ބޭރު ކުޅިވަރު

ގިނަ ގޯލުތަކެއް ނުޖެހުނީ ކީޕަރު މޮޅުކަމުން: އިނގިރޭސި ކޯޗު

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ މޯލްޓާ ކޮޅަށް އިނގިރޭސިންނަށް ގިނަ ގޯލުތަކެއް ނުޖެހުނީ ކީޕަރު އެންޑްރޫ ހޮގް މޮޅުކަމުން ކަމަށް އިނގިރޭސި ކޯޗު ގެރެތް ސައުތުގޭޓް ބުނެފި އެވެ.

އިނގިރޭސިން އަމިއްލަ ދަނޑުގައި 2-0އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޓީމުގެ ވަގުތީ ކޯޗު ސައުތުގޭޓް ބުނީ މޯލްޓާ ކޮޅަށް ގޯލު ޖެހުމަކީ މިހާރު އެއްވެސް ޓީމަކަށް ފަސޭހަކަމެއްނޫން ކަމަށެވެ.

"އެމީހުން ކްރޮއޭޝިޔާ އާއި އިޓަލީ އަތުން ބަލިވީ ވެސް ކުޑަތަފާތަކުން. ކީޕަރު ވަރަށް މޮޅު. އެއީ ގޯލު ނުޖެހޭ އެއް ސަބަބަކީ. އަހަރުމެންނަށް މި މެޗުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު. އެކަމަކު ކީޕަރު ވަރަށް މޮޅަށް ކުޅުނު،" ސައުތުގޭޓް ބުންޏެވެ.

މި މެޗުގައި އެންޑްރޫ ވަނީ ފުރަތަމަ ހާފުގައި ވެސް އިނގިރޭސި ޓީމުގެ ފަސް ހަމަލާ ދިފާއުކޮށްފަ އެވެ. ކެޕްޓަން ވޭން ރޫނީ އާއި ތިއޯ ވޮލްކޮޓާއި ޑެއްލޭ އަލީ އާއި ޖެސޭ ލިންގާޑް އަދި ޑެނިއަލް ސްޓަރިޖުގެ ބާރު ހަމަލާތައް އޭނާ ދިފާއު ކުރިއިރު މެޗުގައި ލަނޑު ޖެހީ ސްޓަރިޖާއި އަލީ އެވެ.

ކޯޗު ބުނީ ފޯވަޑް ކުޅުންތެރިންގެ އަތުން ހެދޭ ގޯސްތައް ވެސް ބަލައިގަންނަން ޖެހޭނެ ކަމަށާއި ލިބެ ފުރުސަތުތައް ނަގާލެވުމަކީ ފުޓްބޯޅައިގައި ދިމާވެދާނެ ކަމެއް ކަމަށެވެ.

މި މެޗަކީ ސައުތުގޭޓާ ޓީމު ހަވާލުކޮށްފައިވާ ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ. އޭނާއާ ޓީމު ހަވާލުކުރީ އިނގިރޭސި ކޯޗުކަމުން އެންމެ ދެ މެޗަށް ސޭމް އެލާޑީސް ވަކިވުމުންނެވެ. އެއީ އިނގިރޭސި އެފްއޭގެ ކޯޑްއޮފް ކޮންޑަކްޓާ ހިލާފުވުމުން އިސްތިއުފާދޭން އޭނާ އަށް މަޖުބޫރުވުމުންނެވެ.

މި ނަތީޖާއާއެކު އިނގިރޭސިން އޮތީ ކޮލިފައިން ގްރޫޕުގެ އެއްވަނާގަ އެވެ. އެއީ ހަ ޕޮއިންޓާއެކުގަ އެވެ. މޯލްޓާ އޮތީ ޕޮއިންޓެއް ނުލިބި ހަ ޓީމު ވާދަކުރާ ގްރޫޕުގެ ފުލުގަ އެވެ. ދެ ވަނާގައިވަނީ ހަތަރު ޕޮއިންޓް ހޯދާފައިވާ ސްކޮޓްލޭންޑެވެ. އޭގެ ފަހަތުން ސްލޮވީނިއާ އެވެ. އެ ޓީމު އަންގާރަ ދުވަހު ކުޅޭނީ އިނގިރޭސީންނާ އެވެ.