ބޭރު ކުޅިވަރު

ލެވޮންޑޯސްކީ ހެޓްރިކް ހެދިއިރު މުލާގެ ދެ ގޯލުން ޖަރުމަނަށް ފަސޭހަ މޮޅެއް

ބަޔާން މިއުނިކްގެ ދެ ފޯވަޑުން ކަމަށްވާ ރޮބަޓް ލެވޮންޑޯސްކީ އާއި ތޯމަސް މުލާގެ ލަނޑުތަކުން ވޯލްޑް ކަޕް ކޮލިފައިންގައި ޕޮލެންޑާއި ޖަރުމަނު މޮޅުވެއްޖެ އެވެ.

ޑެންމާކް އަތުން 3-2އިން ޕޮލެންޑް މޮޅުވި މެޗުގައި ލެވޮންޑޯސްކީ ވަނީ ހެޓްރިކް ހަދާފަ އެވެ. މި މެޗުގެ ފުރަތަމަ ތިން ލަނޑު ވެސް ޖެހީ ލެވޮންޑޯސްކީ އެވެ. އޭނާ ލަނޑު ޖަހާފައިވަނީ 20 ވަނަ މިނިޓާއި 36 އަދި 48 ވަނަ މިނިޓްގަ އެވެ. ޑެންމާކުގެ ފުރަތަމަ ލަނޑަކީ ޕޮލެންޑް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ 69 ވަނަ މިނިޓްގައި ޔޫސުފް ޕޯލްސެން އެވެ.

މި މޮޅާއެކު ޕޮލެންޑް އޮތީ ގްރޫޕް އީގެ ތިން ވަނާގަ އެވެ. އެއީ ހަތަރު ޕޮއިންޓާއެކުގަ އެވެ. ޑެންކާމް އޮތީ ތިން ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ. އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު މޮންޓެނީގްރޯ އެވެ. އޭގެ ފަހަތުން ހަތަރު ޕޮއިންޓާއެކު ދެ ވަނާގައިވަނީ ރޫމޭނިޔާ އެވެ.

ޖަރުމަނު ފަސޭހަކަމާއެކު ރޭ މޮޅުވީ ޗެކް ރިޕަބްލިކް އަތުން 3-0އިންނެވެ. މުލާ ދެ ގޯޅު ޖެހިއިރު އަނެއް ގޯލު ޖެހީ ރެއާލް މެޑްރިޑުގެ ޓޯނީ ކްރޫސް އެވެ.

މި މޮޅާއެކު ޖަރުމަނު އޮތީ ގްރޫޕް ސީގެ އެއްވަނާގަ އެވެ.