ލައިފްސްޓައިލް

ޝަލަބީގެ ހިތްވެސް، ދިރިއުޅުން ވެސް ވަރަށް އާދައިގެ!

  • ބަދަލުނުވި ދިރިއުޅުމާއި އާދައިގެ މީހާ
  • ފައިސާ އާއި މަޝްހޫރުކަން ބޭނުމެއް ނޫން
  • މީރާ އަކީ ވަރަށް ހާއްސަ ފަރާތެއް

އެކަޑެމީ އެވޯޑް ހާސިލުކުރި ފިލްމު "ސްލަމްޑޯގް މިލިއަނާ" އިން ދުނިޔޭގެ ސަމާލުކަން ހޯދި ޗައިލްޑް އެކްޓަރުންގެ ދިރިއުޅުން ބަދަލުވެގެންދިޔަ ގޮތުގެ އާދަޔާހިލާފު ވާހަކަ އެ ދުވަސްވަރު ދިވެހި ގިނަ ނޫސްތަކުން ވެސް ކިޔާލަން ލިބި، އާންމުންގެ މެދުގައި ނިކަން މަގްބޫލު ވާހަކައަކަށްވި އެވެ. މުމްބާއީގެ އާދައިގެ ސްލަމްއެއްގައި ދިރިއުޅެމުންދިޔަ އެ ތިން ކުދިން ފިލްމުގައި ދެއްކި އާދަޔާހިލާފު ހުނަރަށް ތައުރީފު އޮހި، އަރާމު ގެއާއި ނިދާނެތަނާއި ތަނަވަސްކަން ލިބި އެމީހުންގެ ދިރިއުޅުން ތާއަބަދަށް ބަދަލުވެގެން ދިޔައީ އެވެ.

އެއީ ރިއާލިޓީ ޝޯއަކުން ނުކުތް ނަތީޖާއަކަށްނުވިޔަސް، އާންމުކޮށް ރިއާލިޓީ ޝޯތަކުން ނުކުންނަ ނަތީޖާ އަކީ އެއީ އެވެ. އާދައިގެ ފަގީރު ނަފުސެއް ރިއާލިޓީ ޝޯއެއްގެ ނަސީބުގައި ޖެހި މަޝްހޫރުވެ، މުއްސަނދިވެގެން ދިއުމަކީ އަބަދުމެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެމެންނަށް ފެންނަ މަންޒަރެކެވެ.

ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި، ކައިވެނި ޕާޓީތަކަށް ހާއްސަކޮށްގެން ލަވަކިޔަން އުޅުނު މުހައްމަދު އައްސަފް މަޝްހޫރު އަރަބި އައިޑޮލް ކާމިޔާބުކުރި އާދަޔާހިލާފު ވާހަކަ އަކީ ވެސް އޭގެ ނަމޫނާއެކެވެ.

އެހެންކަމުން ރާއްޖެ އަށް އަލަށް ތައާރަފްކުރި ރިއާލިޓީ ސިންގިން ކޮމްޕެޓިޝަން، މޯލްޑިވިއަން އައިޑޮލް އިން ވެސް އެފަދަ މަންޒަރުތަކެއް ފެނި، އައިޑޮލް ކާމިޔާބުކުރާ ފަރާތަކަށް ނުވަތަ ވަކިން ހާއްސަކޮށް އާދައިގެ ދިރިއުޅުމަކުން އެ ތަޖުރިބާ އަށް ވަންނަ ހުނަރުވެރިއެއްގެ މުޅި ދިރިއުޅުން މި ރޭހެއް ނިމޭއިރަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް ވަރަށް ގިނަ މީހުން އުއްމީދުކުރި އެވެ.

