ވިޔަފާރި

ރާއްޖޭގައި ރިސޯޓު ހަދަން ޗައިނާ ކުންފުންޏަކުން 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްފި

Oct 7, 2016
1
  • ތިން ރިސޯޓެއް ތަރައްގީ ކުރަނީ ފަޅެއް ހިއްކައިގެން
  • ތިން ރިސޯޓުގައި 470 ކޮޓަރި ހުރޭ
  • 2018 ގައި ރިސޯޓުތައް ހުޅުވާނެ

ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުނިން ރާއްޖޭގެ ފަޅެއް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރަން 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްފި އެވެ.

ސްރީލަންކާގެ "އިކޮނޮމީ ނެކްސްޓް" ނޫހުގައިވާ ގޮތުން ސީއެމްއީސީ ރާއްޖޭގައި ރިސޯޓް ހެދުމަށް އިންވެސްޓް ކުރަނީ، ސްރީލަންކާގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކޮށްފައިވާ އެލްއޯއެލްސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ޕާމް ގާޑެން ހޮޓެލްސް" އާ ގުޅިގެންނެވެ.

އޮޅުވެލި ބީޗް ރިސޯޓު ކައިރީގައި އޮންނަ ފަޅެއް ހިއްކައިގެން މި މަޝްރޫއުގެ ދަށުން ވަކި ތިން ރިސޯޓް ތަރައްގީ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއް ރިސޯޓުގައި 120 ކޮޓަރި ހުރެ އެވެ. އަދި އަނެއް ރިސޯޓްގައި ހަދަނީ 470 ކޮޓަރި އެވެ. އަދި އަނެއް ރިސޯޓު ފައްކާކުރަނީ 350 ކޮޓަރިއާއެކުގަ އެވެ. މި ރިސޯޓުތައް ހުޅުވަނީ 2018 ވަނަ އަހަރު އެވެ.

މި ރިސޯޓުތައް ތަރައްގީ ކުރަނީ މާލެއިން ފުރައިގެން 30-40 މިނެޓުން ދެވޭ ހިސާބުގަ އެވެ.

މި ރިސޯޓު ތަރައްގީކުރާ ޗައިނާގެ މެޝިނަރީ ކޮންސްޓްރަކްޝަންއަކީ ހުޅުމާލޭގައި ފްލެޓު އެޅުމުގެ މަޝްރޫއުތަކެއް ހިންގަމުން ގެންދާ ކުންފުންޏެކެވެ. މިއަހަރުގެ ތެރޭގައި އިތުރު ނުވަ ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ވެސް އިތުރު ރިސޯޓްތަކެއް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.