ސްޕޭނުގެ ބާސެލޯނާ އަކީ ގިނަ ފުޓްބޯޅަ ކުޅުންތެރިން އެކުލަބަކަށް ކުޅެން ބޭނުންވާ ކުލަބެކެވެ. އަދި އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ތަރިން ކުޅެފައިވާ މުއްސަދި ތާރީހެއް އޮތް ކުލަބެކެވެ. ނަމަވެސް ބާސެލޯނާގައި ކާމިޔާބު ހޯދުމަށްފަހު އެއްބައި ކުޅުންތެރިންނަށް ދެން ލައްވާލަނީ ނާކާމިޔާބު ދުވަސްތަކަކާ އެވެ. އަނެއް ބައި ކުޅުންތެރިން ވަނީ ބާސެލޯނާ އަކީ ކާމިޔާބު ހޯދަން އޮތް ހަމައެކަނި މަގުނޫން ކަން ސާބިތުކޮޑށްދީފަ އެވެ. މިރިޕޯޓްގައި މި ބަލާލަނީ ފަހުގެ ތާރީހުގައި ބާސެލޯނާ ދޫކޮށްދިޔަ ބައެއް މުހިންމު ކުޅުންތެރިންގެ ކެރިއަރަށެވެ.
ކުޅަދާނަ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ބާސެލޯނާ ދޫކޮށްދިއުމުގައި ދެ ތިއަރީއެއްވެ އެވެ. ފުރަތަމަ ގޮތަކީ ކޯޗު ޕެޕް ގާޑިއޯލާގެ ޓެކްޓިކަލް މެތަޑްތަކަށް އިބްރަހިމޮވިޗް ލޯބިނުކުރަނީ ކަމަށެވެ. އަދި ކޯޗު ބުނާވަރަށް އެބުނާގޮތަކަށް ކުޅެން އޭނާ އަށް އުނދަގޫވަނީ އެވެ. ލަޔޮނަލް މެސީގެ ހިޔަނިވެސް އެޅެނީ އެވެ. އަނެއް ގޮތަކީ ގާޑިއޯލާ އަށް އިބްރަހިމޮވިޗް ކަމުނުދަނީ އެވެ. އެކަމަކު ބާސެލޯނާ ދޫކޮށްދިޔަ ފަހުން ވެސް އޭނާ އަކީ ކާމިޔާބު ކުޅުންތެރިއެކެވެ. އިޓަލީގެ އޭސީމިލާނާއި ފްރާންސްގެ ޕީއެސްޖީގައި އޭނާ އަކީ ރަސްކަލެއް ފަދަ ކުޅުންތެރިއެކެވެ. މިހާރު މެންޗެސްޓާ ޔުނައިޓެޑުގައި ވެސް ލީޑްކުރަނީ އޭނާ އެވެ.
ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ އަކީ ވެސް ބާސެލޯނާ ދޫކޮށް ކާމިޔާބު ހޯދި ކުޅުންތެރިއެކެވެ. ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ އެދޭތެރޭ މެދުގައި އިޓަލީގެ އިންޓަމިލާނުގެ ސަޕޯޓަރުންގެ ހިތްތައް ފަތަހަކޮށްފަ އެވެ. މެޑްރިޑުގައި ރޮނާލްޑޯ ދެ ފަހަރު ލަލީގާ ކާމިޔާބުކުރި އެވެ. 127 މެޗުން 83 ގޯލު ވެސް ޖެހި އެވެ. އެކަމަކު ބާސެލޯނާގައި އޭނާ ދެއްކި އާދަޔާހިލާފު މޮޅުކުޅުން ފަނޑުކޮށްލެވޭވަރެއްނުވި އެވެ.
