މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

އަބުރުގެ ބިލު ތަސްދީގުކުރި ފަހުން ހުށަހެޅީ އެންމެ މައްސަލައެއް: ބްރޯޑްކޮމް

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ ބެހޭ ބިލުތަސްދީގު ކުރި ފަހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅާފައި ވަނީ އެންމެ މައްސަލައެއް ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

ބްރޯޑްކޮމްގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީބު ވިދާޅުވީ ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ބްރޯޑްކާސްޓު ކުރި ކޮންޓެންޓާ ގުޅޭގޮތުން ހުށަހެޅިފައި ހުރި 213 މައްސަލަތަކުގެ ތެރެއިން 29 ޕަސަންޓަކީ މީހުންގެ އަބުރާ ބެހިގެން ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ. އޭގެ ސަބަބުން އެ ކޮމިޝަނުން ބޭނުންވެފައި އޮތީ އެ މައްސަލަ ހައްލުކޮށް އަދަދު މަދު ކުރެވޭނެ ގޮތެއް ހޯދުން ކަމަށާއި އެގޮތުން އަބުރު ރައްކާތެރި ކުރުމުގެ ބިލު ތަސްދީގު ކުރި ފަހުން ކޮމިޝަންއަށް ހުށަހެޅިފައި ވަނީ އެންމެ މައްސަލައެއް ކަމަށެވެ.

"އަބުރާ ބެހުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގައި އެކޮމިޝަނުން ހިޔާލު ހުރި ގޮތުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔަ. ނަމަވެސް އަޅުގަނޑުމެނަށް ހުށަހެޅުނު މައްސަލަތަކުގެ އެންމެ ބޮޑު ޕަސަންޓެއް މިވަނީ އަބުރާ ބެހުމުގެ މައްސަލަތައް ގޮތުގައި. އަޅުގަނޑުމެން ތިބީ އެކަމަށް ހައްލެއް ބޭނުންވެފައި. އެހެންވެ އަބުރުގެ މައްސަލަތައް ހުއްޓުވަން ޖެހޭތީ މަޖިލީހުގައި ވެސް ތާއީދު ކުރީ،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ ގޮތުގައި ބްރޯޑްކާސްޓިން ދާއިރާއާ ގުޅޭގޮތުން އެކޮމިޝަނަށް މިހާތަނަށް 468 ޝަކުވާ ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިިން ކޮންޓެންޓާ ގުޅުން ހުރި 213 ޝަކުވާ ލިބިފައިވާ އިރު 215 ޝަކުވާއަކީ ލައިސެންސްގެ މައްސަލަތަކާ ގުޅޭ ޝަކުވާތައް ކަމަށެވެ. އަދި އެހެނިގެން މައްސަލަތަކާ ގުޅޭ 40 ޝަކުވާއެއް ލިބިފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.