ޓެކްނޯލޮޖީ

ސެމްސަންގުން ބަދަލުގައި ދިން ނޯޓް 7 ވެސް ގޮވައިފި

Oct 6, 2016

ސެމްސަންގުގެ އެންމެފަހުގެ ސްމާޓްފޯނު، ގެލެކްސީ ނޯޓް7 އަށް ދިމާވި ބެޓެރީގެ މައްސަލާގައި އެ ކުންފުނިން ބަދަލުދިން ފަރާތެއްގެ ގެލެކްސީ ނޯޓް7 މަތިންދާބޯޓެއްގެ ތެރޭގައި ގޮވައިފި އެވެ.

ބެޓެރި ހޫނުވެ ގޮވައި، ފޯނުގައި އަލިފާން ރޯވުމުގެ މައްސަލަ ހައްލުކޮށްފައި އޮތް ފޯނެއްގެ ގޮތުގައި ސެމްސަންގުން އަނބުރާ ދިން މި ފޯނު ގޮވައި އޭގައި ރޯވެފައި ވަނީ، އެމެރިކާގެ ކެންޓަކީ އިން ފުރަން ތައްޔާރުވެފައި އޮތް އެގައުމުގެ ސައުތުވެސްޓް އެއާލައިންސްގެ މަތިންދާބޯޓެއްގަ އެވެ.

ނޯޓް7ގެ ބަދުނަސީބާ އެކު މި ފޯނުގެ މައްސަލަ ހައްލުކުރުމަށް ސެމްސަންގުން އެތައް މިލިއަން ފޯނުތަކެއް އަނބުރާ އެމީހުންގެ ފުރާޅުގެ ދަށަށް ގެންގޮސްފައިވެ އެވެ. މައްސަލަ ފާހަގަކުރެވި އެ މައްސަލަ ހައްލުކުރެވިއްޖެ ކަމަށް ބުނެ ސެމްސަންގުން އަލުން ފޯނުތައް ބާޒާރަށް ނެރެފައިވަނީ ނުވަތަ ބަދަލުގައި ފޯނުތައް ދޭން ފަށާފައި ވަނީ މި މަހު އެވެ.

މައްސަލަ ހައްލުކޮށްފައި ދިން ފޯނެއް ގޮވި މައްސަލަ ބަލަމުން އަންނަ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.

ފޯނުގެ ބެޓެރީ އޯވާހީޓްވެގެން ގޮވުމުގެ މުސީބާތެއް ސެމްސަންގަށް ކުރިމަތިވީ ގެލެކްސީ ނޯޓް ސެވަންގެ 2.5 މިލިއަން ފޯނު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކާފައި ވަނިކޮށެވެ. ދެކުނު ކޮރެއާ އަށް ވިއްކި ފޯނުތަކުގެ 80 ޕަސެންޓް އަނބުރާ ގެން ގޮސްފައިވާއިރު ދުނިޔޭގެ އެހެން ހިސާބުތަކުގައި ވިކުނު ފޯނުގެ 50 ޕަސެންޓް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ސެމްސަންގް ފޯނުތައް ގޮވުމުގެ މައްސަލައާ އެކު ވަރަށް ގިނަ އެއާލައިންތަކުން ވަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ގެލެކްސީ ނޯޓް7 މަތިންދާބޯޓްތަކަށް ނޭރުވުމަށް ނުވަތަ ބޯޓަށް އަރާއިރު ފޯނުތައް ނިއްވާލުމަށް ޝަރުތުކޮށްފަ އެވެ. މަތިންދާބޯޓުގައި ނޯޓް7 ޗާޖުނުކުރުމަށް އެމެރިކާގެ ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވެސް ވަނީ އިންޒާރު ނެރެފަ އެވެ.

ސައުތުވެސްޓް އެއާލައިންސްގެ ބޯޓެއްގައި ގޮވި ނޯޓް7ގެ ވެރިފަރާތުން ބުނެފައި ވަނީ އޭނާގެ ފޯނު ގޮވިއިރު އޮތީ ނިއްވާފައި ކަމަށާއި ޗާޖުވެސް ނުކުރާ ކަމަށެވެ. ޖީބުގައި އޮތްވައި އާދަޔާހިލާފަށް ހޫނުވެގެން އެންމެފަހުން ގޮވީ ކަމަށެވެ. --ބީބީސީ