ރާއްޖޭގައި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރަން ސާބިތުވެ ސަރުކާރު ދެމި އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ އަންހެނުންގެ މެދުގައި ތަފާތު ކުރުން ނައްތާލުމަށް ގޮވާލައި އެކުލަވާލާފައިވާ މުއާހަދާ ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން (ސީޑޯ) ގައި ރާއްޖޭގެ ރިވިއު ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރަން ހާމަކޮށްފައިވާ ދެ ސިޔާސަތު ތަންފީޒު ކުރުމުގައި ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ.
އަނެހްނުންނަށް އަނިޔާ ކުރުން ހުއްޓުވުމަށާއި ހަމަހަމަ ގޮތެއްގައި އެކި ކަންކަމުގައި އަންހެނުން ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިދިއަ އަހަރު ތަސްދީގު ކޮށްފައިވާ ޖިންސީ ކުށުގެ ގާނޫނާއި ޖިންސީ ފުރައްސާރަ ކުރުމައި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނަކީ އަންހެނުންގެ ރައްކާތެރި ކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެކުލަވައިލެވުނު މުހިންމު ގާނޫނުތަކެއް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އަންހެނުންނަށް ހުރި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަންކަމުން އަންހެނުން ރައްކާތެރިކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.