އެގޮތުން ބަލަނީ ނަމަ، މޯލްޑިވިއަން އައިޑޮލްގެ ރަނަރަޕް، ޝަލަބީ އިބްރާހިމްގެ އާދަޔާހިލާފު ވާހަކައަކީ ފިލްމުތަކާއި ރިއާލިޓީ އެހެން ޝޯތަކުން ފެންނަ ފަދަ އަސަރުގަދަ ވާހަކައަކާ އެންމެ ވައްތަރު ނުވަތަ ގާތްކުރާ ވާހަކަ އެވެ. -- ޝަލަބީގެ ހަޔާތުގެ ވާހަކަ ވެސް "އައިޑޮލް" ގެ ނަމުގައި ފިލްމެއް އުފެއްދޭހާ އަސަރުގަދަ އެވެ. އެކަމަކު އޭނާގެ ވާހަކަ އެހެން އެންމެންގެ ވާހަކައަށް ވުރެން މާ ތަފާތެވެ!

ބަދަލުނުވި ދިރިއުޅުމާއި އާދައިގެ ހިތުގެ ވެރިޔާ!

ޝަލަބީގެ ވާހަކަ އެންމެ ކުރުކޮށް ކިޔައިދެވޭނީ މިގޮތަށެވެ. އެއަށް އިތުރުކުރަނީ ނަމަ ބުނަން ޖެހޭނީ، ހިތްތަކުގެ އައިޑޮލް އަކީ މިއީއޭ އެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލް އަކީ އަހަރެމެން އެންމެން ހީކުރިވަރުގެ ހަގީގީ ބަދަލުތަކެއް ޝަލަބީގެ ހަޔާތަށް ނުވަތަ އާންމު ދިރިއުޅުމަށް ގެނުވި ޝޯއެއް ނޫނެވެ.

އެކަމަކު އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން، އެ ތަޖުރިބާއާ މެދު ޝަލަބީ ދެކޭ ގޮތް ބަލައިލަމާ ހިނގާށެވެ.

"މޯލްޑިވިއަން އައިޑޮލް އިން އައި ބަދަލަކީ ކުރިއަށް ވުރެން މަޝްހޫރުވުން. އެކަމަކު (ލަވަކިޔުމާ މެދު) ކުރިއަށް ވުރެން މިހާރު ސީރިއަސް ވެސް ވެވިއްޖެ. އެކަމަކު އެއީ ޕާސަނަލް ބަދަލެއް ކަމަށް ގަބޫލުކުރަނީ މޯލްޑިވިއަން އައިޑޮލް އިން އައި ބަދަލަކަށްވުރެން،" އަމިއްލަ ކޮޓަރީގައި އިނދެ ވާހަކަ ދައްކަމުން ޝަލަބީ ބުންޏެވެ.

"ވަރަށް ބައިވަރު އުނދަގޫ ކަންކަން ވެސް ދިމާވޭ. ވަރަށް ބައިވަރު ރަނގަޅު ކަންކަން ވެސް ދިމާވޭ. އެކަމަކު އައިޑޮލް އަށް އަރައިގެން ބަދަލުވި ކަމަކަށް އެންމެ ފާހަގަކުރެވެނީ (އޭގެ ސަބަބުން ލިބުނު) ފޭމް އެކަނި. އިތުރު އެއްވެސް އެއްޗެއް ފާހަގައެއް ނުކުރެވޭ. އަނެއްހެން ޝަލަބީ ހޯދަން އުޅުނީކީ ވެސް ފޭމްއެއް ނޫން. އާއިލާ އަށް ވެސް އެހީތެރިކަން ދެވޭނެ ކަހަލަ (ކަމެއް ހާސިލުކުރަން ބޭނުންވީ ބޮޑަށް)."

ޝަލަބީގެ ވާހަކައަކީ މިއީ އެވެ. އަދި އޭނާގެ ދިރިއުޅުމަށް ބޯދިއްކޮށްލި ކޮންމެ މީހަކަށް ވެސް ފެންނާނެ މަންޒަރަކީ މިއީ އެވެ. މޮޅަށް ހެދުން އަޅައިގެން، މޮޅެތި މީހުންނާއެކު އަގުބޮޑު އިވެންޓްތަކުގައި ޕާފޯމްކުރުމުގެ ދޮރު ޝަލަބީ އަށް ހުޅުވިގެން ދިޔަޔަސް އޭނާގެ ދިރިއުޅުން އަދިވެސް ވަރަށް އާދައިގެ އެވެ.

