ވޯލްޑް ކަޕް ކޮލިފައިންގައި ސްޕޭނާއި އިޓަލީ އަދި ވޭލްސް ކުޅުނު މެޗުތައް އެއްވަރުވެގެން ނިމިއްޖެ އެވެ.
ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ސްޕޭނާއި އިޓަލީ ވާދަކުރި މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. ވިޓޯލޯގެ ގޯލުން ސްޕޭން މޮޅުވާން ދަނިކޮށް އިޓަލީ އެއްވަރުކުރީ 82 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޑެނިއަލް ޑީރޮސީ އެވެ. މިއާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ސްޕޭން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ 55 ވަނަ މެޗަކަށް ދެމިގެންގޮސްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފު މުޅިން ކަހަލް ގޮތަށް ސްޕޭން ކޮންޓްރޯލް ކުރި ނަމަވެސް އެ ޓީމަށް ގޯލެއް ޖެހޭގޮތެއްނުވި އެވެ.
ގްރޫޕް ޖީގައި ހިމެނޭ މި ދެ ގައުމަށް ވެސް މިހާތަނަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ސްޕޭނަށް ދެ ވަނަ އަދި އިޓަލީ އަށް ލިބެނީ ތިން ވަނަ އެވެ. އެއްވަނާގައިވަނީ ހަ ޕޮއިންޓާއެކު އަލްބެނިޔާ އެވެ. އެ ގައުމު މިރޭ މޮޅުވީ ލެއިޗެސްޓައިން އަތުން 2-0އިންނެވެ. މި ގްރޫޕުގައި އިޒްރޭލާއި މެސެޑޯނިއާ ކުޅުނު މެޗު 2-1އިން ކާމިޔާބު ކުރީ އިޒްރޭލެވެ.
ވޭލްސް އާއި އޮސްޓްރިއާ ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. އޮސްޓްރިއާގެ އާނައުޓޮވިކް ދެ ލަނޑު ޖެހިއިރު ވޭލްސް ސަލާމަތްވީ އޮސްޓްރިއާގެ ކުޅުންތެރިއަކު ބައިކޮޅަށް ޖެހި ގޯލަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ހޯދައިދިނީ ވޭލްސްގެ ޖޯ އަލެން އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަޔަލޭންޑް އާއި ޖޯޖިއާ ކުޅުނު މެޗު 1-0އިން ކާމިޔާބު ކުރީ އަޔަލޭންށެވެ. އައިސްލޭންޑާއި ފިންލޭންޑް ވާދަކޮށް 3-2އިން ކުރި ހޯދީ އައިސްލޭންޑެވެ. ކްރޮއޭޝިޔާ އާއި ކޮސޯވޯ ވާދަކޮށް ކްރޮއޭޝިޔާ މޮޅުވީ 6-0އިންނެވެ. ތުރުކީ އާއި ޔުކްރޭން ބައްދަލުކޮށް އެއްވަރުވީ 2-2އިންނެވެ.