ވޯލްޑް ކަޕް ކޮލިފައިންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއެކު އެންރޯލާގެ މައްޗަށް 6-0އިން ކުރި ހޯދައި ޕޯޗުގަލް ގްރޫޕްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗުގެ ފުރަތަމަ ހަތަރު މިނިޓް ތެރޭގައި ރޮނާލްޑޯ ދެ ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް ޕޯޗުގަލް އަށް ހޯދައިދިނެވެ. މިއީ ޖޫން މަހު ނިމުނު ޔޫރޯ ފައިނަލްގައި އަނިޔާވެ ބޭލި ފަހުން އޭނާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 42 ވަނަ ހެޓްރިކް ހެދީ ޖޯ ކަންސެލޯ ތިން ވަނަ ލަނޑު ޖަހައިދީފައިވަނިކޮށެވެ. ޕޯޗުގަލްގެ ފަހު ލަނޑު ޖެހީ އަންދްރޭ ސިލްވާ 86 ވަނަ މިނިޓްގަ އެވެ.
މެޗަށް ފަހު ރޮނާލްޑޯ ބުނީ 11 ކުޅުންތެރިން ބޯޅަ ފަހަތުގައި ތިބޭ ޓީމަކާ ދެކޮޅަށް ކުޅޭއިރު ފުރަތަމަ ގޯލުޖެހުމުގެ މުހިންމުކަން އޭނާގެ ޓީމުން ވިސްނި ކަމަށާއި އެހާ އަވަހަސް ގޯލެއް ޖެހުމުން މެޗު ފަސޭހަވެގެންދިޔަ ކަމަށެވެ.
"އަހަންނަށް އެނގޭ އަހަންނަކީ އަހަރުމެންގެ ހުރިހާ ކުޅުންތެރިންނަށް ވެސް މުހިންމު ކުޅުންތެރިއެއްކަން. އަހަރެން އަބަދުވެސް އަހަރެގެ ބެސްޓް ގައުމީ ޓީމަށް ދެން. ޔޫރޯ އަށް ފަހު އެނބުރި ގައުމީ ޓީމަށް އާދެވެމުން އަހަރެން އުފާވެއްޖެ. އަދި އަހަރެންގެ މުހިންމުކަން އަހަންނަށް އެނގޭ. އަހަރުމެން އަދި އަށް މެޗު ކޮލިފައިންގައި ކުޅެންޖެހޭ. އަހަރުމެން ބޭނުންވަނީ މި މެޗުތަކުން މޮޅުވެ ވޯލްޑް ކަޕަށްދާން،" ޔޫރޯ ޕޯޗުގަލް އަށް ކާމިޔާބުކޮށްދިން ކެޕްޓަން ބުންޏެވެ.
މި މެޗުގައ ރޮނާލްޑޯގެ ފަޔަށް އެންޑޯރާގެ ދެ ކުޅުންތެރިއަކު ދެ ފަހަރެއްގެ މަތީން ނުރައްކާތެރި ޓެކްލްތައް ކުރި އެވެ. ފަޔަށް ތަދުވި ނަމަވެސް 90 މިނިޓް ވަންދެން އޭނާ ދަނޑުމަތީގައި ހުއްޓެވެ.
މި މެޗުން މޮޅުވުމުން ޕޯޗުގަލް ގްރޫޕުގެ ތިން ވަނާގައިވަނީ ތިން ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވަނީ ހަ ޕޮއިންޓާއެކު ހަންގޭރީގެ މައްޗަށް 3-2އިން ކުރި ހޯދި ސްވިޒަލޭންޑެވެ. ދެ ވަނާގައިވަނީ ލެޓްވިއާ އަތުން 2-0އިން މޮޅުވެ. ހަތަރު ޕޮއިންޓާއެކު ފެރޯ އައިލެންޑްސް އެވެ.