"އިންސާނެއްވެއްޖެއްޔާމު ހަމަ ކޮންމެ މީހެއްގެ ވެސް ފީލިންސް ހުންނާނެ ދޯ. އެކަމަކު އޭގެ މާނައަކީ ހެވެއް ލިބޭއިރަށް ބޮޑާވާށެކޭ ވެސް ނޫން. ނޫނީ މާ ބައިވަރު ލާރިތަކެއް އޮތީތީވެ ބޮޑާވާށެކޭ ވެސް ނޫން. ނޫނީ ހާލުގައި އުޅޭތީ ހާލުގައި އުޅޭކަން ދައްކާށެކޭ ވެސް ނޫން. އެއީ ބަޔަކަށް ފެންނަން ޖެހޭ އެއްޗެއް ނޫން އަސްލު،" ޝަލަބީ ކިޔައިދިނެވެ.

އެކަމަކު "އަވަސް" ގެ ޓީމުން ޝަލަބީގެ މި އާދައިގެ ދިރިއުޅުމަށް ވަދެ "ބަލައި ހޭވީ" އެވެ. އަސްލު އެންމެ ބޮޑު ބޭނުމަކަށްވީ، މޯލްޑިވިއަން އައިޑޮލް އަށް ފަހު ޝަލަބީގެ ދިރިއުޅުމަށް އައި ބަދަލަކީ ކޮބައިތޯ ބެލުމާއި މީހުން އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ ހަގީގަތް ބަލައިލުމެވެ. -- ވަރަށް ގިނަ މީހުން ބުނާ އަޑު އަބަދުވެސް އިވެނީ ޝަލަބީ އަކީ ވަރަށް ބޮޑާ ނުވަތަ ފޮނިގޮތެއް ހުންނަ މީހެކޭއެވެ.

ސެލެބްރިޓީ ލައިފާއި ފޭމް ބޭނުމެއް ނުވޭ!

"ހިތްހަމަޖެހެނީ ހިތްހަމަޖެހިގެން އުޅުނީމައެއް ނޫންތަ؟ ފޭމްއަކުން ނޫނީ ސެލެބްރިޓީ ލައިފަކުންނެއް ހިތްހަމައެއްނުޖެހޭނެ. އަޅުގަނޑު ބަލަނީ އޭރަކު ދިމާވެފައި ހުންނަ ކަމަކުން ނުވަތަ ހާލަތަކުން އުފާ ލިބިގަނެ ކަންކަން ރަނގަޅުކުރެވޭތޯ. މައްސަލައެއް ޖެހިފައި އޮންނާކަށް ބޭނުމެއް ނޫން. ހުރިހާ ކަމެއް ވެސް ވަރަށް ޕީސްކޮށް އޮންނަން ބޭނުންވަނީ،" ޝަލަބީ ބުނީ މިހެންނެވެ.

އޭނާ އިށީނދެލައިގެން އިނީ ގާތްގަނޑަކަށް ހަ ފޫޓް ހަތަރު ފޫޓުގެ އާދައިގެ ކޮޓަރިއެއްގައި ބަހައްޓާފައި ހުރި ތިރިތިރި ލަކުޑި އެނދެއްގަ އެވެ. އެއީ އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ ނިދާ އެނދެވެ. ޝަލަބީގެ "ދާން" ހުރީ ސީލިންގާވީ ދިމާލު މައްޗަށް ނަގައިފަ އެވެ. އެއީ އަމިއްލަ އަށް ހަދައި ފާރުގައި ހަރުކޮށްފައިހުރި "ބަންކުބެޑެކެވެ."

ކޮޓަރި ތެރޭގައި އާދައިގެ އަލަމާރިއަކާއި ދޮންނަމެޝިނެއް ހުއްޓެވެ. ފާހާނާއެއް ނެތެވެ. ބޭނުންކުރަނީ، ބައިބަޔަށް ބަހާލާފައިވާ "އެ އެޕާޓްމަންޓް" ގެ އަނެއް ތިން ބައިގައި ވެސް ދިރިއުޅޭ މީހުން ބޭނުންކުރާ ފާހާނާއެވެ.

