ވިޔަފާރި

އެންމެ ހިތްގައިމު ފަރުތަކުގެ ތެރޭގައި ރަކީދޫ ފަރު!

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މަޝްހޫރު "ކޮންޑެ ނަސްޓް ޓްރެވަލާ މަޖައްލާ" އިން ހޮވި މޫދަށް އެރި ފީނާލައި ހަދަން އެންމެ ހިތްގައިމު ފަރުތަކުގެ ތެރޭގައި ވ. ރަކީދޫ ފަރު ހިމެނިއްޖެ އެވެ.

ކޮންޑެ ނަސްޓް މަޖައްލާގެ މަޖައްލާ އިން ހޮވާފައިވާ މޫދަށް އެރިލާ އުޅެން އެންމެ ހިތްގައިމު 10 ތަނުގެ ތެރޭގައި ރާއްޖޭން ހޮވިފައިވަނީ ވ. ރަކީދޫ ފަރު އެކަންޏެވެ. އެ މަޖައްލާ އިން ރަކީދޫ ފަރަށް ދީފައިވަނީ އަށް ވަނަ އެވެ.

ކޮންޑެ ނަސްޓް މަޖައްލާ އިން ބުނި ގޮތުގައި ރަކީދޫ ފަރަށް މި ވަނަ ލިބިފައިވަނީ އެ ފަރުން ފެންނަ ގުދުރަތީ ރީތިކަމުގެ ސަބަބުން ކަމަށެވެ.

މި ސަރަހައްދަށް ފީނާ މީހަކަށް ކާލިގަނޑު މިޔަރާއި ބޮޑެތި މުޑަހަނދި ފެންނާނެ ކަމަށް އެ މަޖައްލާ އިން ބުނެ އެވެ. އެ މަޖައްލާ އިން މި ފަރު ސިފަކޮށްފައިވަނީ ރާއްޖޭގެ އެންމެ ހިތްގައިމު ޑައިވް ސައިޓުގެ ގޮތުގަ އެވެ.

ކޮންޑެ ނަސްޓް މަޖައްލާގެ އިން ހޮވި މޫދަށް އެރިއުޅެލަން އެންމެ ހިތްގައިމު ތަނަށް ހޮވިފައިވަނީ ވެނެޒުވޭލާގެ "ކަޔާއޯ ދެ އަގުވާ" އަށެވެ. މިއީ ކެރީބިއަން ސަރަހައްދުގައި އޮންނަ މަޝްހޫރު އާކިއޮލޮޖިކަލް ޕާކެކެވެ. ކަނޑުގެ ދިރުންތައް ގިނަ ސަރަހައްދެކެވެ.

މި މަޖައްލާގެ ގިނަ އެވޯޑުތަކެއް ވެސް މީގެ ކުރިން ރާއްޖެއަށް ލިބިފައިވެ އެވެ. މިދިޔަ އަހަރު މި މަޖައްލާއިން ހޮވި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ވެސް ލިބުނީ ރާއްޖެއަށެވެ.