ހަބަރު

ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅެނިކޮށް އަތުލައިފި

Mar 1, 2015
1

ތޫނު އެއްޗަކުން ބިރުދައްކައި ހަމަލާދިނުމަށްފަހު ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅެނިކޮށް ފުލުހުން ގޮސް މީހުން ސަލާމަތްކޮށް ފައިސާތައް ހޯދައިދީފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:30 އެހާކަންހާއިރު ހުލުމާލެ، އެމްއެންޑީއެފް ކޮށި ހުންނަ ސަރަހައްދުގައި، ބަޔަކު މީހުންވެގެން ފޭރެން މަސައްކަތްކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްގެ ބޭނުމަށް ބޭންކުން ނަގައިގެން ގެންދިޔަ ފައިސާތަކެއް ކަމަށާއި އެ ފައިސާތައް ފޭރެން އުޅެނިކޮށް މީހުންނާއި ފައިސާ ސަލާމަތްކޮށްފައިވަނީ އެވަގުތު އެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ، ފުލުހުން ކަމަށެވެ.

އަދި ބުނީ ފޭރެން އުޅުނު މީހުން ފިލާފައިވާއިރު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި ފައިސާ ހިފައިގެންދިޔަ މީހާއަށް އަނިޔާވެފައިވާއިރު އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.