ވިޔަފާރި

އެއާޕޯޓް އާ ރަންވޭ އަށް ބިން ހިއްކުމުގެ 30 ޕަސެންޓް ނިމިއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ތަރައްގީ ކުރާ އާ ރަންވޭ އަޅާ ސަރަހައްދުގެ 30 ޕަސެންޓް ހިއްކާ ނިންމާލައިފި އެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން، ގަލްފް ކޮބްލާ ކުންފުނިން ހިއްކަމުން ގެންދާ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ، ރަންވޭގެ މަސައްކަތުގެ މައުލޫމާތު ދެއްވަމުން އައިއެންއައިއޭ ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ދެވަނަ ރަންވޭގެ މަސައްކަތް ދަނީ ވަރަށް ހަލުވިކޮށް ކަމަށާއި، މި މަސައްކަތް އިތުރަށް ހަލުވި ކުރުމަށް ބުރާސްފަތި ދުވަހު އިތުރު ދެ ޓްރެޖަރު ގެންނާނެ ކަމަށެވެ.

"ކޮންޓްރެކްޓަރު އަންގާފައި އިން ގޮތުން ބުރާސްފަތި ދުވަހު ގެނެވޭނެ އިތުރު ދެ ޑްރެޖަރު. މި ދެ ޓްރެޖަރު ގެނެވުމުން މަސައްކަތް މިހާރަށްވުރެ ދެ ގުނަ ހަލުވި ވެގެންދާނެ،" އާދިލް ވިދާޅުވި އެވެ.

އާ ރަންވޭ އެޅުމަށް ގާތްގަނޑަކަށް 62 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އާ ރަންވޭ އެޅުމަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ. މީގެ ތެރެއިން 373 މިލިއަން ޑޮލަރު ޗައިނާގެ ލޯން އެހީގެ ގޮތުގައި ވަނީ ހޯދާފަ އެވެ.

އާ ރަންވޭ އެޅުމަށް ހަމަޖެހިފައިވަނީ އެއާ ޓެކްސީތައް ހުންނަ ސަރަހައްދާ އިންވެގެން އޮންނަ ސަރަހައްދުގަ އެވެ. ރަންވޭ އަޅަން ހުޅުމާލެ ނެރާއި ހަމައަށް ހިއްކާނެ އެވެ.

އާދިލް ވިދާޅުވީ ހުޅުމާލެ އަށް ވަންނަ ނެރާ ހަމައަށް ބިން ހިއްކުމުގެ މަސައްކަތް ކުރާތީ، އިތުރު ނެރެއް ކަނޑައި ދީފައިވާނެ ކަމަށެވެ.

"އެޗްޑީސީއާ ގުޅިގެން ނެރު ކަނޑައި، މިހާރު ހުންނާނީ ބޭނުންކުރެވޭ ހާލަތަށް ގެނެވިފައި،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަންވޭ އެޅުމަށް ހިއްކުމަކީ މުޅިން ތަފާތު ކަމެއް ކަމަށެވެ.

"ނޯމަލް ބިން ހިއްކުމާއި ރަންވޭއެއް އަޅަން ހިއްކުން މުޅިން ތަފާތު ވާނެ. މީގެ ތަފާތުވާ ކަމަކީ ކޮންމެ ދުވަހަކު އެއައް ބޯޓެއް ޖައްސާ އެއާޕޯޓަަށް. އެހެންވެ ކޮމްޕެކްޝަން ވެސް ހުންނަން ޖެހެނީ ވަކި މިންގަނޑެއްގައި،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ރަންވޭއަކީ "ކޯޑް އެފް" ގެ ރަންވޭއެއް ކަމަށާއި، މި ރަންވޭ އަށް އެންމެ ބޮޑެތި އެއާލައިންތައް ވެސް ޖެއްސޭނެ ކަމަށެވެ.

"އާ ރަންވޭ އެޅުމުން މިހާރުގެ ރަންވޭ ބޭނުންކުރާނީ ޓެކްސީ ވޭއެއްގެ ގޮތުގައި. މި ބަދަލުކުރާ ސަބަބަކީ ވަރަށް ގިނަ ވަގުތު ޖެހޭ ބޯޓު ވައިގެ ތެރޭގައި ނުޖައްސައި އޮންނަން. ނަމަވެސް އާ ރަންވޭ އެޅުމުން މެއިން ރަންވޭ އޮންނާނީ އެވޭލަބަލްކޮށް،" އާދިލް ވިދާޅުވި އެވެ.

އައިއެންއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން، އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރުމަށް ވަނީ ސައޫދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފަ އެވެ. މި މަޝްހޫރުގެ އަގަކީ 300 މިލިއަން ޑޮލަރެވެ. އަދި މުޅި މަޝްހޫރުގެ އަގު 800 މިލިއަން ޑޮލަރަށް އަރަ އެވެ.