ލުއިސް ފީގޯ އަކީ ބާސެލޯނާގެ ޖާޒީގައި އެކުލަބުގެ ސަޕޯޓަރުންގެ މިތުރެކެވެ. އެކަމަކު ކުއްލި ނިންމުމަކާއެކު ވާދަވެރި ރެއާލް މެޑްރިޑަށް ދިއުމުން އޭނާ ބަދަލުވީ އެމީހުންގެ އެއްވަނަ ހަތުރަަށެވެ. އެކަމަކު ފީގޯ ރެއާލްގައި ކާމިޔާބު ހޯދި އެވެ. ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އޭނާއާ ދިމާކުރިއަސް ފީގޯ އިންޓަމިލާނަށް ދިޔައީ ރެއާލްގައި ޗެމްޕިއަންސް ލީގު ވެސް އުފުލާލައިފަ އެވެ.
މައިކަލް ލައުޑްރަޕް އަކީ ބާސެލޯނާއިން ރެއާލް އަށް ދިޔަ ކުޅުންތެރިއެކެވެ. ރެއަލްގައި ކާމިޔާބީތަކެއް ހޯދި ނަމަވެސް ބާސެލޯނާގައި އޭނާ ވިދާލިވަރާގާތްވެސް ނުކުރެވުނެވެ.
މަޝްހޫރު ސެމިއުލް އެޓޫ އަކީ ރެއާލް މެޑްރިޑުން ކަމުނުދިޔަ ކުޅުންތެރިއެކެވެ. އެކަމަކު ބާސެލޯނާ އަށް އައިސް އޭނާ އެތައް ތައްޓެެއް ހޯދި އެވެ. ބާސެލޯނާ ދޫކޮށް އިޓަލީގެ އިންޓަމިލާނަށް ބަދަލުވެ މޮރީނިއޯގެ ކޯޗުކަމުގައި 2010 ވަނަ އަހަރުގެ ސީޒަނުގެ އިޓާލިއަން ކަޕާއި އިޓާލިއަން ލީގު އަދި ޗެމްޕިއަންސް ލީގު ވެސް އުފުލާލި އެވެ.
އެކަމަކު ސެސް ފެބްރިގާސްގެ ކެރިއަރު މާކާމިޔާބެއްނޫނެވެ. ބާސެލޯނާއިން ޗެލްސީ އަށް ބަދަލުވެ، މޮރީނިއޯގެ ކޯޗުކަމުގައި ފުރަތަމަ ސީޒަނުގައި ޕްރެމިއާ ލީގު ނެގިނަމަވެސް މިހާރު ޓީމަށް ވެސް އޭނާ ނާރަ އެވެ. މިއާ ޖެހުނު އަނެއް ކުޅުންތެރިއަކީ ޕެޑްރޯ އެވެ. ފޯވަޑް ލައިނުގައި ވާދަވެރިކަން ބޮޑުވެ، ބެންޗުގައި އިންނަންޖެހުމުން އެކަމާ ހިތްހަމަނުޖެހިގެން ޗެލްސީ އަށް ދިޔަ ކުޅުންތެރިޔާ މިހާރު އިންނަން ޖެހިފައިވަނީ ޑިއެގޯ ކޯސްޓާ އާއި ވިލިއަން އާއި އެޑެން ހަޒާޑް އަދި އޮސްކާގެ ފަހަތުން ޖާގަ ލިބޭ ކުޅުންތެރިއެއްގެ ގޮތުގައި ބެންޗު ހޫނުކުރާށެވެ.