އެކަމަކު ޝަލަބީގެ އެއްވެސް ޝަކުވާއެއް ނެތެވެ. އޭނާ ބުނަނީ "މި ދިރިއުޅުން" މާ ބޮޑަށް ވެސް އަރާމުވެފައި "މަޖާ" ކަމަށެވެ. އަދި މަޝްހޫރުކަމާއި މުދާވެރިކަމަކަށް އޭނާގެ ހިތެއް ނުވެސް އެދޭ ކަމަށެވެ.

"ސެލެބްރިޓީ ލައިފް، ފޭމްއެއް ބޭނުމެއް ނޫން. ލަވަކިޔަން އެކަނި ބޭނުންވަނީ. އެކަމަކު ލަވަކިޔުމަކީ ޕެކޭޖެކޭ ބުނަނީ. ލަވަކިޔުމަކީ ފޭމް އާއި މަނީ އެންޑް ވެލްތު ދެން މިހެން ގޮސް މިހުރިހާ އެއްޗަކާ އެކު އަންނަ ޕެކޭޖެކޯ އެއީ،" ހިނިގަނޑެއް ޖަހާލަމުން ޝަލަބީ ބުންޏެވެ.

"އަދި މިއީ އެއްވެސް ކަމެއް ނޫންތާ. މިއަށް ވުރެން ހާލުގައި ވެސް އުޅެން ޖެހިދާނެ. ނުވަތަ މިއަށް ވުރެން ތިއާގި ދިރިއުޅުމެއް ވެސް ލިބިދާނެއެއް ނޫން. ދެން އެހެންވީމަ އެކަމާ ހިތާމަކޮށް މިގަޑީގައި ރުއިމުގެ ބޭނުމެއް ނެތް. މިގަޑީގައި ކަންކަން ރަނގަޅުކުރަން މަސައްކަތްކުރަން ޖެހޭނީ ދޯ."

އެންމެ ހާލުގައި ޖެހުނު ދުވަހު އެހީވި އެކަކަކީ މީރާ!

"އެހެން މީއުޒީޝަނުން ކައިރިއަށް ގޮސްފިއްޔާމު އުޅެވޭނީ ކޮންމެވެސް ލަވައެއް ކިޔާލުމެއްގަ އާއި އެކަހަލަ އެހެން ކަމެއްގައިތާ. އެކަމަކު މީރާއާ އެކު ހުރިހާ ކަމެއްގައި ވެސް އުޅެވޭނެ. ހުރިހާ ވާހަކައެއް ވެސް ޝެއާކުރެވޭނެ. ވަރަށް ގާތް ފްރެންޑެއް. ސިސްޓާއެއް ކަހަލަ އެކުވެރިއެއް،" ޝަލަބީ ބުންޏެވެ.

"އެންމެ ދަތި ހާލުގައި ޖެހުނުއިރު ވެސް މީރާގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. އެހެންވީމަކަން ނޭނގެ މިހާރު ވެސް މިހާ ގާތްކޮށް މި އުޅެވެނީ. މީރާ އެކަންޏެއް ނޫން. މެޒޯ ވެސް އަދި މީރާގެ މަންމަ ވެސް."

މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދަށް ޝަލަބީ ތައާރަފްވަނީ، އެކުވެރި ކުދިންތަކަކާ އެކު ސައުންޑްކްލައުޑަށް ރިކޯޑްކުރި ލަވަތަކެއް އާންމުވެގެން އުޅުނު ދުވަސްވަރެއްގަ އެވެ. އަނެއްކޮޅުން ޝަލަބީގެ އާންމުދިރިއުޅުމުގައި ވެސް ކުނިޖެހި އެންމެ ހާލުގައި އުޅެން ޖެހުނު ދުވަސްތަކުގެ ތެރެއިން ހިސާބެއްގަ އެވެ.

