓޭޓަސް އަކީ ވެސް ޝައުގުވެރިކަން ވަކިކުޑަ ސްޓޭޓަސްއެއް ނޫނެވެ.

އޭގައި ވިދާޅުވެފައި ވަނީ މިހެންނެވެ.

"ސިޔާސީ ދާއިރާ އަށް ވަންނަން ފިކުރުކުރާ މީހަކު ހަދަންވީ ކިހިނެތްބާ؟"