ލިވަޕޫލުން ލުއިސް ސުއަރޭޒް އުފުރާލުމާއެކު ބާސެލޯނާގެ ފޯވަޑް ލައިން އަދަޔާ ހިލާފަށް ވަރުގަަދަވި އެވެ. އެލެކްސިސް ސަންޗޭޒް ކުލަބު ބަދަލުކުރީ ވެސް މިކަމާ ހެދި އެވެ. އެކަމަކު އާސެން ވެންގާގެ އާސެނަލްގައި މިހާރު އޭނާ އަކީ އެންމެ އިސް އެއްް ފޯވަޑެވެ. ތައްޓެއް ނުލިބުނަސް ސަންޗޭޒަށް ކުޅެން ފުރުސަތު ލިބޭތީވެ އޭނާގެ ބޭނުން ފުރިހަމަވެއްޖެ އެވެ. މިފަދަ އަނެއް ކުޅުންތެރިއަކީ ޔާޔާ ޓޯރޭ އެވެ. މޮޅަށް ކުޅެމުންދަނިކޮށް ކޯޗު ގާޑިއޯލާ އޭނާ ވިއްކާލުމުން ޓޯރޭ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ބާސެލޯނާއި ހޯދިފަދަ ޗެމްޕިއަންސް ލީގެއް ނުލިބުނަސް އޭނާ ވަނީ ދެ ފަހަރު ޕްރެމިއާ ލީގު އަދި އެފްއޭކަޕް މެންޗެސްޓާ ސިޓީގައި ހޯދާފަ އެވެ. އެކަމަކު އެކުލަބަށް ގާޑިއޯލާ އައުމުން މިހާރު ޓޯރޭ ވަނީ ބާކީވެފަ އެވެ.
ބާސެލޯނާ ދޫކޮށް އެންމެ ފަހުން ދިޔަ ކުޅުންތެރިއަކީ ކުލަބުގެ ކެޕްޓަން އަދި އޭނާ އަށްޓަކައި ބާސެލޯނާ ފަހުރުވެރިވާ ޒަވީ ހަނާންޑޭޒް އެވެ. ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ވެސް އުފުލާލާފައިވާ ޒަވީ ބާސެލޯނާ އަށް ކުޅެދިން ފަހު ތިން މެޗަކީ ހާއްސަ ވަގުތުކޮޅުތަކެކެވެ. މިތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ސްޕެނިޝް ލީގު އުފުލާލި އެވެ. ދެ ވަނަ މެޗުގައި ކޮޕާޑެލްރޭގެ ތަށި އުފުލާލުމަށްފަހު ބާސެލޯނާގެ ޖާޒީ ބޭލީ ޗެމްޕިއަންސް ލީގު ތަށި ވެސް ކެޕްޓަނެއްގެ ގޮތުގައި އުފުލާލައިގެންނެވެ. ގަތަރުގެ އަވިން އޭނާގެ 35 އަހަރުވީ ބެޓެރީ ޗާޖުކޮށްގެން އަލްސާދަށް ކުޅުނަސް ޒަވީ މާބޮޑު ކާމިޔާބީތަކެއް ހޯދާނެ ކަމަށް އެކަކު ވެސް އުއްމީދެއްނުކުރެ އެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ބާސެލޯނާގެ ކެރިއަރު މާފުރިހަމަ އެވެ.
އެކަމަކު ބާސެލޯނާގައި އެފަދަ ދެވަނަ އެއްނެތް ޑެނީ އަލްވެޒް ޔުވެންޓަސްގައި ހުރީ ނިކަން ވަދުކޮށެވެ. އޭނާގެ ތަރިއޮއްސިއްޖެފަދަ އެވެ. މިއާ ހިލާފަށް ސްޕޭނުގެ ޑޭވިޑް ވިޔާ އަކީ ވާދަވެރި ޓީމަކަށް ގޮސް ބޮޑު ކާމިޔާބީއެއް ހޯދި މުހިންމު ކުޅުންތެރިއެކެވެ. އޭނާ ބާސެލޯނާއިން ދިޔައީ އެތްލެޓިކޯ މެޑްރިޑަށެވެ. އެކުލަބުގައި ސްޕެނިޝް ލީގު އޭނާ އުފުލާލީ އޭގެ ކުރީ 18 އަހަރު ލީގު ތަށީގައި ނުލިބުގެ ހިތާމައިގައި އެތްލެޓިކޯ އޮއްވަ އެވެ.