ބޭރު ކުޅިވަރު

ބެޓްސްމަން ޔޫނުސް ހާނަށް ޑެންގޫ ޖެހިއްޖެ

ޕާކިސްތާނުގެ ބެޓްސްމަން ޔޫނުސް ހާން އަށް ޑެންގޫހުން ޖެހުމުގެ ސަބަބުން ވެސްޓް އިންޑީޒާ ދެކޮޅަށް ކުޅޭ ޓެސްޓް މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

މިއީ އިތުބާރު ބެޓްސްމަނަށް 2011 ވަނަ އަހަރުގެ ފަހުން ޓެސްޓް މެޗެއްގައި ނުކުޅެވިދާ ފުރަތަމަ ފަހަރެވެ.

މަދިރީގެ ސަބަބުން ފެތުރޭ ނުރައްކާތެރި މިބަލި ޔޫނުސް އަށް ޖެހުނީ މިދިޔަ މަހު އެވެ. އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ އަށް ބަލީގެ ސަބަބުން އަލުން ކުޅެން ނުކުމެވޭވަރަށް އަދި ރަނގަޅެއްނުވެ އެވެ.

އަންނަ ބުދަ ދުވަހު ޑުބާއީގައ ފަށާ ތިން މެޗުގެ ސީރީޒް ޔޫނުސް އަށް ގެއްލޭއިރު އޭނާ އަކީ ޓެސްޓް މެޗުތަކުގައި ޕާކިސްތާނުގެ އެންމެ ގިނަ ލަނޑު ހަދާފައިވާ ކުޅުންތެރިޔާ އެވެ. ޔޫނުސް ވަނީ 108 މެޗުން 9456 ލަނޑު ހަދައިފަ އެވެ. އޭނާގެ އެންމެ ފަހުން މެޗުގައި މިދިޔަ އޮގަސްޓް މަހު ވެސް 218 ލަނޑު ހަދާފައިވެ އެވެ.