އުޅޭނެ ތަނެއްނެތިގެން މީރާމެން ގޭގައި ޝަލަބީ ގާތްގަނޑަކަށް ތިން މަސް ދުވަހު ހުއްޓެވެ.

މީރާ އަށް ފަހު އައިޑޮލްގެ ތަރިއެއް ކަމުގައިވާ، އިބްރާހިމް އަމާންއަކީ ވެސް ޝަލަބީގެ އެކުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ނަމެކެވެ. އަދި މިހާރު އޭނާގެ މިއުޒިކް ކެރިއަރުގެ އެންމެ މުހިންމު ނަމަކީ ސައްޕެ ނުވަތަ އޭނާގެ މެނޭޖަރެއްގެ ގޮތުގައި އަމިއްލަ ޝައުގުވެރިކަމާ އެކު މަސައްކަތްކުރަމުން އަންނަ އަލީ ޝަފީގެވެ.

"ޝަލަބީ މިއީ ލަވަކިޔާ މީހާ ހަމައެކަނި. އަޅުގަނޑުގެ ހުރިހާ ކަމެއް ކުރާނީ އަލީ ޝަފީގު ސައްޕެ. ކޮންމެ ކަހަލަ ދައްޗެއްވިޔަސް. ފެމިލީ މީހެއް ނޫން ސައްޕެއަކީ. އެކަމަކު މިހާރު ފެމިލީ އަށް ވުރެން ގާތްވާނެ،" ކައިރީގައި ސައްޕެ ބައިންދައިގެން ހުރެ ޝަލަބީ ކިޔައިދިނެވެ.

"ސައްޕޭ އަކީ ރައްޓެއްސެއް، މެނޭޖަރެއް. ބައްޕައެއް. ޝަލަބީގެ ހަޔާތުގެ ވަރަށް ބޮޑު ބައި މިހާރު ސައްޕެއަކީ. މަންމަމެން ވެސް މިހާރު ގުޅަނީ ސައްޕެ އަށް. ހުރިހާ އެންމެން ވެސް."

ހިތްވަރުހުރެގެން މޯލްޑިވިއަން އައިޑޮލް އަށް ނުކުންނާތި!

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ތަޖުރިބާ އަށް ފަހު ޝަލަބީ އެހެން މީހުންނަށް ދޭން އޮތް މެސެޖަކީ މިއީ އެވެ. އޭނާ ބުނަނީ ދިމާވެދާނެ އެންމެ ގޯސް ކަމަކަށް ދުރާލައި ތައްޔާރުވެގެން ނޫން ގޮތަކަށް އައިޑޮލް އަށް ކުރިމަތިލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

"ހިތްވަރެއް ހުރެގެން ކަންކަމާ ކުރިމަތިލެވޭނީ. ޝަލަބީމެން އޭރު އެ ހުރިހާ ކަމަކާ އުޅުނުއިރު ސަޕޯޓް ދޭނެ މީހުން ވެސް ތިބި. އަތުގައި ހިފައިގެން ގޮސް ސްޓޭޖުގައި ބަހައްޓައިދޭނެ ވަރުގެ މީހުން ވެސް ތިބި. އެކަމަކު ކޮންމެ ކޮންމެ މީހެއްގެ އެފަދަ މީހުން ނުތިބެދާނެ. އެހެންވީމަ ބަލަން ވިސްނަން ޖެހޭނީ އެމީހެއްގެ އެންމެ ވޯސްޓް ސިނާރިއޯއަކުން،" ޝަލަބީ ބުންޏެވެ.

"އެހެންވީމަ ހުރިހާ ކަމަކަށް ތައްޔާރުވެގެން ނޫނިއްޔާމު އެވަރުގެ ބޮޑު ކަމަކަށް ކުރިމަތިނުލައްޗޭ. އެއީ ވަރަށް ބޮޑު ކަމެއް. ވަރަށް ބޮޑު ސްޓޭޖެއް. ވަރަށް ބިރުގަންނާނެ. އެކަން ތަހައްމަލްކުރި މީހެއްގެ ގޮތުން މި ބުނަނީ."