ހަބަރު

ބަންދުގައި ހުރި ނަމަވެސް ނަޝީދަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭންޖެހޭނެ ކަމަށް ކަނޑައަޅައިދޭން ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތާ ގުޅިގެން އެމަނިކުފާނު ފުލުހުންގެ ބަންދުގައި ހުރި ނަމަވެސް އެމަނިކުފާނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދޭން އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ދައުލަތުގެ އެދުމުގެ މަތިން އެގޮތަށް އަމުރު ނެރުމުން އެމަނިކުފާނު މިހާރު ބަހައްޓާފައި ހުރީ ފުލުހުންގެ ރަށެއް ކަމަށް ވާ ކ. ދޫނިދޫގަ އެވެ.

ނަޝީދުގެ ފަރާތުން ހުށަހެޅި ސިވިލް ކޯޓަށް މިއަދު ހުށަހެޅި ދައުވާގައި އެދިފައިވަނީ ފުލުހުންގެ ބަންދުގައި އެމަނިކުފާނު ހުރި ނަމަވެސް ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމްއެންޑީއެފުން އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ މައްސަލަ ނިމެންދެން ނަޝީދަށް ސެކިއުރިޓީ ދޭން އެމްއެންޑީއެފްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދޭން ވެސް އެ ދައުވާގައި އެދިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ހިމާޔަތާއި އިނާޔަތް ދިނުމުގެ ގާނޫނު ބުނާގޮތުން ރައީސް ކަން ކޮށްފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުންނާއި ފިރިކަލުންނަށް ދައުލަތުން ސެކިއުރިޓީ ދޭންޖެހޭނެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ނަޝީދު ބަންދުކުރި ހިސާބުން އެމަނިކުފާނަށް ސެކިއުރިޓީ ދިނުން އެމްއެންޑީއެފުން ވަނީ މެދުކަނޑާލައިފަ އެވެ.