މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ގައުމީ ކެޕްޓަން ވޭން ރޫނީގެ ދިފާއުގައި ޑިފެންޑަރު ޖޯން ސްޓޯންސް ވާހަކަ ދައްކައިފި އެވެ.
ޔުނައިޓެޑާ ވާދަވެރި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ސްޓޯންސް ގައުމީ ކެޕްޓަން ދިފާއުކޮށް ވާހަކަދެއްކީ ވޯލްޑް ކަޕް ކޮލިފައިންގައި ހަފުތާ ބަންދުގައި މޯލްޓާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
"ރޫނީ އަކީ މޮޅު ކުޅުންތެރިއެއް. ކޮންމެ ކުޅުންތެރިއަކަށް އަންނާނެ މޮޅަށް ކުޅެވޭ ދުވަސްވަރާއި ދަށްކޮށް ކުޅެވެ ދުވަސްވަރު. އެއީ ކޮންމެ މީހަކަށް ވެސް ދިމާވާނެ ކަންތައް. އޭނާ އަކީ މި ޓީމުގެ ކެޕްޓަން. އަދި ވަރަށް މުހިންމު މީހެއް. އަހަރެން ދެކޭ ގޮތުގައި ގައުމީ ޓީމަށް 116 މެޗު ކުޅެފައި ޓީމުގައި ނުހުންނާނެ މުހިންމު ނޫން އެއްވެސްމީހަކު. ރޫނީ އަކީ އަދިވެސް ޒުވާން ކުޅުންތެރިންނަށް ވެސް ނަމޫނާއެއް،" ސްޓޯންސް ބުންޏެވެ.
އުމުރުން މިހާރު 30 އަހަރުގެ ރޫނީ އަށްފަހު ގައުމީ ޓީމުގެ ކެޕްޓަންކަންދޭނެ ކަމަށް ބެލެވޭ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ 22 އަހަރުގެ ސްޓޯންސް އެވެ. ނަމަވެސް އޭނާ ބުނީ އެއީ މިވަގުތު ވިސްނާ ކަމެއްނޫން ކަމަށާއި ނަމަވެސް ކެޕްޓަންކަން ކަމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭނެ ޝަރަފެއް ކަމަށެވެ. ރޫނީ ޓީމުގައި ހުރުމަކީ ވެސް އެންމެނަށް ލިބޭ އުފަލެއް ކަމަށް ވެސް ސްޓޯންސް ބުންޏެވެ. އަދި ވަގުތީ ކޯޗު ގެރެތް ސައުތުގޭޓާއެކު ޔޫތު ޓީމުގައި ކުޅެފައިވުމަކީ ވެސް ލިބޭ އިތުބާރެއް ކަމަށާއި ގައުމީ ކޯޗުކަމަށް ސައުތުގޭޓް އަންނަން އޭނާ ބޭނުންވާ ކަމަށެވެ.
ރޫނީއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވަނީ ފަހަކަށް އައިސް އޭނާގެ މަގާމަށް މޮޅަށް ކުޅޭ ކުޅުންތެރިންތަކެއް ތިބުމުން ކުލަބާއި ގައުމީ ޓީމުގައި ވެސް ފޯވަޑް ލައިނުން ފުރުސަތު ނުލިބޭތީ އެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އޭނާ އިނީ ބެންޗުގަ އެވެ. އަދި ގައުމީ ޓީމުގައި އޭނާ އަށް ފުރުސަތު ލިބެނީ މެދުތެރެއިންނެވެ.
މިކަމާ ބެހޭ ގޮތުން ރޫނީ ބުނެފައިވަނީ އޭނާ ކުޅެނީ އެވަގުތެއްގައި ކޯޗު ބުނާ މަގާމަކަށް ކަމަށާއި ކޮންމެ މަގާމަކަށް ކުޅެން ޖެހުނަސް އޭނާގެ ޝަކުވާއެއް ނޯންނާނެ ކަމަށެވެ.