ބޭރު ކުޅިވަރު

ބާސެލޯނާގެ ފޯވަޑް ލައިނުގެ މުސާރަށް އެއްމިލިއަނަށް

ބާސެލޯނާގެ ތިން ފޯވަޑުންގެ މުސާރަ އެއްމިލިއަން ޕައުންޑަށް އަރައިފި އެވެ.

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ބްރެޒިލްގެ ނޭމާ އަދި އުރުގުއޭގެ ލުއިސް ސުއަރޭޒް ހިމެނޭ ސައުތުއެމެރިކާގެ މި ތިން ފޯވަޑުންގެ މުސާރަ މިލިއަނަކަށް އެރީ ބާސެލޯނާއިން ސުއަރޭޒަށް ހުށަހެޅި އާކޮންޓްރެކްޓާއެކުގަ އެވެ.

2021 ވަނަ އަހަރާ ހަމައަށް އެކުލަބުގައި ސުއަރޭޒް ބަހައްޓަން އޭނާ އަށް ހުށަހެޅި ކޮންޓްރެކްޓާއެކު ނޭމާ އަށް މިހާރު ދޭ މުސާރައާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ. އެއީ ހަފުތާއަކު 272000 ޕައުންޑެވެ. މި ދެ ކުޅުންތެރިންނަށްވުރެ މުސާރަބޮޑު ކުޅުންތެރިއަކީ ދުނިޔެގެ މޮޅު ކުޅުންތެރިޔާ މެސީ އެވެ. ކޮންމެ ހަތް ދުވަހަކުން މުސާރައިގެ ގޮތުގައި 360000ޕައުންޑް އޭނާ ގެއަށް ގެންދެ އެވެ.

ލިވަޕޫލްގެ ކުރީގެ ފޯވަޑް ސުއަރޭޒާއެކު ބާސެލޯނާއިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތުހަމަވާނީ 2019 ވަނަ އަހަރު އެވެ. ނަމަވެސް އިތުރު އަހަރުތަކެއްގައި އޭނާ ކުލަބުގައި ބަހައްޓަން ނިންމީ ފާއިތުވެދިޔަ ދެ އަހަރު ސުއަރޭޒް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި ކުރިއަށް އޮތް އަހަރު ފެށުމުގެ ކުރިން އާކޮންޓްރެކްޓްގައި ސުއަރޭޒާއި ބާސެލޯނާއިން ސޮއިކުރާނެ އެވެ. އެކުލަބުން ވަނީ މީގެ ކުރިން ނޭމާ އާއި މެސީގެ ކޮންޓްރެކްޓް ވެސް އާކޮށްފަ އެވެ.